ހަބަރު

ޕްރައިމަރީން ބަލިވުމުން ވާދަކުރެވޭ ގޮތް ހަދަން ދައުލަތް ދެކޮޅު

ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީގައި ވާދަކޮށް ބަލިވުމުން އިންތިހާބުގައި ވާދަ ކުރެވޭ ގޮތް ހެދުމަށް ބަންޑާރަ ނައިބު ތާއިދު ނުކުރާ ކަމަށް ޝަރީއަތުގެ މަޖިލީހުގައި މިއަދު ބުނެފި އެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އޭރު ސަރުކާރުގައި އޮތް ޕީޕީއެމްއިން އިސްވެ އޮވެ، ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާއަށް އިސްލާހު ގެނަ އެވެ.

އެ އިސްލާހު އެހެން އޮއްވާ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީ ވަނީ ބާއްވާފަ އެވެ. އޭގެ ސަބަބުން ގިނަ ބޭފުޅުންތަކަކަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުނެވެ.

އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ބްދުﷲ ޖާބިރު ވަނީ ގާނޫނީ އެ މާއްދާ އުވާލުމަށް ގާނޫނީ ވަކީލް އަބްދުލް މާނިއު ހުސެއިންއާއެކު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

އެ މައްސަލާގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި ދެވަނަ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ ފަރާތުން ވަނީ އެ މާއްދާ އުވާލުމަށް ތާއިދު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެ އޮފީހުގެ ވަކީލް ވިދާޅުވީ ޕްރައިމަރީ ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮންނަ މާއްދާއަކީ އަސާސީ ހައްގެއް ހަނިކުރާ މާއްދާއެއް ނޫން ކަމަށެވެ. ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީތަކުގައި ބައިވެރިވެވެނީ ވެސް ގާނޫނު އަސާސީއިން ލިބިދޭ އިންތިހާބުތަކުގައި ބައިވެރިވުމުގެ ހައްގު ދަށުން ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގެ އެ ހައްގު ހަނިވާ ކަމަށް ގަބޫލު ނުކުރާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ އިންތިހާބުގައި ވާދަ ނުކުރެވޭ މާއްދާއަކީ ގާނޫނު އަސާސީގައިވާ ހައްގު ހަނިވާ މާއްދާއެއް ކަމަށް ބެލި ނަމަވެސް އެއީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތަށް އެ މާއްދާގައިވާ އުސޫލުން ކޮށްފައިވާ ކަމެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ. ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައިވާ ގޮތުން މިނިވަން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި ހައްގެއް ހަނިކޮށްފައިވާ މިންވަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އަސާސީ ހައްގެއް ހަނި ކުރެވިދާނެ އެވެ.

ގާނޫނު އަސާސީގައި މެންބަރު ކަމަށް ކުރިމަތިލެވޭ ޝަރުތުތައް ކަނޑައަޅާފައި އޮތް ނަމަވެސް ޕްރައިމަރީއިން ބަލިވާ ކެންޑިޑޭޓުންނަށް ވާދަ ނުކުރެވޭ ގޮތް ގާނޫނަކުން ހެދިދާނެ ކަމަށް ވަކީލް ވިދާޅުވި އެވެ. އެގޮތުން އަމިއްލަ ކެންޑިޑޭޓުންނަށް މެންބަރު ކަމަށް ވާދަ ކުރެވޭނީ 50 މެންބަރުންގެ ސޮއި ހޯދައިގެން ކަމަށް ގާނޫނު އަސާސީގައި ނެތް ނަމަވެސް އެއީ ގާނޫނަކުން ކަނޑައަޅާފައިވާ ޝަރުތެއްކަން ފާހަގަކުރެއްވި އެވެ.

އެހެންވެ ދައުލަތުން އެދުނީ އެ މާއްދާ ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމަށެވެ. އަދި މައްސަލާގައި އެދިފައިވާ ވަގުތީ އަމުރު ވެސް ނެރެޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ވެސް މައްސަލަ ހުށަހެޅި ފަރާތްތަކުން ވަނީ އެ މާއްދާއަކީ ގާނޫނު އަސާސީއާ ހިލާފުވާ މާއްދާއެއް ކަމަށް ވިދާޅުވެ، މާއްދާ ބާތިލްކޮށް ދިނުމަށް އެދިފަ އެވެ.

ފުށު އަރާ ކަމަށް ބުނި މާއްދާތައް

  • 26 ވަނަ މާއްދާ – ވޯޓްދިނުމުގެ ހައްގާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު
  • 30 ވަނަ މާއްދާގެ (ހ) - ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވުން
  • 17 ވަނަ މާއްދާ – ތަފާތުނުކުރުން
  • 20 ވަނަ މާއްދާ – ހަމަހަމަކަން

މައްސަލަ ހުށަހެޅުއްވި ވަކީލް މާނިއު ވިދާޅުވެފައިވާ ގޮތުގައި ގާނޫނު އަސާސީގައި ވަކި ކަމަކަށް ވަކި ޝަރުތުތަކެއް ކަނޑައަޅާފައިވާނަމަ، އެއީ ނިހާއީ ކަނޑައެޅުމެކެވެ. އެ ޝަރުތައް ހަނިވާ ގޮތަށް ގާނޫނެއް ނުހެދޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ވާދަ ކުރެވޭނެ ޝަރުތުތައް ބަޔާން ކޮށްފައިވާ ކަމަށާއި އެއާ ހިލާފުވާ ޝަރުތެއް ގާނޫނަކުން ކަނޑައަޅައިފިނަމަ އެ ކަނޑައެޅުމެއް ވާނީ ގާނޫނު އަސާސީގެ 63 ވަނަ މާއްދާގައި ބުނާ ފަދައިން ބާތިލް ކަނޑައަޅެމަކަށް ކަމަށް ވެސް މާނިއު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 63 ވަނަ މާއްދާގައި ބުނެފައިވަނީ އެއްވެސް ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް އަސާސީ ހައްގަކާ ނުވަތަ މިނިވަންކަމަކާ ތައާރުޒްވާނަމަ، އެ ގާނޫނެއް ނުވަތަ އެ ގާނޫނަކުން އެ ހައްގަކާ ނުވަތަ އެ މިނިވަންކަމަކާ ތައާރުޒްވާ މިންވަރެއް ވާނީ ބާތިލް އެއްޗަކަށް ކަމަށެވެ.

ދެ ފަރާތަށް ވެސް ފުރުސަތު ދެއްވުމަށްފަހު މިއަދު ވަނީ މައްސަލާގެ އަޑުއެހުންތައް ނިންމާލާފަ އެވެ. ދެން އެ މައްސަލާގައި އޮންނާނީ ހުކުމް އިއްވުމެވެ. މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލާ މައްސަލައެކެވެ.