ހަބަރު

ހަ މަސް ތެރޭ ރޭޕްގެ ހަތް މައްސަލައެއް

Dec 26, 2018
4

މިދިޔަ ޖޫން މަހުން ފެށިގެން ނިމުނު ނޮވެމްބަރު މަހުގެ ނިޔަލަށް ޖެންޑަ މިނިސްޓްރީ އަށް ރޭޕްކުރުމުގެ ހަތް މައްސަލައެއް ހުށަހަޅައިފި އެވެ.

ޖެންޑަ މިނިސްޓްރީއިން ކޮންމެ މަހަކު އާންމުކުރާ އެ މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު އެކަނި ވެސް އެ މިނިސްޓްރީއަށް ރޭޕްކުރުމުގެ ތިން މައްސަލައެއް ވަނީ ލިބިފަ އެވެ. އޮކްޓޫބަރު މަހާއި ސެޕްޓެމްބަރު މަހު ވެސް ރޭޕްގެ ދެ މައްސަލައެއް ހުށަހަޅާފައިވާއިރު ޖޫން މަހު ވެސް ދެ މައްސަލައެއް ހުށަހަޅާފައިވެ އެވެ. މިއީ މިދިޔަ އަހަރާ ބަލާއިރު އިތުރު އަދަދެކެވެ.

މިމަހުގެ ތެރޭގައި ރޭޕްގެ ތިން މައްސަލައެއް ޖެންޑާއަށް ރިޕޯޓްކޮށްފައިވާއިރު ހުޅުމާލޭގައި ކުޑަ އަންހެންކުއްޖަކާ ބެހުނު މައްސަލައެއް މިދިޔަ މަހު މީޑިއާގެ ސަމާލުކަމަށް ވެސް އައެވެ. އެ މައްސަލަ ސޯޝަލް މީޑިއާގައި ޝެއާކޮށް ގިނަ ބަޔަކު ވަނީ އެކަން ކުރި ބަޔަކު ހޯދައި އަދަބު ދިނުމަށް ވެސް ގޮވާލާފަ އެވެ.

ރޭޕްގެ މައްސަލަތަކުގެ އިތުރުން ގެވެށި އަނިޔާގެ މައްސަލަތައް ވެސް މަދެއް ނުވެ އެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި އެކަނި ވެސް ގެވެށި އަނިޔާގެ 27 މައްސަލައެއް ޖެންޑާއަށް ހުށަހަޅާފައިވެ އެވެ. އަދި އޮކްޓޫބަރު މަހު ގެވެށި އަނިޔާގެ 29 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ޖިންސީ އަނިޔާގެ ހަތަރު މައްސަލަ އާއި ނަފްސާނީ އަނިޔާގެ 14 މައްސަލައެއް ހިމެނެ އެވެ.

ޖެންޑާއަށް މިދިޔަ މަހު ވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް އަދިވެސް މަދު ނުވާއިރު މިދިޔަ މަހު އެކަނި ވެސް ކުދިންނަށް އަނިޔާކޮށްގެން 78 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައީ ކުދިންނަސް އިހުމާލުވުމުގެ މައްސަލަތަކެވެ. ދެން އެންމެ ގިނައީ ކުދިންނަށް އެކި ބާވަތުގެ ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ.