ހަބަރު

ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Feb 26, 2019
2

ސުޕްރީމު ކޯޓުގެ އިއްޔެ ކުރި ހުކުމާއެކު، ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުން ނާކާމިޔާބު ފަރާތްތަކަށް އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

ސުޕްރީމް ކޯޓުން އިއްޔެ ވަނީ ޕްރައިމަރީތަކުގައި ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ވެސް ވާދަ ކުރެވޭނެ ގޮތް ހަދައި، އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފަ އެވެ.

އެކަމާއި ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ހުކުމާއި އެއްގޮތަށް، ސިޔާސީ ޕާޓީތަކުގެ ޕްރައިމެރީގައި ބައިވެރިވެ، ނާކާމިޔާބުވެފައިވާ ފަރާތްތަކަށް މަޖިލީސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު، އިއްޔެ އިން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު 4.00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ހުށަހެޅޭ ފޯމުތައް ރަސްމީ ދުވަސް ދުވަހު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރުފަހު 03:00 އާ ހަމަޔަށްކަމަށާއި، ރަސްމީ ބަންދު ދުވަސް ތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 3:00 އާ ހަމައަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ހުކުރު ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:30 އިން ހަވީރު 5:00 އަށް ކަމަށް އިލެކްޝަންސްއިން ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމްގައި ބުނީ، ޕްރައިމަރީއެއްގައި ވާދަކޮށް ބަލިވާ މީހުންނަށް އެއްވެސް ހައިސިއްޔަތަކުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތުމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އިންތިހާބުތަކުގައި ވާދަ ކުރުމުގެ އަސާސީ ހައްގުން މަހުރޫމްވާ ކަމެއް ކަމަށެވެ. އެކަމަކީ ގާނޫނު އަސާސީގެ ސިފައެއް ނޫން ކަމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕްރައިމަރީގައި، ނާކާމިޔާބުވި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރެވެ. ޖާބިރާއެކު އެ މައްސަލަ ހުށަހެޅުމުގައި ގާނޫނީ ވަކީލް އަބްދުލްމާނިއު ހުސެއިން ވެސް ބައިވެރިވި އެވެ. އެ ދެ ބޭފުޅުންގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ، ގުލްހަޒާރުގޭ، އަހުމަދު މުހައްމަދު ވެސް ހަމަ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.

ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާއަށް އިސްލާހު ގެނައީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޕީޕީއެމްއިން އިސްވެ އޮވެ އެވެ. އެ މާއްދާ ބާތިލް ކުރަން މިހާރު ވެސް މަޖިލީހަށް ވަނީ ބިލެއް ވަނީ ވައްދާފަ އެވެ.