އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ، ޖޭޕީއިން ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރުމަށް ނިންމި ނިންމުމަކީ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރޭ ޖުމްހޫރީ ޕާޓީއިން ވަނީ އެ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. އެ ޕާޓީއިން ހުޅުވާލީ 87 ދާއިރާއަށް ވެސް ކުރިމަތިލުމަށެވެ.
އެންމެ ފުރަތަމަ 87 ދާއިރާއަށް ކުރިމަތިލާން ނިންމީ އެމްޑީޕީންނެވެ. އެ ޕާޓީގެ ގައުމީ މަޖިލީހަށް އެގޮތަށް ހުށަހެޅުއްވީ ވެސް ރައީސް ނަޝީދެވެ. އެކަމާ ގުޅިގެން ކޯލިޝަންގެ ތެރޭގައި ހިޔާލު ތަފާތުވި އެވެ. އެގޮތުން އެކަމާ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ފަރާތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ.
އެ ޕާޓީތަކުން ފާހަގަކޮށްފައިވާ ގޮތުން ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން މަޖިލީހުގެ ގޮނޑިތައް ވަކި މިންވަރަކަށް ބަހަން ޖެހެ އެވެ. ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަކީ އެ އެއްބަސްވުމާ ހިލާފުވާ ކަމެކެވެ. ނަމަވެސް އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު ވަނީ މަޖިލީހުގެ ގޮނޑިތައް ބަހާނެ ގޮތުގައި ކޯލިޝަންގެ ހަތަރު ލީޑަރުންގެ އެއްބަސްވުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ޖުމްހޫރީ ޕާޓީގެ ނިންމުމަށް މަރުހަބާ ވިދާޅުވެ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ރައްޔިތުންނަށް އިހްތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ މަގު ތަނަވަސްކޮށްދެމުން ޖުމްހޫރީ ޕާޓީއިން 87 ދާއިރާއަށް ކެންޑިޑޭޓުން ނެރުމަށް ނިންމި ނިންމުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
ސަރުކާރު ހިންގުމުގައި ކޯލިޝަން ބަދަހިކޮށް އޮންނާނެކަމީ ކަށަވަރު ކަމެއް ކަމަށް ވެސް ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވެސް ކޯލިޝަންގެ ހަތަރު ލީޑަރުން ވަނީ ރައީސް ސޯލިހާ ބައްދަލު ކުރައްވައި ގޮނޑި މައްސަލާގައި މަޝްވަރާ ކުރައްވާފަ އެވެ. ނަމަވެސް އެކުގައި މަޖިލީހަށް ނުކުތުމާމެދު އެއްބަސްވުމަކަށް ނާދެވެ އެވެ. ނަމަވެސް ރައީސް ސޯލިހު ވިދާޅުވީ އެކަމަށް ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ.