ދުނިޔެ

ފަލަސްތީނުގެ ޕާލިމަންޓް އުވާލުމާ ހަމާސް ދެކޮޅު

Dec 24, 2018

ޣައްޒާ (ޑިސެމްބަރު 23) - ފަލަސްތީނުގެ ޕާލިމަންޓް އުވާލަން ކޯޓަކުން ކުރި އަމުރެއް ތަންފީޒު ކުރަން ރައީސް މަހުމޫދު އައްބާސް ނިންމެވި ނިންމެވުމުގެ ސަބަބުން މުޅި ގައުމު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިދާނެކަމަށް، ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުން ބުނެފި އެވެ.

ފަލަސްތީނުގެ ލެޖިސްލޭޓިވް ކައުންސިލް އުވާލައި، ހަ މަސް ދުވަހުގެ ތެރޭގައި އާ އިންތިހާބެއް ބާއްވައިފިނަމަ، މުޅި ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓި، ސިޔާސީ ނިޒާމް ފުނޑުފުނޑުވާނެކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.

އައްބާސްގެ އެ ނިންމެވުން އިއުލާނު ކުރައްވާފައިވަނީ، އެމަނިކުފާނުގެ ފަތަހު ޕާޓީ އާއި ހަމާސް އާދެމެދު 2007 ވަނަ އަހަރުން ފެށިގެން ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ވަނިކޮށެވެ.

ރައީސްގެ ނިންމެވުމާއި ދެކޮޅަށް ފަލަސްތީނު ރައްޔިތުންނާއި އެހެން ސިޔާސީ ޕާޓީތައް ތެދުވުމަށް ވެސް ހަމާސް އިން ވަނީ ގޮވާލައިފަ އެވެ.

މިސްރުން އިސްވެ ފަލަސްތީނުގެ ވެސްޓް ބޭންކާއި ޣައްޒާގައި އުފެދިފައިއޮތް ބައިބައިވުންތައް ނިމުމަކަށް ގެންނަން ކުރަމުންދާ މަސައްކަތަށް ހަމާސް އިން ހުރަސްއަޅަމުންދާކަމަށް އައްބާސް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.