އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަމްބަރު މާޗު މަހު ހަތަރު ވަނަ ދުވަހުގެ ރޭ އިއުލާންކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންނާ ހަވާލުކުރުމުގެ ގޮތުން މިއަދު އިންތިހާބާ ބެހޭ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް ޝަރީފް ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން މާޗު ހަތަރު ވަނަ ދުވަހު އިއުލާން ކުރަން ހަމަޖެއްސީ މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކަމަށެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ، ޕްރައިމަރީގައި ވާދަކޮށް ބަލިވެފައިވާ ފަރާތްތަކަށް ވެސް މަޖިލިސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން އެގޮތަށް އަމަރުކުރީ ކާށިދޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކޮށް ބަލިވި އެދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލަ އާ އެއްކޮޅަށެވެ.
ޖާބިރާއެކު އެ މައްސަލަ ހުށަހެޅުމުގައި ގާނޫނީ ވަކީލް އަބްދުލްމާނިއު ހުސެއިން ވެސް ބައިވެރިވި އެވެ. އެ ދެ ބޭފުޅުންގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ، ގުލްހަޒާރުގޭ، އަހުމަދު މުހައްމަދު ވެސް ހަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.
އިލެކްޝަން ކޮމިޝަން އެންމެ ފުރަތަމަ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތަށް އިއުލާން ކުރަން ނިންމާފައި އޮތީ، މިމަހު 27 ވަނަ ދުވަހު އެވެ.
މިއަދު ކުރި ހުކުމާ އެއްގޮތަށް އީސީ އިން ވަނީ ޕްރައިމަރީއިން ބަލިވި ކެންޑިޑޭޓުންނަށް މާޗް މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.