ހަބަރު

މުވައްޒަފުންގެ މައްސަލައަށް ހައްލެއް ލިބޭނެ: ހައުސިން

ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލި އާ އުސޫލާއެކު، ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ 40 މުވައްޒަފުންގެ މައްސަލާގައި އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޮތް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ދެ މިނިސްޓްރީއަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައްސަވާ ލައްވާފަ އެވެ. އެއީ މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އެވެ. މުވައްޒަފުން ވެސް ދެ މިނިސްޓްރީއަށް ބަހާލުމަށް ވަނީ ނިންމާފަ އެވެ.

މުވައްޒަފުން ދެ މިނިސްޓްރީއަށް ބަހާލާއިރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހައުސިން އެންޑް އިންފްރާސްޓްރަޗާ މިނިސްޓްރީގައި ތިބި މުވައްޒަފުންގެ ތެރެއިން 40 މުވައްޒަފެއްގެ ވަޒީފާ ގެއްލޭނެ ކަމުގެ ބިރު ހީވީ އާ އުސޫލުގައި ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުން މެރިޓް އުސޫލުން ވަނީ ދަރަޖަކޮށްފައިވާތީ އެވެ. އުސޫލުގައިވާ ގޮތުން މެރިޓް އުސޫލުން މުވައްޒަފުން ދަރަޖަކޮށް އިތުރުވާ މުވައްޒަފުން ދޫކޮށްލަން ޖެހޭނެ އެވެ. އެކަމުގައި ބަލަނީ މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާ އާއި ތަމްރީނު އަދި ފެންވަރަށެވެ.

އޭގެ ސަބަބުން މިނިސްޓްރީގެ 40 މުވައްޒަފެއް އެ މިންގަނޑުން ބޭރުވާތީ ވަޒީފާ ގެއްލޭނެ އެވެ.

އެކަމާ ގުޅިގެން އެ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން އަވަސްއަށް ވިދާޅުވި ގޮތުގައި އެކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނާއެކު ދަނީ މަޝްވަރާތައް ކުރަމުންނެވެ.

ޝާމިން ވިދާޅުވީ މުވައްޒަފުން ދެ މިނިސްޓްރީއަށް ބަހާލަން ނިންމާފައިވާއިރު ހައުސިންއަށް އަދި ޕްލޭނިންއަށް ހަމަޖައްސާނެ މުވައްޒަފުންނަކީ ކޮބައިކަން ވެސް ސީދާ ކަނޑައެޅިފައިނުވާ ކަމަށެވެ. މިވީ ދުވަސްތަކުގައި އެކަމާ ގުޅޭ ގޮތުން ކޮމިޝަނާއެކު މަޝްވަރާތައް ކުރަމުންދިޔަކަން ޝާމިން ފާހަގަކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އާ އުސޫލުގެ ދަށުން މުވައްޒަފުންތަކެއް ވަކި ކުރަން ޖެހޭ ނަމަވެސް އެކަން ކުއްލިއަކަށް ނުކުރާނެ އެވެ. މުވައްޒަފުންނަށް އެކަށީގެންވާ މުއްދަތެއްގެ ނޯޓިސް ދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. އެކަމުގައި ކޮމިޝަނާއެކު ކުރަމުންދާ މަޝްވަރާގައި އެކަށީގެންވާ ހައްލުތަކެއް ލިބޭނެ ކަމަށް ޝާމިން ވިދާޅުވި އެވެ.

މިކަމުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމްއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.