ކޮލަމް

ކޮލަމް ފޮޅުވަތް - ސިޔާސީ މަގާމުތައް ބަހާލާ ގޮތަކީ މަލާމާތެއް!

Dec 26, 2018
16

ގުޅިފައިވާ ކޯލިޝަންގެ ބައިވެރިންގެ މެދުގައި ސަރުކާރުގެ ކޭކު ފަޅައި ބެހުމުގެ އެންމެ ޕީކް ދުވަސްކޮޅު މި އޮތީ ފެށިފަ އެވެ. އެއްބަސްވުމެއްގެ ދަށުން މި މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ބޮޑު ބަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބޭފުޅުން ހަމަޖައްސަވައިފަ އެވެ. މިނިސްޓްރީތަކަށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުންނާއި މުހިންމު ވުޒާރާތަކުގެ ވެރިން ރައީސް ގެންދަވަނީ ފުލުފުލުގައި ހަމަޖައްސަވަމުން އެވެ.

ސަރުކާރު ކުންފުނިތަކުގެ އިސްވެރިން ހިމެނޭ ގޮތުން، އެ ހުރިހާ މަގާމުތައް ވެސް ބަހާލަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ސޮއި ޖަހައި އެއްބަސްވި ފޯމިއުލާއަކަށެވެ. އެއީ އެމްޑީޕީއަށް 40 ޕަސެންޓާއި ޖުމްހޫރީ ޕާޓީއަށް 25 ޕަސެންޓް އަދާލަތު ޕާޓީއަށް 15 އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓެވެ.

ގަބޫލު ކުރަން ޖެހޭ ސިޔާސީ ހަގީގަތަކީ، ބައިވަރު ޕާޓީތައް އެކުލަވައިލާ ސަރުކާރެއްގައި ކޭކު ފެޅުން ނޫން ގޮތެއް ނޯންނާނެ އެވެ. ރައީސް ސޯލިހަށް ކުރިއަށް ވަޑައިގެންނެވެން އޮތީ އެންމެން ރުހޭ ގޮތަކަށް ކޭކު ފަޅައި އެ ފޮތި ޕާޓީތަކުގެ ލީޑަރުންނަށް ލަވައިދީގެން އެވެ.

އެކަމަކު އެ ސިޔާސީ ހަގީގަތުގެ ތެރެއިން މިހާރު މި ފެންނަނީ ވަރަށް ވެސް ލަދު ގަންނަ ފާޑުގެ މަންޒަރު ތަކެކެވެ. ބޮޑެތި ސިޔާސީ މަގާމުތަކުގެ ބޮޑު ބަޔަކަށް އައްޔަން ކުރަމުން ގެންދަނީ ގާބިލްކަން ކުޑަ، ކަމާ ގުޅުމެއް ވެސް ނެތް، ތަޖުރިބާއެއް ވެސް ނެތް ބޭފުޅުނެވެ.

ކުޑަކުޑަ މިސާލަކުން ފަށާނަމަ، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަކީ ބޮޑެތި ޓެކްނިކަލް މަސައްކަތްތަކެއް ބައިވަރު ކުރަން ޖެހޭ ވުޒާރާއެކެވެ. އެ މިނިސްޓްރީ ހިންގަން ސިޔާސީ ބޭފުޅަކު އެބަ ހުންނަވަ އެވެ. ވުޒާރާއެއް ހިންގަވަން ހުންނަވާނީ ސިޔާސީ ބޭފުޅެކެވެ. އެކަމަކު މައްސަލައަކީ، އެބޭފުޅާއަށް އެހީތެރިވާން އޭގެ ދަށުން ތިބޭ، ސްޓޭޓް މިނިސްޓަރުން އިލްމާއި ތަޖުރިބާގެ ގޮތުން އެއްވެސް ވަރެއްގެ ގާބިލްކަމެއް ނެތީ އެވެ.

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނަކީ އެންމެ ވަރުގަދަޔަށް މުޒާހަރާ ތަކުގައި މިކަންކަމާ ގުޅޭ ގޮތުންވެސް އަދި އެހެން ގޮތް ގޮތުން ވެސް އަޑު ހަރު ކުރި މީހުންނާއި ޕާޓީ އޮފީސްތަކުގައި އިދާރީ މަސައްކަތްތައްކޮށް، ފޯމް ޕްރޮސެސް ކުރަން ތިބި މީހުންނަށް ވާ ނަމަ، އެ މިނިސްޓްރީއަށް ނަތީޖާއެއް ނެރެވޭނެ ކަމާ މެދު ވަރަށް ވެސް ޝައްކެވެ. އަދި އެފަދަ މަގާމުތަކަށް ދޭ ބޮޑު މުސާރަޔާއި އިނާޔަތްތަކަކީ ރައްޔިތުންގެ ފައިސާގައި އަލިފާން ޖެހުން ކަހަލަ ކަމެކެވެ.

މަގާމުތަކަށް ޕަޕެޓުން ލުމަކީ ސިޔާސީ ގޮތުން ކުރާ ކަމެކެވެ. އެއީ ސިޔާސީ ތޮބީއަތެއް ވެސް މެއެވެ. އެ ހަގީގަތާ އިދިކީލި ވެގެނެއް ވެސް ނޫޅެވޭނެ އެވެ. އެކަމަކު ހަ ފަރާތުގެ މަސްލަހަތައް ވިސްނަވައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށް ނެރެން ޖެހެނީ މުޅި ގައުމުގެ މަސްލަހަތާއި އާންމު ރައްޔިތު މީހާގެ މަސްލަހަތެވެ.

އެންމެ ނުފޫޒު ގަދަ މީހާގެ މަސްލަހަތުތައް ހިމާޔަތްވާނެ ގޮތަށް، މަގާމުތައް ބަހައި ބައި އެޅުމަކީ ގައުމެއްގެ އެންމެ މަތީ މަސްލަހަތާ ދިމާ އިދިކޮޅެވެ.

އެކަމަކު ފެންނަ މަންޒަރަކީ، ކޯލިޝަން ޕާޓްނަރުން ހެއްވާލަން އެއްވެސް ހަމައަކުން "ޖާއިޒު" ނޫން ގޮތުގައި ވަކި ބަޔަކަށް މަގާމުތައް ވެދުމަށް އަރުވާތީ އެވެ. މީގެ ނަތީޖާއަކަށް ވާނީ ރައީސް ސޯލިހު ބޭނުންފުޅުވެ ވަޑައިގަންނަވާ އެއްވެސް ބޭނުންފުޅެއް ހާސިލު ނުވެ ނަތީޖާއެއް ނުނެރެވި ސަރުކާރުގެ 'ފެޓް" ދުލި ބޯވަމުން ދިއުމެވެ. މިނިސްޓްރީތަކުގެ އިސް މަގާމުތަކަށް ލައްވަން ޖެހޭނީ ގާބިލް ބޭފުޅުންނެވެ. ފަސް ބައި ސާފުވެސް ބޭފުޅުންނެވެ. ކޯލިޝަން ސަރުކާރަކަށް ރައްޔިތުން ވޯޓް ދިނީ އެ ބޭނުމުގަ އެވެ. ރައްޔިތުންގެ ސަރުކާރެއް ގާއިމް ކުރުމުގެ ވިސްނުމުގަ އެވެ. އެކަމަކު ސަރުކާރަށް ބުރަ މިވެވެނީ ނުފޫޒު ގަދަ މީހާގެ ބޭނުންހާ ގޮތަކަށް ދީލައިލުމަށެވެ.

ސިޔާސީ މަގާމުތަކަށް އައްޔަން ކުރާ މީހުންގެ މާލީ ބަޔާން ރައީސް އޮފީހަށް ހުށަހަޅުމާއި ކޮރަޕްޝަންގެ މައްސަލައެއް އޮތްތޯ ބަލައި ކަށަވަރު ކުރުމުގެ މަސައްކަތަކީ ރައީސް އޮފީހުން ފެށި ރަނގަޅު މަސައްކަތެކެވެ. އެކަމަކު، އެ މަސައްކަތަކީ ހަމައެކަނި ރަމްޒީ ކަމަކަށް މިހާރު ވެއްޖެ ކަން މުޅީން ޔަގީނެވެ.

ރައީސް ބޭނުންފުޅު ވަޑައިގަންނަވާ ކޮންމެ މީހަކު ވެސް ސިޔާސީ މަގާމަށް ގެނެވިދާނެ އެވެ. އެއީ ރައީސަށް ލިބި ވަޑައިގަންނަވާ ބާރެކެވެ. އެކަމަކު އެ ބާރު އޮތުމަކީ، އިސްކޮޅަށް ނުކަތާ ވަރުގެ ބޮޑެތި މަގާމުތައް ތަޖުރިބާއެއް ނެތް، ކަމާ ނުވެސް ގުޅޭ، އަދި ތުހުމަތުތައް އޮންނަ މީސްމީހުންނަށް ދިނުމެއް ވެސް ނޫނެވެ. އަދި އެއީ ވަކި ބަޔަކު ރުއްސަން ކުރަން އޮންނަ ކަމެއް ވެސް ނޫނެވެ.

ސިޔާސީ މަގާމުތައް ހަމަޖައްސަން ޖެހެނީ ސަރުކާރު ހިންގުމަށް، އަދި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފަސޭހައިން އަވަހަށް ދިނުމުގެ މަގުސަދުގަ އެވެ. އެއީ ވަކި މީހަކު މަގާމަށް ލާން ކުރަން ޖެހޭ ކަމެއް ނޫނެވެ. ލީޑަރުންގެ ފޮށިތަންމަތި އުފުލައިދޭން އުޅުނު މީހާ އާއި ލީޑަރަކު ޖަލުގައި ހުންނެވި އިރު، ޕާޓީ އޮފީހުގެ އޮފީސް ތެރޭގައި އުޅުނު ފަރާތަކަށް ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލް ކުރާ، ސަފީރު ކަމާއި ސްޓޭޓް މިނިސްޓަރު ކަމާއި ނައިބު ކަމާއި ފަސްޓް ސެކްރެޓަރީ ކަމާއި އަންޑަ ސެކްރެޓަރީކަން ބަހަމުން ދިއުމަކީ ލަދުވެތި، އަދި ދެއްކި ވާހަކައާ އަމަލާ ދިމާ ނުވާ ކަމެކެވެ.

ސިޔާސީ ވިޔަސް ސިޔާސީ ނުވިޔަސް މަގާމު ދޭން ޖެހޭނީ، ހަމަ އެކަނި ސިޔާސީ ވިސްނުމަށް ބަލައިގެނެއް ނޫނެވެ. މަގާމުތައް ބަހަން ޖެހޭނީ ހަމަ އެކަނި ސިޔާސީ މީހުން ރުއްސާކަށް ވެސް ނޫނެވެ. ކަމަށް ގާބިލް މީހާއަށެވެ.

އެކަމަކު ދެތިން ލަވަޔާއި ފިލްމް ކުޅެލީމާ ގައުމުގެ ބޮޑު ދާއިރާއެއް ހިންގަން ހަވާލު ކޮށްލުމަކީ ގާބިލް މީހާޔަށް މަގާމު ދިނުމެއް ނޫނެވެ. އެއީ ސިޔާސީ ބޭނުމަށް ރައްޔިތުން ފައިސާގައި ހުޅުޖެހުމެވެ. އަދި އެއީ ކިޔަވައިގެން ތިބި ޒުވާނުންނަށް ކުރާ މަލާމާތެކެވެ. އެެއީ ކިޔެވުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ވިސްނައިދޭ ފަލްސަފާއެއްގެ ފެށުމެވެ.

ކިޔަވައިގެން މާސްޓާޒް ޑިގްރީ ހަދައިގެން އަންނަ މީހާއަށް އެންމެ 15،000 ރުފިޔާގެ ވަޒީފާ ލިބޭއިރު، މަގުމަތީގައި މުޒާހަރާ ލީޑް ކުރަން ހުންނަ ސާނަވީ ތައުލީމުގެ ފެންވަރުވެސް ނެތް މީހާއަށް 35،000 ރުފިޔާ ލިބޭ ބޮޑު ސްޓޭޓް މިނިސްޓަރުކަމެއް ދިނީމާ އެ ބުނެދެނީ ލައްކަ ވާހަކަ އެވެ. އަމިއްލަ ކުންފުންޏެއް މެނޭޖްކޮށް ނުލެވުނު މީހަކަށް ބޮޑު ވުޒާރާއެއް ހިންގަން ދިނީމާ އެއީ ބޮޑުވަރެވެ. ލޯނު ނަގައި ދަރައި ވިކިގެން ކިޔަވައި ދުނިޔޭގެ ފެންވަރުގެ ސަނަދެއް ނެގުމުގެ ބޭނުމެއް ނެތުނީ އެވެ. އޭގެ ބަދަލުގައި މުޒާހަރާތައް ލީޑްކޮށް ސިޔާސީ މީހަކަށް ގުލާނު ކޮށްދިނީމާ މުޅި އުމުރު ދިރިއުޅެވޭ ވަރުގެ މުސާރައެއް ލިބޭ މަގާމެއް ކަށަވަރުވީ އެވެ. ސިޔާސީ ލީޑަރުން ނަން ފޮނުވިޔަސް، މި ގޮތަށް އުސޫލެއް ހަމައެއް ގާބިލްކަމެއް ބެލުމެއް ނެތި ސިޔާސީ މަގާމުތައް ބެހުމަކީ، ކުރެވޭ މަލާމާތެކެވެ. އަދި މިއީ އަލާމާތެއް ކަހަލަ މަލާމާތެކެވެ.