ވިޔަފާރި

ގެސްޓްހައުސް ސިންޕޯޒިއަމް ހޮނިހިރު ދުވަހު ދަރުބާރުގޭގައި

ގާތްގަނޑަކަށް 400 އެއްހާ ބައިވެރިންނާއެކު ގެސްޓްހައުސް ސިންޕޯޒިއަމް ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ "މޯލްޑިވްސް ގެސްޓް ހައުސް ސިމްޕޯޒިއަމް" ބާއްވަނީ ދަރުބާރުގޭގަ އެވެ. މި ސިމްޕޯޒިއަމްގައި ރައީސް ސޯލިހު ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެސިސްޑެންޓް ޑައިރެކްޓަރު އަހުމަދު އަބީރު އިސްމާއިލް ވިދާޅުވީ މި ބައްދަލުވުމުގައި ގެސްޓްހައުސް ވިޔަފާރިއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

"ގެސްޓްހައުސްތަކުގެ ކަންބޮޑުވުންތައް ހިއްސާ ކުރާނެ. މީގެ އިތުރުން ތަފާތު ޕޭޕަރުތަކެއް ވެސް ހުށަހަޅާނެ. މީގެތެރޭގައި ކުނީގެ މައްސަލަ ފަދަ ތަފާތު ދާއިރާތައް ހިމެނޭ،" އަބީރު ވިދާޅުވި އެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ސިމްޕޯޒިއަމްގައި ތަފާތު އެކްސްޕާޓުންގެ ޕެނަލް ޑިސްކަޝަން ތަކެއް ވެސް ކުރި އަށް ދާނެ ކަމަށެވެ.

"އަޅުގަނޑުމެން [ގޭމް] އިން ވެސް ކޭސްޓަޑީއެއް ހުށަހަޅާނެ،" ކަރަމް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުންދާ އެއް ދާއިރާ ކަމަށްވާ ގެސްޓްހައުސް ވިޔަފާރިއަށް ހާއްސަކޮށް ބާއްވާ މި ބޮޑު ބައްދަލުވުމުގައި ކައުންސިލްތަކާއި މާކެޓިން ބައެއް ކުންފުނިތަކުން ވެސް ބައިވެރިވާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ 488 ގެސްޓްހައުސްގައި މިހާރު 7,968 އަށްވުރެ ގިނަ އެނދު އެބަހުއްޓެވެ.