ހަބަރު

ޕްރައިމަރީއިން ބަލިވާ މީހުންނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ޕާޓީތަކުގެ ޕްރައިމަރީއިން ބަލިވާ ފަރާތްތަކަށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުނުކުރެވޭނެ ކަމަށް އިންތިހާބުތަކާ ބެހޭ ގާނޫނުގައި އޮންނަ މާއްދާ ބާތިލްކޮށް އެފަދަ ފަރާތްތަކަށް މަޖިލިސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ބާތިލް ކުރީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާ އެވެ. އަދި ސުޕްރީމް ކޯޓުން މިއަދު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކުރީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފުރުސަތު އިތުރު ކުރުމަށެވެ. ނަމަވެސް އެ ފުރުސަތަކީ ހަމައެކަނި ޕްރައިމަރީއެއްގައި ވާދަކޮށް ނާކާމިޔާބު ފަރާތްތަކަށް އެކަނި ހުޅުވާލަން ޖެހޭ ފުރުސަތެކެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕްރައިމަރީގައި، ނާކާމިޔާބުވި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރެވެ. ޖާބިރާއެކު އެ މައްސަލަ ހުށަހެޅުމުގައި ގާނޫނީ ވަކީލް އަބްދުލްމާނިއު ހުސެއިން ވެސް ބައިވެރިވި އެވެ. އެ ދެ ބޭފުޅުންގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ، ގުލްހަޒާރުގޭ، އަހުމަދު މުހައްމަދު ވެސް ހަމަ އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމްގައި ބުނީ، ޕްރައިމަރީއެއްގައި ވާދަކޮށް ބަލިވާ މީހުންނަށް އެއްވެސް ހައިސިއްޔަތަކުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތުމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އިންތިހާބުތަކުގައި ވާދަ ކުރުމުގެ އަސާސީ ހައްގުން މަހުރޫމްވާ ކަމެއް ކަމަށެވެ. އެކަމަކީ ގާނޫނު އަސާސީގެ ސިފައެއް ނޫން ކަމަށެވެ.

ޕްރައިމަރީއިން ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ އުސޫލަކީ އެމެރިކާއިން އަމަލު ކުރަމުން އަންނަ އުސޫލެއްކަން ބަންޑާރަ ނައިބުގެ ފަރާތުން ޝަރީއަތުގައި ފާހަގަ ކުރެއްވި އެވެ. ގާނޫނު އަސާސީގެ ހައްގެއް ހަނިކުރަން ޖެހިއްޖެ ހާލަތެއްގައި މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކަށް ވެސް ބަލަން ޖެހެ އެވެ.

ހުކުމްގައި ބުނީ އެމެރިކާގައި ވެސް އެއީ ދުސްތޫރީ ގޮތުން ހިޔާލު ތަފާތުވެފައިވާ މައްސަލައެއް ކަމަށާއި އެ އުސޫލަކީ ގާނޫނާ ހިލާފު އުސޫލެއް ކަމަށް ބުނެ ކޯޓުތަކުގައި ޗެލެންޖް ވެސް ކޮށްފައިވާ ކަމަށެވެ. އަދި އެމެރިކާގައި ވެސް އެ އުސޫލަކީ އެކި ސްޓޭޓްތަކުގައި ތަފާތުކޮށް އަމަލުކުރާ އުސޫލެއްކަން ފާހަގަކުރެއްވި އެވެ. ބައެއް ސްޓޭޓްތަކުގައި އެ އުސޫލު އޮންނަ ގޮތުން އެއް ޕާޓީއެއްގެ ދެ ކެންޑިޑޭޓުން ވާދަ ކުރުމުގެ ފުރުސަތު ވެސް އޮންނަ ކަމަށެވެ.

އެމެރިކާއަކީ ދެ ސިޔާސީ ޕާޓީއެއްގެ މައްޗަށް ބެހިފައިވާ ގައުމެއް ނަމަވެސް ރާއްޖެއަކީ ގިނަ ސިޔާސީ ޕާޓީތަކުގެ ނިޒާމެއް ކަމުން އުސޫލު ރާއްޖެއަށް ނުފެތޭ ކަމަށް ވެސް ހުކުމްގައި ފާހަގަކުރި އެވެ. ޕްރައިމަރީގައި ވޯޓު ލެވެނީ ހަމައެކަނި އެ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މެންބަރުން ކަމަށްވާއިރު، މައި އިންތިހާބުގައި ވާދަ ނުކުރެވުން ވާނީ އެ ކެންޑިޑޭޓެއްގެ ހައްގަށް ލިބޭ އުނިކަމެއްގެ ގޮތުގައި ހުކުމްގައިވެ އެވެ.