ހަބަރު

ވާދަކުރަން ހުރަސް އެޅޭ މާއްދާއަށް އަމަލުކުރުން ހުއްޓުވަން ވަގުތީ އަމުރަކަށް އެދިއްޖެ

ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނަށް ވެސް އިންތިހާބުގައި ވާދަ ކުރެވޭ ގޮތަށް ހަދަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ވަގުތީ އަމުރަކަށް އެދިއްޖެ އެވެ. ވަގުތީ އަމުރަށް އެދުނީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތް ގާނޫނީ މާއްދާއަށް އަމަލު ކުރުން މަޑުޖައްސާށެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އޭރު ސަރުކާރު އޮތް ޕީޕީއެމްއިން އިސްވެ އޮވެ، ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާއަށް އިސްލާހު ގެނަ އެވެ.

އެ އިސްލާހު އެހެން އޮއްވާ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީ ވަނީ ބާއްވާފަ އެވެ. އޭގެ ސަބަބުން ގިނަ ބޭފުޅުންތަކަކަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުނެވެ.

އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ބްދުﷲ ޖާބިރު ވަނީ ގާނޫނީ އެ މާއްދާ އުވާލުމަށް ގާނޫނީ ވަކީލް އަބްދުލް މާނިއު ހުސެއިންއާއެކު ސުޕްރީމް ކޯޓަށް އިއްޔެ މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ، އަހުމަދު މުހައްމަދު ވެސް ހަމަ އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. މިއަދު އެ ދެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އެއް އަޑުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާއަށް އަމަލު ކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް މިއަދު އެދިފައިވަނީ އަހުމަދު މުހައްމަދުގެ ފަރާތުންނެވެ.

ވަގުތީ އަމުރަކަށް އެދުނު ސަބަބެއް ކަމަށް ބުނީ، އަންނަ ހަފުތާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރު މައްސަލާގައި އެހާ ތަނަށް ގޮތެއް ކަނޑަނޭޅިއްޖެނަމަ މައްސަލަ ހުށަހެޅި ފަރާތާއި އެހެން ފަރާތްތަކެއްގެ ވެސް އަސާސީ ހައްގެއް ގެއްލިގެންދާނެ ކަމަށް ގަބޫލު ކުރާތީ ކަމަށެވެ. އެ މާއްދާ ބާތިލު ކުރަން ރައްޔިތުންގެ މަޖިލީހަށް ވެސް ބިލެއް ހުށަހަޅާފައިވާއިރު އެ މައްދާ ބާތިލްވުމުގެ ފުރުސަތު އެބަ އޮތް ކަމާއި އެހެން އޮއްވާ މި އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުމަކީ އަދުލުވެރި ގޮތެއް ކަމުގައި ނުދެކޭ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ޖާބިރު ވެސް ވަޑައިގެންނެވި އެވެ. އޭނާގެ ވަކީލް އަބްދުލް ހަކީމް މުހައްމަދު ރަޝީދު ވަނީ ޖާބިރުގެ ފަރާތުން އެ މާއްދާ ބާތިލްކޮށް ދޭން އެދި ވަޑައިގަންނަވާ ސަބަބުތައް ވިދާޅުވެފަ އެވެ. އެގޮތުން އެ މާއްދާއަކީ ގާނޫނު އަސާސީގެ ގިނަ މާއްދާތަކާ ފުށު އަރާ މާއްދާއެއް ކަމަށް ވިދާޅުވި އެވެ.

ފުށު އަރާ ކަމަށް ބުނި މާއްދާތައް

  • 26 ވަނަ މާއްދާ – ވޯޓްދިނުމުގެ ހައްގާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު
  • 30 ވަނަ މާއްދާގެ (ހ) - ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވުން
  • 17 ވަނަ މާއްދާ – ތަފާތުނުކުރުން
  • 20 ވަނަ މާއްދާ – ހަމަހަމަކަން

މައްސަލަ ހުށަހެޅުއްވި ވަކީލް މާނިއު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގައި ވަކި ކަމަކަށް ވަކި ޝަރުތުތަކެއް ކަނޑައަޅާފައިވާނަމަ، އެއީ ނިހާއީ ކަނޑައެޅުމެކެވެ. އެ ޝަރުތައް ހަނިވާ ގޮތަށް ގާނޫނެއް ނުހެދޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ވާދަ ކުރެވޭނެ ޝަރުތުތައް ބަޔާން ކޮށްފައިވާ ކަމަށާއި އެއާ ހިލާފުވާ ޝަރުތެއް ގާނޫނަކުން ކަނޑައަޅައިފިނަމަ އެ ކަނޑައެޅުމެއް ވާނީ ގާނޫނު އަސާސީގެ 63 ވަނަ މާއްދާގައި ބުނާ ފަދައިން ބާތިލް ކަނޑައަޅެމަކަށް ކަމަށް ވެސް މާނިއު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 63 ވަނަ މާއްދާގައި ބުނެފައިވަނީ އެއްވެސް ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް އަސާސީ ހައްގަކާ ނުވަތަ މިނިވަންކަމަކާ ތައާރުޒްވާނަމަ، އެ ގާނޫނެއް ނުވަތަ އެ ގާނޫނަކުން އެ ހައްގަކާ ނުވަތަ އެ މިނިވަންކަމަކާ ތައާރުޒްވާ މިންވަރެއް ވާނީ ބާތިލް އެއްޗަކަށް ކަމަށެވެ.

މާނިކު ވިދާޅުވީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގެ މިނިވަންކަން ކަށަވަރު ކުރެވޭނެ އެއްވެސް ނިޒާމެއް ނެތްއިރު އެ އިންތިހާބުގައި ބައެއް މެންބަރުން މަކަރާއި އޮޅުވާލުން ހިންގާ ކަމަށެވެ. އެގޮތުން ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ލާފައިވަނީ އިލެކްޝަން ކޮމިޝަންގައި އޮތް އެ ޕާޓީގެ ދަފުތަރުގައި ތިބި މެންބަރުން ނޫން ކަމަށާއި އެންމެ ފަހު ވަގުތު ގިނަ މެންބަރުންތަކެއް ޕާޓީއަށް ވެއްދި ކަމަށެވެ. އިންތިހާބު ކާމިޔާބު ވަނީ އެންމެ ގިނަ މެންބަރުން ވައްދާ ކެންޑިޑޭޓަށް ކަމަށާއި ވޯޓާސް ލިސްޓް ކަށަވަރު ކުރާނެ ގޮތެއް ވެސް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފަދަ ގޮތަކަށް އެކަން އޮތްއިރު އިންތިހާބުގައި އެއްވެސް ހައިސިއްޔަތަކުން އެއްވެސް ދާއިރާއަކަށް ވާދަކުރުމުގެ ފުރުސަތު ގެއްލޭ ގޮތަށް އޮންނަ އޮތުމަކީ އަދުލުވެރި ގޮތެއް ނޫން ކަމަށް ވެސް މާނިއު ވިދާޅުވި އެވެ.

ދެ ފަރާތުން ފާހަގަކުރި ކަންކަމުގެ މައްޗަށް ޖަވާބުދާރީވުމަށް އުއްތަމަ ފަނޑިޔާރު، ބަންޑާރަ ނައިބުގެ ވަކީލުންނަށް އެންގެވި އެވެ. ނަމަވެސް އެ އޮފީހުގެ ފަރާތުން ވަޑައިގެންނެވި ވަކީލް ހައްވާ ސަނާ ވިދާޅުވީ މައްސަލާގެ ލިޔުންތައް އިއްޔެ ލިބިފައިވާއިރު ޖަވާބުދާރީވުމަށް ދިރާސާތައް ކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ. އެހެންވެ އަންނަ އާދިއްތަ ދުވަހަށް އަޑުއެހުން ފަސްކޮށްދިނުމަށް ސަނާ އެދުނެވެ.

އެކަމާމެދު ގޮތެއް ނިންމެވުމަށް ފަނޑިޔާރުން ހުސް ވަގުތުކޮޅެއް ނެންގެވި އެވެ. އެއަށްފަހު އެނބުރި ޝަރީއަތުގެ މާލަމަށް ވަޑައިގެން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަންނަ އާދިއްތަ ދުވަހަށް އަޑުއެހުން ފަސްކުރުމަށް ނިންމެވީ ކަމަށެވެ. އަދި އެ މައްސަލާގެ ތެރެއަށް އިލެކްޝަން ކޮމިޝަން ތަދައްހުލް ކުރުވުމަށް ކޯޓުން އެ ކޮމިޝަނުން އެކަން އަންގާނެ ކަމަށް ވެސް ވިދާޅުވި އެވެ.