ޕްރައިމަރީގައި ބަލިވިޔަސް އިންތިހާބުގައި ވާދަ ކުރެވޭނެ ގޮތަށް މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.
އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުން މިއަދު ވަނީ ޕްރައިމަރީތަކުގައި ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ވެސް ވާދަ ކުރެވޭނެ ގޮތް ހަދައި، އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލުމަށް ވަނީ އަމުރުކޮށްފަ އެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގެ އަގު ވެއްޓި އިތުބާރު ގެއްލިގެންދާ އެންމެ ބޮޑު ސަބަބަކީ ކޯޓުތަކުން އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ކަމަށެވެ. މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެކުރިން ލޯކަލް ކައުންސިލް އިންތިހާބު ވެސް ކޯޓުން ފަސްކޮށްފައިވެ އެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާތިލް ވެސް ކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމްގައި ބުނީ، ޕްރައިމަރީއެއްގައި ވާދަކޮށް ބަލިވާ މީހުންނަށް އެއްވެސް ހައިސިއްޔަތަކުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތުމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އިންތިހާބުތަކުގައި ވާދަ ކުރުމުގެ އަސާސީ ހައްގުން މަހުރޫމްވާ ކަމެއް ކަމަށެވެ. އެކަމަކީ ގާނޫނު އަސާސީގެ ސިފައެއް ނޫން ކަމަށެވެ.
އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ޕްރައިމަރީއިން ބަލިވި ކެންޑިޑޭޓުންނަށް މާޗް މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލިޔަސް ޝެޑިއުލްކޮށްފައިވާ ތާރީހަށް އިންތިހާބު ބާއްވާނެ ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕްރައިމަރީގައި، ނާކާމިޔާބުވި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރެވެ. ޖާބިރާއެކު އެ މައްސަލަ ހުށަހެޅުމުގައި ގާނޫނީ ވަކީލް އަބްދުލްމާނިއު ހުސެއިން ވެސް ބައިވެރިވި އެވެ. އެ ދެ ބޭފުޅުންގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ، ގުލްހަޒާރުގޭ، އަހުމަދު މުހައްމަދު ވެސް ހަމަ އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.
ހުކުމާ ގުޅިގެން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ބައެއް ކެންޑިޑޭޓުން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރާނެ ކަމަށް ބެލެވެ އެވެ. އެއީ އިންތިހާބުގައި އެމްޑީޕީއަށް ލިބޭނެ ގެއްލުމަކަށް ވެދާނެ އެވެ.
ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާއަށް އިސްލާހު ގެނައީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޕީޕީއެމްއިން އިސްވެ އޮވެ އެވެ. އެ މާއްދާ ބާތިލް ކުރަން މިހާރު ވެސް މަޖިލީހަށް ވަނީ ބިލެއް ވަނީ ވައްދާފަ އެވެ.