ޗެލްސީއަށް، ފޯވަޑް އެޑެން ހަޒާޑް ކާމިޔާބު ކުރި 100 ވަނަ ލަނޑާއެކު، 2-1 ން ވަޓްފޯޑްގެ މައްޗަށް ކާމިޔާބު ހޯދައި ޗެލްސީ އަލުން ގަދަ ހަތަރެއްގެ ތެރެއަށް ވަދެއްޖެ އެވެ.
ބްރައިޓޮން ހޯވް އެލްބިއޯންއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅު ނުވެވުމުން، އެޓީމު ވަނީ ފަސް ވަނަ މަގާމަށް ވެއްޓިފަ އެވެ. މޮޅުވުމުގެ ފައިދާ ނަގައި، ޗެލްސީ ވަނީ އާސެނަލްގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް ހޯދައި ހަތަރު ވަނަ މަގާމަށް އަލުން ޖެހިލާފަ އެވެ.
ރޭގެ މެޗުގައި، ޗެލްސީގެ ދެ ލަނޑު ވެސް ކާމިޔާބު ކުރީ ހަޒާޑް އެވެ. އެނާ ޗެލްސީއަށް ޖަހައިދިން 100 ލަނޑު ކާމިޔާބު ކުރީ މަޓޭއޮ ކޮވަސިޗް ދިން ބޯޅަ ހިފައިގެން ބާރު ސްޕީޑްގައި ދުވެފައި ގޮސް ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަދެ، ވަޓްފޯޑްގެ ކީޕަރު ބެން ބޮސްޓާ ކަޓުވާލުމަށް ފަހު އެވެ. ހަޒާޑް ލަނޑު ޖެހީ ފުރަތަމަ ހާފުގެ 45 މިނެޓް ހަމަވެގެން އިތުރު ވަގުތުގެ އެއް ވަނަ މިނެޓްގަ އެވެ.
ވަޓްފޯޑުން ނަތީޖާ ހަމަހަމަ ކުރީ އޭގެ ދެ މިނެޓް ފަހުންނެވެ. ޖޯޒް ހޯލްބަސް ނެގި ކޯނަރު ތަނަވަސްވި ބޯޅަ، ރޮބާޓޯ ޕެރެއިރާ ބާރު އުންޑައެއްހެން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ އޭރިއާގެ ރޮނގުމަތީގައި ހުރެފަ އެވެ.
ޗެލްސީގެ ދެ ވަނަ ލަނޑު ހަޒާޑް ކާމިޔަބު ކުރީ ލިބުނު ޕެނަލްޓީ އަކުުންނެވެ. އޭގެ ފަހުން ހެޓްރިކް ހެދުމާ ދާދިގާތަށްވެސް އޭނާ ދި އެވެ. ހަޒާޑް 100 ލަނޑު ހަމަ ކުރުމުން އޭނާ ވެފައި ވަނީ، ތިން އަކުރުގެ އަދަކަށް ޗެލްސީއަށް ގޯލް ކާމިޔާބު ކުރި 10 ވަނަ ކުޅުންތެރިޔާ އަށެވެ. ޗެލްސީއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔަކީ ފްރޭންކް ލަމްޕާޑެވެ. އޭނާ ވަނީ ޗެލްސީއަށް 211 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ދުއިސައްތަ ގޯލާ ހަމަށް ދެވުނު ދެވަނަ ކުޅުންތެރިޔަކީ، 1959 ން 1970 ވަނަ އަހަރާ ހަމައަށް ޗެލްސީއަށް ކުޅުނު ބޮބީ ޓެމްބްލިން އެވެ. އޭނާ ވަނީ 202 ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ހަޒާޑް ޖެހި 100 ލަނޑުގެ ތެރެއިން 56 ލަނޑު އޭނާ ކާމިޔާބު ކުރީ ހޯމް ސްޓޭޑިއަމް، ސްޓެމްފޯޑް ބްރިޖުގަ އެވެ. އަނެއް 41 ލަނޑު އޭނާ ޖެހީ އަވޭ މެޗުތަކުގަ އެވެ. މެޗުތަކުގެ ފުރަތަމަ ހާފުތަކުގައި 50 ލަނޑު ވަނީ ކާމިޔާބު ކޮށްފަ އެވެ. ދެ ވަނަ ހާފުތަކުގައި 48 ލަނޑު ކާމިޔާބު ކުރި އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ މެޗުތަކުގެ އެކްސްޓްރާ ޓައިމްގަ އެވެ.