ހަބަރު

އެމްޑީޕީގެ ޕްރައިމަރީގެ ޝަކުވާ ހުށަހެޅުން މާދަމާއާ ހަމައަށް

Dec 26, 2018

އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓާސް ޝަކުވާ ހުށަހެޅުން މާދަމާގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޑީޕީ އިން ބުނީ، މިދިޔަ ހޮނިހިރު ދުވަހު އާންމު ކުރި މަޖިލިސް އިންތިހާބުގެ ޕްރައިމަރީގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުން މާދަމާ ހަވީރު 4:00 އަށް ހުޅުވާލެވިފައިވާ ކަމަށެވެ.

އެމްޑީޕީ މަޖިލިސް އިންތިހާބް ޕްރައިމަރީގައި 280 މީހަކު ވާދަކުރަން ނިންމާފައިވާ ކަމަށް އެޕާޓީ އިން ބުންޏެވެ. ޕްރައިމަރީގައި ވާދަ ހުޅުވާލީ 87 ދާއިރާއަށެވެ. އެ މުއްދަތުގައި 86 ދާއިރާއަކަށް ޖުމްލަ 280 މީހަކު ކުރިމަތިލާފައިވެ އެވެ. ނިލަންދޫ ދާއިރާއަށް އެއްވެސް މީހަކު ކުރިމަތިލާފައިނުވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލީ 280 މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެއީ 259 މީހުނެވެ. ކުރިމަތިލާފައިވަނީ 21 އަންހެނުންނެވެ.

އެ ޕާޓީއިން ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުން އަންނަނީ ފެށޭ އަހަރުގެ ކުރީކޮޅެވެ. މަޖިލީހުގެ އިންތިހާބު އޮތީ އޭޕްރީލް ހަވަނަ ދުވަހު އެވެ.