ލައިފްސްޓައިލް

ރޯދަ މަހުގެ އެންމެ ބޮޑު ކިޔޫތައް

Jun 24, 2015

ރޯދަ މަހަކީ ހަގީގަތުގައި ވެސް ކެތްތެރިކަމުގެ ވަރަށް ބޮޑު އިމްތިހާނެކެވެ. ރޯދަ އަށް ހުންނަ މީހާގެ ކެތްތެރިކަން އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ޓެސްޓްކުރެވި ނަތީޖާ ނެރެވިގެންދާ މައްސަރެކެވެ.

އެގޮތުން މި މާތް އަޅުކަމުގެ ތެރެއިން ރޯދަވެރިޔާ އާއި މާތް ރަސްކަލާނގެއާ ދެމެދު އޮންނަ ރޫހާނީ ގުޅުމަކީ ވެސް ކެތްތެރިކަމުގެ ބޮޑު ޓެސްޓެކެވެ. ހަމައެގޮތަށް އާންމު ދިރިއުޅުމާ ގުޅިފައިވާ ވަރަށް ގިނަ ކަންކަމުގެ ތެރެއިން ވެސް ގިނަ ބަޔަކު މިފަދަ އިމްތިހާނުތަކެއްގައި ޖެހެ އެވެ.

އެގޮތުން ރޯދަ މަހާ އެކު އާންމުންގެ ލައިފްސްޓައިލަށް ބޮޑެތި ބަދަލުތަކެއް އަންނައިރު ހިދުމަތް ހޯދުމުގަ އާއި ހިދުމަތް ލިބިގަތުމުގައި ޖެހޭ ކިޔޫތަކަކީ ކެތްތެރިކަމުގެ އާދަޔާހިލާފު ޓެސްޓްތަކެއް ފެނިގެންދާ ކަމެކެވެ.

ރޯދަ މަހު ޔަގީނަށް ވެސް އެންމެ ބޮޑު ކިޔޫއެއް މާލެ އިން ފެންނާނީ މިސްކިތްތަކުންނެވެ. ވުޟޫކުރަން އިސްކުރުބަރި ކައިރީގައި ފައިކުރި އާއި އަތުކުރި އޮޅާލައިގެން ކިޔޫގައި ތިބޭ މީހުންނަކީ އަދި ފާހަގަކޮށްލެވޭ ބައެކެވެ.

ރޯދަ މަހު މިސްކިތްތަކުގައި މި ކިޔޫއެއް ބޮޑުވާ މައިގަނޑު ސަބަބަކީ މި މައްސަރުގެ ސަވާބަށް އެދި ގިނަ ބަޔަކު ޖަމާއަތުގައި ނަމާދަށް އަރަން އާދަކުރާތީ އެވެ.

ވުޟޫ ކިޔޫއެއް ނިމޭއިރު މިސްކިތުން ޖާގަ ކަޓައިގެން ޖާގައެއް ލިބެންދެން އެހެން ކިޔޫއެއްގައި މަޑުކޮށްލަން ޖެހުމަކީ ވެސް ރޯދަ މަހު އާންމުކޮށް މާލޭގައި ދިރިއުޅޭ މީހުން ތަޖުރިބާކުރަން ޖެހިފައި އޮންނަ ކަމެކެވެ.

ދެން ވެސް މި އޮތީ މިސްކިތްތަކުން ފެންނަ އާދަޔާހިލާފު ކިޔޫއެއްގެ ވާހަކަ އެވެ. ރޯދަ މަހު މިސްކިތްތަކުން ރޯދަ ވީއްލުމަކީ ގިނަ ދިވެހިން މިހާރު ކޮށްއުޅޭ ކަމަކަށް ނުވިޔަސް ރޯދަ ވީއްލާ ވަގުތަށް މިސްކިތަށް ޖަމާވާ މީހުން މިހާރު ވެސް ވަރަށް ގިނަ އެވެ. އެކަމަކު ބުނަން ޖެހޭނީ މި ގަޑީގައި މިސްކިތުގައި ޖެހޭ ރޯދަ ވީއްލާ ކިޔޫގައި ގިނައީ ދިވެހިންނަށް ވުރެ ބިދޭސީން ކަމެވެ.

މިއީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ގިނަ މުސްލިމުންތަކެއް ފިތިފިތިގެން ތިބޭ މަންޒަރު ފެންނަ ކިޔޫ އެކެވެ.

ވަރަށް ގިނަ ދިވެހިންނަކީ ފޫކޮޅުގައި ރޯވީމަ ކަންތަކަށް ނުކުންނަ މީހުންނެވެ. އެންމެ ކުރީ ޒަމާނުގައި ރޯދަ މަހުގެ މަސް ދުވަސް ކުރިން މި މަހަށް ކާބޯތަކެތި ހޯދައި ގިނަ ބަޔަކު ގެއަށް ވެއްދިޔަސް މިހާރަކު އެ ފޯރިއެއް ނެތެވެ. އަނެއްކޮޅުން ކޮންމެ ދުވަހަކަށް ކައްކަން ބޭނުންވާ ތަކެތި އެއް މަސް ދުވަސް ކުރިން ގަނެގެން ގެންގުޅުމަކީ ފަސޭހަ ކަމެއް ވެސް ނޫނެވެ.

މި ސަބަބާ ހެދި ވަރަށް ގިނަ ދިވެހިން ރޯދަ ވީއްލުމުގެ ސުފުރާ ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ގަންނަން ނުކުންނަނީ ފޫކޮޅުގައި ރޯވާ ފަހުންނެވެ. ދެން ފެނިގެންދާނީ ސުޕަމާކެޓްތަކުގައި މީހުން ތޮއްޖެހި މިވެރިންނާ އެކު އެތަންތަން ބަންޑުންވާ މަންޒަރެވެ.

މިއީ އާންމުކޮށް މާލޭގައި މީހުން އެންމެ ގިނައިން އެއްތަނަކަށް ޖަމާވާތަނެވެ. ނަމަވެސް ރޯދަ މަހާ އެކު މާރުކޭޓުގެ ހަލަބޮލިކަން އިންތިހާ އަށް އިތުރުވެ އެ ހިސާބުގެ އެކި ވިޔަފާރި ގޮޅިތަކުގައި ކިޔޫތައް ޖެހި ހިނގާ މީހުންނާއި ދުއްވާ އެއްޗެހީގެ ދުވެލި ވެސް ނިކަން ބޮޑަށް ލަސްކޮށްލާކަން ފާހަގަކޮށްލެވެ އެވެ.

މިއީ ވެސް ރޯދަ މަހާ އެކު އާދަޔާހިލާފަށް ބޮޑުވެގެން އަންނަ ކިޔޫއެކެވެ. އެންމެ ބޮޑު ސަބަބަކަށް ވަނީ ތެޔޮ އަޅައިދޭ މި ތަންތަނުގެ ހިދުމަތް ދޭ ގަޑިތައް ރޯދަ މަހާ އެކު ބަދަލުވެގެން ދިއުމެވެ. އެހެންވީމަ އިރުއޮއްސުމަށް ފަހު އަލުން ތެޔޮ ޝެޑްތައް ހުޅުވާލާއިރު ކިޔޫ ލައިނުތައް ދިގުވެގެން ގޮސް ރަށް ވަށައި ޖެހޭވަރުވާނެ އެވެ.

މި ކިޔޫ ލައިނު މިގޮތަށް ބޮޑުވުމަކީ އާންމު މަސްމަހުގައި ވެސް ފެންނަ މަންޒަރެކެވެ. އެކަމަކު ޔަގީނަށް ރޯދަ މަހު މިފަދަ ކިޔޫއެއްގައި ޖެހުމަކީ ވެސް އިތުރަށް ރުޅިގަދަވާނެ ކަމެކެވެ.

މިއީ ވެސް އާންމުގޮތެއްގައި ފެންނަ ބޮޑު ކިޔޫއެކެވެ. ރާއްޖޭގެ، ހާއްސަކޮށް މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް މަގުކޮށާފައިވާ ގޮތުން ބާރުބޮޑުވެ އާންމު ދިރިއުޅުމަށް އުނދަގޫވާ ހިސާބަށް މި މައްސަލަ ހޫނުވުމަކީ އާންމު ކަމެކެވެ.

އެގޮތުން މާލެ އިން ހުޅުމާލެ އަށް ދާ މީހުންނާއި މާލެ އިން ވިލިގިއްޔަށް ފުރާ މީހުންނާ އެކު މި ދެ ޓާމިނަލް ފުރިގެން ބަންޑުންވުމަކީ އާންމުކޮށް ހަފުތާ ބަންދުތަކުގައި ފެންނަ މަންޒަރެކެވެ. ނަމަވެސް ރޯދަ މަހުގެ ހަވީރުގެ ވަގުތަކީ މިހާރު ކޮންމެ ދުވަހަކު ވެސް މި ދެ ޓާމިނަލް ފުރިގެން ބަންޑުންވާ ދުވަހެކެވެ.

ހުޅުމާލޭގައި ދިރިއުޅޭ ވަރަށް ގިނަ މީހުންނަކީ އެމީހުންގެ ދުވާލުގެ ބޮޑުބައި މާލޭގައި ހޭދަކުރާ މީހުންނެވެ. އެއަށް ފަހު އިރުއޮއްސޭއިރަށް ނުވަތަ ރޯދަ ވީއްލާ ވަގުތަށް އެނބުރި ގެއަށް ދިއުމަށް މީގެ ތެރެއިން ގިނަ ބަޔަކު ހިފާލަނީ ހަމަ އެންމެ ފަހު ވަގުތުކޮޅުގަ އެވެ.

ބާރު ބޮޑުވެގެންދާއިރު ގިނަ މީހުންނަށް ފެރީ ކަޓައިގެން ގޮސް ރޯދަ ވީއްލަން ދެ ވަނަ އިހްތިޔާރަކަށް ދާން ޖެހޭ ފަހަރުތައް ވެސް އާދެ އެވެ.