ހަބަރު

ދަރަނީގެ މައްސަލަ އިސްތިއުނާފުކޮށްފައިވާނަމަ ޝަރުތު ހަމަވާނެ: ހުކުމް

ސާބިތު ދަރަންޏެއް އޮތް މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތް ނަމަވެސް އެ ދަރަންޏަކީ މަތީ ކޯޓަކަށް އިސްތިއުނާފުކޮށްފައިވާ ދަރަންޏަކަށްވާނަމަ، އިންތިހާބުގައި ވާދަ ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

މީގެ ދުވަސް ކޮޅެއް ކުރިން މިކަމާ ބެހޭ ބަހުސެއް ހުޅުވުނެވެ. އެ ބަހުސް ފެށުނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދެ ދަރިކަލުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ނިންމެވި ހިސާބުންނެވެ. އެ ދެ ބޭފުޅުން ޒިންމާ ދަރަންޏެއް އޮތް ކަމަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމާ އެއްގޮތަށް ދަރަނި އަދާކޮށްފައެއް ނުވެ އެވެ. އެކަމަކު، އެ މައްސަލަ އޮތީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ބައެއް ބޭފުޅުން، އެ ހާލަތުގައި ޝަރުތު ހަމަނުވާނެ ކަމަށް ބުނަމުން ދަނިކޮށް މައުމޫންގެ ބޭފުޅުން ވަނީ ދަރަނި ދައްކަވާ ހަލާސް ކުރައްވާފަ އެވެ. އޭގެފަހުން އިލެކްޝަން ކޮމިޝަނުން ވަނީ ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެ ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެންސީ ފޯމް ބަލައިނުގަންނަން ނިންމާފަ އެވެ.

އެ ނިންމުން ހަސަންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ނިންމީ، ހަސަންއަށް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށެވެ. އޭނާގެ ޝަރުތު ހަމަވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވާ ގޮތުން ހަސަން ވެސް ޒިންމާ ފަސް ދަރަންޏެއްގެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގޮސްފައިވެ އެވެ. އެ ހުރިހާ މައްސަލައެއްގައި ވެސް ދަރަންޏަށް ހަސަން ޒިންމާވާން ޖެހޭ ކަމަށް ކަނޑައަޅާފައިވެ އެވެ. ހަސަންއާއެކު އެ ދަރަންޏަށް އިތުރު އަށް މީހަކު ވެސް ޒިންމާވެ އެވެ.

ހުކުމްގައިވާ ގޮތުން އޭގެ ތެރެއިން އެއް މައްސަލައަކީ މިހާރު ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާ މައްސަލައެކެވެ. އެހެންކަމުން އެއީ މިހާރު ވުޖޫދުގައި އޮތް ދަރަންޏެއް ނޫނެވެ.

ހަސަންގެ މައްޗަށް ދެން ސާބިތުވެފައިވާ ދަރަނީގެ ތެރެއިން ދެ ދަރަންޏަކަށް ހައިކޯޓުން ވެސް ވަނީ ތާއިދުކޮށްފަ އެވެ. އެ ދެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައި ވަކި ގޮތެއް ކަނޑަނާޅަ އެވެ. އެހެންކަމުން އެ ދެ މައްސަލާގައި ނިހާއީ ހުކުމެއް ނެތީސް އެ ދަރަނީގެ ސަބަބުން ހަސަންއަށް ގާނޫނު އަސާސީއިން ލިބިދޭ ހައްގެއް ހިފެހެއްޓޭ ގޮތަށް އޭނާއަކީ ހުކުމާ އެއްގޮތަށް ދަރަނި ދައްކަމުން ނުދާ މީހެއްގެ ގޮތުގައި ކަނޑައަޅައިގެން ނުވާނެ ކަމަށް އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްފަ އެވެ.

ބާކީ އޮތް ހަސަންގެ ދެ ދަރަނީގެ މައްސަލަ މިހާރު އޮތީ ހައިކޯޓުގައި ވަކި ގޮތެއް ނުނިންމަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައިވާ ގޮތުން އިލެކްޝަން ކޮމިޝަނުން ވަނީ ދަށު ކޯޓުން އިއްވާފައިވާ ހުކުމަކުން މީހެއްގެ މައްޗަށް ދަރަންޏެއް އޮތް ނަމަވެސް އެ ހުކުމަކީ މަތީ ކޯޓެއްގައި އިސްތިއުނާފު ކުރެވި ނިހާއީ ހުކުމެއް ނެތް މައްސަލައެއް ކަމުގައިވާނަމަ، އެ މީހަކީ ދަރަނި ދައްކަމުން ނުދާ މީހެއްގެ ގޮތުގައި ނުބަލާ ކަމަށް ބުނެފަ އެވެ.

ހުކުމާ އެއްގޮތަށް ދަރަނި ދައްކަމުން ނުދާ މީހެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުން ބަލަނީ ދަރަންޏަކާ ގުޅިގެން ނިހާއީ ހުކުމެއް އައިސްފައި، އެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާނަމަކަން އެނގެން އޮންނަ ކަމަށް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އަދި އެކަމަކީ މި ބާވަތުގެ އިންތިހާބީ ޝަރުތުގެ މައްސަލަތަކުގައި މީގެކުރިން ނިންމާފައިވާ ނިންމުންތަކުން ގާއިމްކޮށް އިސްތިގްރާރުވެފައިވާ ދުސްތޫރީ އުސޫލެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން ހަސަންގެ މައްޗަށް ދަށު ކޯޓުން ސާބިތުވެފައިވާ ދަރަނީގެ މައްސަލަތަކަކީ އިސްތިއުނާފުގެ މުއްދަތުގައި މަތީ ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތަކަށްވާތީ، އޭނާގެ ކެންޑިޑެންސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަން ކޮމިޝަނަށް އަންގާފަ އެވެ.

އިލެކްޝަން ކޮމިޝަނުން ހަސަންގެ ފޯމް ބަލައިނުގަތުމަށް ނިންމީ، އޭނާގެ މައްސަލަތައް މަތީ ކޯޓުގައި ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިނުވާތީ އެވެ. އެ ކޮމިޝަނަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ ހަސަންއަކީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މީހެއް ކަމަށެވެ.