އެފްއޭއެމް

ފަދުވާ ޖެހި މޮޅު ގޯލް އެވޯޑަށް ނޮމިނޭޓްވެސް ނުވި!

ގައުމީ އަންހެން ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރު އިންޑޮނޭޝިއާ ކޮޅަށް ވައްދާލި މޮޅު ގޯލް، އެފްއޭއެމް މޯލްޑިވްސް ފުޓްބޯލްގެ އެންމެ މޮޅު ގޯލްގެ އެވޯޑްގެ ނޮމިނޭޝަންގައި ލައްވައެއް ނުލި އެވެ.

މިއަންނަ ހޮނިހިރު ދުވަހު ހަވީރު ހުޅުމާލޭ ދެވަނަ ފޭސްގެ ކުރީގެ ކުލަބު ފަރު ރިޒޯޓް ހިމެނޭ ސަރަހައްދުގައި ބާއްވާ އެވޯޑް ހަފުލާގައި ދިނުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ 'ޖޫލޭ އެވޯޑަށް' ނޮމިނޭޓްވެފައިވާ 10 ގޯލްގެ ވީޑިއޯ އާންމު ކޮށްފަ އެވެ.

މި ލިސްޓްގައި ފަދުވާގެ މޮޅު ގޯލް ހިމެނިފައި ނުވުމުން ހައިރާކަން ލިބުނެވެ. އޮލިމްޕިކްސް ކޮލިފައިން އޭޝިއާ ޒޯންގައި ގައި މިދިޔަ މަހު ފަލަސްތީންގައި ކުރިއަށް ގެންދިޔަ ކޮލިފައިންގައި އިންޑޮނޭޝިއާ ދެކޮލަށް ކުޅުނު މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރުުމުގައި، ފަދުވާ ވަނީ އޭނާގެ އިންޑިވިޖުއަލް ހުނަރުގެމޮޅުކަން ސާބިތު ކޮށްދީފަ އެވެ.

ރާއްޖޭގެ ހާފުގެ ތެރެއިން، ލިބުނު ބޯޅަ ހިފައިންގެން އިންޑޮނޭޝިއާގެ ހާފުގެ ތެރެއަށް ވަދެ، އެ ޓީމުގެ ދެ ކުޅުންތެރިން ނައްޓާލުމަށް ފަހު ފަދުވާ ވަނީ، އެ ލަނޑު ޖެހުމަށްޓަކައި އިންޑޮނޭޝިއާގެ މުޅި ހާފު ކަޑަތުކޮށްފަ އެވެ. އެ ލަނޑު ޖެހުމަށް އޭނާގެ ހަލުވި ސުޕީޑްގެ ބޭނުންކޮށް، 90 މީޓަރު ކަޑަތު ކުރި އެވެ. އިންޑޮނޭޝިއާގެ ޕެނަލްޓީގެ އޭރިއާގެ ތެރެއަށް ވަދެ، އެ ޓީމުގެ ގޯލްގެ ކަނަށް ފަދުވާ ބޯޅަ ފޮނުވާލީ، ގޯލްކީޕަރަށްވެސް ފުރުސަތެއް ނުދީ އެވެ.

ފަދުވާ ކާމިޔާބު ކުރި މޮޅު ގޯލްގެ ވީޑިއޯ

ފަދުވާ ކާމިޔާބު ކުރި އެ ގޯލަށް ރާއްޖޭގެ ތަޖުރިބާކާރު ކޯޗުންގެ ތައުރީފްވެސް އޮހުނެވެ. ދިވެހި ގައުމީ ޓީމަށް އެންމެ ފުރަތަމަ ލަނޑެއް ޖެހި ކުޅުންތެރިޔާ މަރުހޫމް އަބުދުﷲ ރަޝީދު (ޖޫލޭ) ގެ ނަމަށް ހާއްސަކޮށްދޭ ޖޫލޭ އެވޯޑަށް "އޭ" އިން ފެށިގެން "ޖޭ" އާ ހަމައަށް ވަނީ ނޮމިނޭޝަން ލިސްޓް ކޮށްފަ އެވެ. އެވޯޑް ހަފުލާގައި އެ ކެޓަގރީން އެވޯޑް ދޭން ފެށި ފަހުންވެސް މިހާ ގިނަ އަދަކަށް ގޯލް ނޮމިނޭޓް ކޮށްފަ އެއް ނުވެ އެވެ. އެހެންނަމަވެސް ފަދުވާގެ މޮޅު ގޯލް ނުހިމެނުމުން ހައިރާންވި އެވެ.

ޖުޅޭ އެ ވޯޑަށް ނޮމިނޭޓް ނުވާ މޮޅު ލަނޑުގެ ތެރެއިން ހިމެނެނީ ފަދުވާ ކާމިޔާބު ކުރި ލަނޑު އެކަންޏެއް ނޫނެނެވެ. ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި އިންޑިއާގެ ހިތް މަރާލި ގޯލަކަށްވީ އަލީ ފާސިރު 'ސެންޓޭ' އިންޑިއާގެ ކޮޅަށް ވައްދާލި ތާރީހީ ގޯލެވެ. ހަމްޒާ މުހައްމަދު 'ހަމްޕް' އިންޑީއާ ހާފުގެ ތެރެއިން، ސެންޓޭއަށް ބޯޅަ ނަގައިދިނީ އެ ބޯޅައަށް ސެންޓޭ ހުސްވާން ދިއުމުންނެވެ. ސެންޓޭ ވަނީ އޮފްސައިޑު މަޅިން ސަލާމަތްވެ، ބޯޅަ އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފަ އެވެ. ބޯޅަ ދިފާއު ކުރަން ކުރިއަށް ނިކުތް އިންޑިއާގެ ކީޕަރު ވިޝާލް ކައިތު ބޯޅައަށް ނިކުމެ ނިކުމެ އޮއްވައި ސެންޓޭ ވަނީ އެ ބޯޅަ ގޯލްގެ ދުރުކަނަށް ވައްދާލަފަ އެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ އެންމެ މޮޅު ގޯލަށް ނޮމިނޭޓް ގޯލްތަކުގެ ވެފައިވާ ވީޑިއޯ

މޯލްޑިވސް ފުޓްބޯލް އެވޯޑްގެ އެންމެ މޮލޫ ގޯލް ހޮވަން ވޯޓް ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެވޯޑަށް ވޯޓް ދިނުމުގެ އެންމެ ފަހު ވަގުތަކީ ހުކުރު ދުވަހުގެ ހަވީރު 4:00 ގެ ކުރިންނެވެ. އެސްއެމް ކުރަން ޖެހޭ ގޮތަކީ [MAF (space) A or B or C] އެވެ. އެސްއެމްސް ކުރާނީ 300 އަށެވެ.