ހަބަރު

87 ދާއިރާއަށް ވާދަ ކުރަން ނުނިންމަން: ޖޭޕީ

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް ވާދަ ކުރުމަށް ޖުމްހޫރީ ޕާޓީއަކުން ނުނިންމާ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.

ޖޭޕީ އިން މިހެން ބުނީ، އެ ޕާޓީ އިން 87 ދާއިރާގައި ވާދަ ކުރަން ނިންމާފައިވާ ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް ވާދަ ކުރުމަށް ޖޭޕީގެ ކައުންސިލުން ނިންމާފައި ނުވާނެ ކަމަށާއި ވާދާ ކުރާނެ ދާއިރާތަކެއް ވެސް ކަނޑައަޅާފައި ނުވާނެ ކަމަށެވެ. އަދި ހުރިހާ ދާއިރާތަކަށް ޖޭޕީ އިން ވާދަ ކުރާނެ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ވެސް ކަނޑައެޅިގެން ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށް އަލީ ވިދާޅުވި އެވެ.

"ޖޭޕީގެ ކައުންސިލްގެ 125 ވަނަ ބައްދަލުވުމުގައި ނިންމާފައި ވަނީ ޖޭޕީގެ މެންބަރުންގެ ތެެރެއިން މަޖިލިސް އަށް ޝައުގުވެރިވާ އަދި އެކަމަށް ގާނޫނީ ގޮތުން ޝަރުތު ފުރިހަމަވާ ފަރާތްތަކުން ޖޭޕީއަށް 25 ޖެނުއަރީ 2019 ގެ ނިޔަތަލަށް ހުށަހަޅަން ހުވާލަން،" އަލީ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ކޯލިޝަންގެ ޕާޓްނަަރުންގެ ތެރެއިން އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީ އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސޮއިކޮށްފައިވާ އެއްބަސްވުމެއްގައިވާ ގޮތުން އެމްޑީޕީ ވާދަ ކުރާނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 22 ދާއިރާއަށެވެ. އަދާލަތު ޕާޓީއަށް 13 ދާއިރާ ލިބޭއިރު މައުމޫންއަށް ލިބޭނީ 17 ދާއިރާ އެވެ.

ނަމަވެސް އެމްޑީޕީ އިން ވަނީ 86 ދާއިރާއަށް ވާދަ ކުރަން ނިންމާފަ އެވެ. އެއާއެކު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ދާދި ފަހުން ވަނީ ހުރިހާ ދާއިރާއަކަށް ވާދަ ކުރަން އެ ޕާޓީއަށް ވެސް ކެރޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ.