ހަބަރު

ކެންޑިޑެސީއެއް ބަލައިނުގަތުމަށް ނިންމި ނިންމުމަށް ތާއިދުކޮށްފި

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ފަރާތެއްގެ ފޯމް ބަލައިނުގަތުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު ނެރުނު ހުކުމްގައި ކަނޑައެޅީ މައްޗަންގޯޅި މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރުމަށް ހުށަހެޅި މއ. ސީނުމާ އިބްރާހިމް ޒަމީލްގެ ޝަރުތު ރައްޔިތުންގެ މަޖިލީހަށް ހަމަނުވާ ކަމަށެވެ.

އިންތިހާބުގައި ވާދަކުރުމަށް ޒަމީލް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމުން އޭނާގެ ފޯމް ބަލައިނުގަތުމަށް ނިންމީ އޭނާގެ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ ކަމުގެ ރިކޯޑް އޮތުމުންނެވެ.

ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާނަމަ، މަޖިލިސް އިންތިހާބަށް ޝަރުތު ހަމައެއް ނުވާނެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައިވާ ގޮތުން މަދަނީ ކޯޓުން ވަނީ 256،000 ރުފިޔާގެ ދަރަންޏެއް ޒަމީލްގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ. އަދި އެ ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއިދުކޮށްފަ އެވެ. ހައިކޯޓުގެ ހުކުމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން އެ ކޯޓުން ވެސް ވަނީ އެ މައްސަލާގައި ހުކުމް އިއްވަނީ ރަނގަޅަށް ކަމަށް ކަނޑައަޅާފަ އެވެ.

އެހެންކަމުން ޒަމީލްގެ މައްޗަށް އޮތް ދަރަންޏަކީ ޝަރުއީ ހުރިހާ މަރުހަލާތަކަކުން ވެސް ސާބިތުވެ، ނިހާއީ ހުކުމެއް އޮތް ދަރަންޏެއް ކަމަށް ހުކުމްގައި ފާހަގަކުރި އެވެ. އަދި އެ ހުކުމާ އެއްގޮތަށް ޒަމީލް ފައިސާ ނުދައްކާ ކަމަށް އޭނާ ވެސް ސާފު ބަހުން ބުނެފައިވާ ކަމަށް ވެސް ހުކުމްގައިވެ އެވެ.

އެހެންވެ، ޒަމީލްގެ ކެންޑިޑެންސީ ބަަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ނިންމުމަކީ ބަދަލު ގެންނަން ޖެހޭ ނިންމުމެއް ނޫން ކަމަށް ހުކުމްގައި ކަނޑައެޅި އެވެ.

މީގެކުރިން ސުޕްރީމް ކޯޓުން ވަނީ އިލެކްޝަން ކޮމިޝަނުން ބާތިލް ކުރި ފޯމެއް ބަލައިގަތުމަށް އަންގާފަ އެވެ. އެއީ މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރާ ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ފޯމެވެ. އޭނާގެ މައްޗަށް ދަށު ކޯޓުން ފަސް ދަރަންޏެއް ވަނީ ސާބިތުވެފަ އެވެ. އެކަމަކު އެ މައްސަލަތައް ހުރީ މަތީ ކޯޓުތަކުގައި އިސްތިއުނާފުކޮށްފަ އެވެ.

އެ މައްސަލާގައި އިއްވާފައިވާ ހުކުމްގައި ކަނޑައެޅީ ސާބިތު ދަރަންޏެއް އޮތް މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތް ނަމަވެސް އެ ދަރަންޏަކީ މަތީ ކޯޓަކަށް އިސްތިއުނާފުކޮށްފައިވާ ދަރަންޏަކަށްވާނަމަ، އިންތިހާބުގައި ވާދަ ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.