ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނަށް ވެސް އިންތިހާބުގައި ވާދަ ކުރެވޭ ގޮތަށް ހެދުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް އިލެކްޝަން ކޮމިޝަން (އީސީ) ތަދައްހުލް ކުރުވުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ އެ މައްސަލާގައި މިއަދު ބޭއްވި ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގަ އެވެ. މައްސަލައިގެ ތެރެއަށް ތަދުއްހުލްވުމަށް އީސީއަށް އަންގަން މިއަދު ވަނީ ފަނޑިޔާރުންގެ ބެންޗުން ނިންމަވާފަ އެވެ.
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޕީޕީއެމްއިން އިސްވެ އޮވެ، ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާއަށް އިސްލާހު ގެނަ އެވެ.
އެ އިސްލާހު އެހެން އޮތްވާ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީ ވަނީ ބާއްވާފަ އެވެ. އޭގެ ސަބަބުން ގިނަ ބޭފުޅުންތަކަކަށް ދެން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނެވެ.
އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި އަބްދުﷲ ޖާބިރު ވަނީ ގާނޫނީ އެ މާއްދާ އުވާލުމަށް ގާނޫނީ ވަކީލް އަބްދުލްމާނިއު ހުސެއިންއާއެކު ސުޕްރީމް ކޯޓަށް އިއްޔެ އެ މައްސަލަ ހުށަހަޅާފަ އެވެ.
އެ ދެ ބޭފުޅުންގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ، ގުލްހަޒާރުގޭ، އަހުމަދު މުހައްމަދު ވެސް ހަމަ އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. މިއަދު ބޭއްވި އެ މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާއަށް އަމަލު ކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެދިފައިވެ އެވެ. އަދި މާއްދާ ބާތިލްކުރަން އެދޭ ގާނޫނީ މާއްދާތައް ބަޔާންކޮށްދީފައިވެ އެވެ.
މިއަދު ދައުލަތް ތަމްސީލް ކޮށްފައިވަނީ ބަންޑާރަ ނައިބުގެ ފަރާތުންނެވެ. ބަންޑާރަ ނައިބުގެ ފަރާތުން ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންވެ ދައުލަތުން ޖަވާބުދާރީވުމަށް އަންނަ އާދިއްތަ ދުވަހަށް އަޑުއެހުމެއް ވަނީ ތާވަލްކޮށްފަ އެވެ. އެ އަޑުއެހުމުގައި އެކަމުގައި އިލެކްޝަން ކޮމިޝަނުން ދެކޭ ގޮތް ވެސް އޮޅުންފިލުވާނެ އެވެ.