ހަބަރު

ޕްރައިމަރީ މައްސަލާގައި މާދަމާ ހުކުމް އިއްވަނީ

Feb 24, 2019

ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނަށް ވެސް އިންތިހާބުގައި ވާދަ ކުރެވޭ ގޮތަށް ހެދުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމް އިއްވުމަށް ސުޕްރީމް ކޯޓުން މާދަމާއަށް ތާވަލުކޮށްފި އެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޕީޕީއެމްއިން އިސްވެ އޮވެ، ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާއަށް އިސްލާހު ގެނަ އެވެ.

އެ އިސްލާހު އެހެން އޮތްވާ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީ ވަނީ ބާއްވާފަ އެވެ. އޭގެ ސަބަބުން ގިނަ ބޭފުޅުންތަކަކަށް ދެން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނެވެ.

އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި އަބްދުﷲ ޖާބިރު ވަނީ ގާނޫނީ އެ މާއްދާ އުވާލުމަށް ގާނޫނީ ވަކީލް އަބްދުލްމާނިއު ހުސެއިންއާއެކު ސުޕްރީމް ކޯޓަށް އިއްޔެ އެ މައްސަލަ ހުށަހަޅާފަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ، ގުލްހަޒާރުގޭ، އަހުމަދު މުހައްމަދު ވެސް ހަމަ އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާއަށް އަމަލު ކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެދިފައިވެ އެވެ. އަދި މާއްދާ ބާތިލްކުރަން އެދޭ ގާނޫނީ މާއްދާތައް ބަޔާންކޮށްދީފައިވެ އެވެ.