މަރާލާފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޝަނަށް މަރުގެ ގިނަ މައްސަލަތަކެއް ހުށަހަޅިފައިވަ ކަމަށާއި އެ މައުލޫމާތުތައް އަންނަ އާދީއްތަ ދުވަހު އާންމު ކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ވަނީ ތަހުގީގު ކުރަން ބޭނުންވާ މަރުތަކުގެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފަ އެވެ. އެކަމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެ މައުލޫމާތުތައް މިއަދު ހާމަ ކުރައްވާނެ ކަމަށް އެ ކޮމިޝަނުން ކުރިން ވަނީ ބުނެފަ އެވެ.
ކޮމިޝަންގެ ރައީސް ހުސްނު ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާތަނަށް އެ ކޮމިޝަނަށް ގިނަ އަދަދަކަށް މައްސަލަތައް ހުށަހެޅިފައިވާ ކަމަށެވެ. އަދި މައްސަލަތައް ހުށަހެޅުމުގެ މުއްދަތު މިއަދަށް ހަމަވާނެ ކަމަށާއި ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފްސީލް އަންނަ އާދީއްތަ ދުވަހު ހާމަ ކުރާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސްއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، މަރުތައް ބެލުމަށް ހާއްސަ ކޮމިޝަނެއް ރައީސް އެކުލަވާލީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހުގަ އެވެ. އެ ކޮމިޝަނުން ބުނެފައި ވަނީ ދެ އަހަރަށް ވުރެ ކުރިން ހުށަހެޅިފައިވާ މައްސަލަތަކުގެ ފުނަށް ދެވޭނެ ކަމަށެވެ.