ވިޔަފާރި

ކޮކޫން "ޔޫ އެންޑް މީ" ރިސޯޓް ފެބްރުއަރީ މަހު ހުޅުވަނީ

ކޮކޫން މޯލްޑިވްސްގެ ދެވަނަ ރިސޯޓް "ޔޫ އެންޑް މީ" އަންނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ސައިޓުތަކުގައިވާ ގޮތުން ރ. ރ. އުތުރުމާފަރުގައި ތަރައްގީ ކުރާ "ޔޫ އެންޑް މީ- ބައި ކޮކޫން" ކުރިން ހުޅުވަން ނިންމާފައި އޮތީ މި މަހުގެ ތެރޭގަ އެވެ. ނަމަވެސް މިހާރު މި ރިސޯޓު ފެބްރުއަރީ މަހު ހުޅުވުމުގެ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށް އެ ރިސޯޓުން ވަނީ ބުނެފަ އެވެ.

ރ. އުތުރުމާފަރުގައި މިހާރު ވެސް ރިސޯޓެއް ހިންގަމުންދާ ކޮކޫން މޯލްޑިވްސްގެ އަތްލިއޯ އަޒޯލާ ވިދާޅުވި ގޮތުގައި މި ރިސޯޓު ވެގެންދާނީ މި ސަަރަހައްދުގައި ވެސް ފާހަގަ ކޮށްލެވޭނެ ފަސްތަރީގެ ރިސޯޓަކަށް ކަމަށެވެ.

ކޮކޫންގެ "ޔޫ އެންޑް މީ" ރިސޯޓު ތަރައްގީ ކޮށްފައިވަނީ ރަށުގެ މޫދުގައި 99 ވިލާގެ އިތުރުން 10 ބީޗް ކޮޓަރިއާއެކު އެވެ. އަދި މި ރިސޯޓު ތަރައްގީ ކޮށްފައިވަނީ ރ. އަތޮޅުގައި ހަދާ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރެންޓާއެކުގަ އެވެ "އެޗްއޯ 2" ގެ ނަން ދީފައިވާ މި ރެސްޓޯރެންޓުގައި ތިބޭއިރު 360 ޑިގްރީ ވިއު ފެންނާނެ އެވެ. މީގެ އިތުރުން މިތަނުގައި އެންމެ ފެންވަރު މަތީ ކެއުންތައް ހިމެނޭ ގޮތަށް ފަސް ރެސްޓޯރަންޓު ވެސް ހުރެ އެވެ. މީގެ އިތުރުން މި ތަނުގައި މޫދު ކުޅިވަރުތައް ކުޅެވޭނެ ގިނަ ވަސީލަތްތައްވެސް ގާއިމްކޮށްފައިވެ އެވެ.