ބޮލީވުޑް

"އަންދާޒް އަޕްނާ އަޕްނާ"ގެ ދެވަނަ ފިލްމުގައި ރަންވީރު!

ރަންވީރު ސިންގްގެ އެންމެ ފަހުގެ ރިލީޒް، "ސިމްބާ" ގެ ޕްރޮމޯޝަނާ ގުޅުވައި އޭނާ ކުރި ޕޯސްޓަކަށް ޓްވިޓާގައި ފޭނަކު ސުވާލެއް ކުރި އެވެ. އެއަށް ޖަވާބު ދެމުން "އަންދާޒް އަޕްނާ އަޕްނާ 2" ގައި އޭނާ ފެންނާނެ ކަމުގެ ކުޑަ އިޝާރާތެއް އޭނާ ވެސް ވަނީ ކޮށްލާފަ އެވެ.

"އަންދާޒް އަޕްނާ އަޕްނާ" އަކީ ނަވާރަ ސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު ނެރުނު ހެއްވާ ފިލްމެކެވެ. އެ ފިލްމުގައި ސަލްމާން ޚާނާއި އާމިރް ޚާން އަދި ކަރިޝްމާ ކަޕޫރާއެކު ރަވީނާ ޓަންޑަން ވެސް ފެނިގެން ދިޔަ އެވެ. މިއީ އެ ދުވަސްވަރު ނެރުނު އެންމެ މަގުބޫލުވި އެއް ފިލްމެވެ.

މި ފިލްމުގެ ދެ ވަނަބައި އުފައްދަން އިއުލާން ކޮށްފައިވާއިރު، ފިލްމުގައި ރަންވީރު ސިންގް ފެނިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވަނީ ޓްވިޓާ މެދުވެރިކޮށް ބުނެފަ އެވެ. ފޭނެއް އެހި ސުވާލަކަށް ޖަވާބު ދެމުން "އުއްމީދު ކުރަނީ ހެއްވާލާނެ ހާއްސަ ފިލްމަކުން ދެން ފެންނާނެ ކަމަށް، އަންދާޒް އަޕްނާ އަޕްނާ 2 ؛)" މިގޮތަށް ޖަވާބު ދިނުމުން އޭނާ އެ ފިލްމުގައި ފެނުން ވަރަށް ގާތް ކަމަށް ބެލެވެ އެވެ. އަދި މި ފިލްމުގައި އޭނާ ކުޅޭނީ ސަލްމާންގެ ކެރެކްޓާ ކަމެއް އާމިރުގެ ކެރެކްޓާ ކަމެއް ނުބުނެ އެވެ.

ރަންވީރުގެ ޓްވީޓް

މީގެ ކުރިން މި ފިލްމުގައި ފެންނާނީ ފަހުގެ ފިލްމުތަކުން މަގުބޫލު ކަން ހޯދަމުން އަންނަ ތަރި ސުޝާން ސިން ރާޖްފުޓް ކަމަށް ވަނީ ބުނެފަ އެވެ.

ފިލްމުގެ ފުރަހަމަ ކާސްޓު އަދި އިއުލާން ކޮށްފައި ނުވާއިރު މި ފިލްމު ޕްރޮޑިއުސް ކުރަނީ ކުރީގެ ފިލްމުވެސް ޕްރޮޑިއުސް ކުރި ރާޖްކުމާރު ސަންތޯޝީ އެވެ.