ހަބަރު

އެކަނި އުޅުނު މުސްކުޅި އަންހެނަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ

އަޅައިލާނެ ފަރާތެއް ނެތިސ. ހުޅުދޫގައި އެކަނި ދިރިއުޅެމުން އައި އުމުރުން 82 އަހަރުގެ އަންހެނަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮޮސް އޭނާއަށް ފަރުވާ ދެމުން ދަނިކޮށް، މަރުވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "އަވަސް" އަށް މިރޭ ވިދާޅުވީ ހާލު ދެރަ، އަޅައިލާނެ ފަރާތެއް ނެތް އުމުރުން ދުވަސްވީ އަންހެނަކު އައްޑޫ ސިޓީގައި ދިރިއުޅެމުން އަންނަ ކަމުގެ މައުލޫމާތު ލިބިގެން މިދިޔަ ހޮނިހިރު ދުވަހު އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

އަދި އޭނާގެ ސިއްހީ ހާލަތު ގޯސް ކަމުން އޭނާއަށް ފަރުވާ ދެމުން ދިޔަ ކަމަށާއި ނަމަވެސް ހާލަތު ގޯސް ކަަމުން މާލެ ގެނެވޭ ވަރެ ނުވި ކަމަށެވެ. އަދި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.

"އާއިލާގެ ފަރާތުން ވެސް ހަވާލުވާނެ ފަރާތެއް ނެތި އެކަނި އުޅެމުން އައި ދުވަސްވީ އަންހެނެއް އެއީ، އެކަން އާންމު ފަރާތަކުން އަޅުގަނޑުމެންނަށް ރިޕޯޓު ކުރި ހިސާބުން އަޅުގަނޑުމެންގެ ސޯޝަލް ސާވިސް ވޯކަރުން ހަރަކާތްތެރިވަމުން ދިޔައީ، އޭނާއަށް ސިއްހީ ފަރުވާ ދެމުން ދިޔައީ، މާލެ ގެނައުމުގެ މަސައްކަތް ވެސް ކުރި ނަމަވެސް ހާލަތު ހުރި ގޮތުން ވައިގެ މަގުން ވެސް ގެނައުން ފަސޭހަ ކަމަކަށް ނުވި،" އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އޭނާއަކީ އައްޑު ސިޓީ ހުޅުދޫގައި އެކަނި ދިރިއުޅެމުން އައި އަންހެނެކެވެ. އޭނާ އެކަނި އުޅޭތާ 22 އަހަރުވެއްޖެ އެވެ. އޭނާއަށް އެހީތެރިވަނީ އަވަށްޓެރި ގޭގޭގައި ތިބޭ އާއިލާތަކެވެ.