ހަބަރު

އެއްވެސް މުވައްޒަފަކަށް ވަޒީފާއެއް ނުގެއްލޭނެ: ކޮމިޝަން

އަލަށް އެކުލަވާލި އުސޫލާ ގުޅިގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެއްވެސް އިދާރާއަކަށް އަންގާފައިނުވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ. ވަޒީފާ ގެއްލޭ ހާލަތެއް މެދުވެރިވެއްޖެ ނަމަވެސް އެހެން ވަޒީފާއެއް ހޯދައިދޭނެ ކަމަށް ބުންޏެވެ.

އެ ކޮމިޝަނުން މިހެން ބުނީ އުސޫލުގެ ސަބަބުން ހައުސިން މިނިސްޓްރީގެ 40 މުވައްޒަފެއްގެ ވަޒީފާ ގެއްލޭ ކަމަށް ބުނެ އެ މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހައުސިން އެންޑް އިންފްރާސްޓްރަޗާ މިނިސްޓްރީގައި ތިބި މުވައްޒަފުންގެ ތެރެއިން 40 މުވައްޒަފެއްގެ ވަޒީފާ ގެއްލޭނެ ކަމުގެ ބިރު ހީވީ އާ އުސޫލުގައި ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުން މެރިޓް އުސޫލުން ވަނީ ދަރަޖަކޮށްފައިވާތީ އެވެ. އުސޫލުގައިވާ ގޮތުން މެރިޓް އުސޫލުން މުވައްޒަފުން ދަރަޖަކޮށް އިތުރުވާ މުވައްޒަފުން ދޫކޮށްލަން ޖެހޭނެ އެވެ. އެކަމުގައި ބަލަނީ މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާ އާއި ތަމްރީނު އަދި ފެންވަރަށެވެ.

އެކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އާ އުސުލަކީ މުވައްޒަފުން ދޫކޮށްލުމުގައި ބަލާ ހާލަތްތަކަށް އަމަލު ކުރުމުގައި އެކި އިދާރާތަކުން އެކި އުސޫލު ގެންގުޅޭތީ އެއް އުސޫލަކުން އެކަން ކުރުމަށްޓަކައި އެކުލަވާލި އުސޫލެއް ކަމަށެވެ.

އެ އުސޫލުގެ ސަބަބުން އަދި ސިވިލް ސާވިސްގެ އިދާރާތަކުގެ އޮނިގަނޑަކަށް އަންނަ އެއްވެސް ބަދަލަކުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އިދާރާއަކަށް އަންގާފައިނުވާނެ ކަމަށް ނޫސް ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނީ އިދާރާއެއްގެ އޮނިގަނޑަށް އަންނަ ބަދަލަކާ ގުޅިގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ބަދަލުގައި އެކަށޭނެ އެހެން ވަޒީފާއެއް އެހެން އިދާރާއަކުން ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކޮމިޝަނުން ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އެކަމާ ގުޅިގެން އެ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން އަވަސްއަށް ވިދާޅުވި ގޮތުގައި އެކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނާއެކު ދަނީ މަޝްވަރާތައް ކުރަމުންނެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އާ އުސޫލުގެ ދަށުން މުވައްޒަފުންތަކެއް ވަކި ކުރަން ޖެހޭ ނަމަވެސް އެކަން ކުއްލިއަކަށް ނުކުރާނެ އެވެ. މުވައްޒަފުންނަށް އެކަށީގެންވާ މުއްދަތެއްގެ ނޯޓިސް ދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. އެކަމުގައި ކޮމިޝަނާއެކު ކުރަމުންދާ މަޝްވަރާގައި އެކަށީގެންވާ ހައްލުތަކެއް ލިބޭނެ ކަމަށް ޝާމިން ވިދާޅުވި އެވެ.