ދުނިޔެ

ބޮޑު ފާރަށް ބަޖެޓު ލިބެންދެން މަޑުކުރަން ތައްޔާރު: ޓްރަމްޕް

Dec 27, 2018

ބަޣްދާދު (ޑިސެމްބަރު 26) - މެކްސިކޯއާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި، އެމެރިކާ ސަރުކާރުން ހުށަހަޅާފައިވާ "ބޮޑުފާރު" ލުމުގެ މަޝްރޫއަށް ބޭނުންވާ ފަސް ބިލިއަން ޑޮލަރުގެ ބަޖެޓް ލިބެންދެން، ސަރުކާރު ހުއްޓާލާފައި ބޭއްވުމަށް ތައްޔާރަށް ހުންނެވިކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އިއްޔެ ކުއްލިގޮތަކަށް އިރާގުގައި ތިބި އެމެރިކާ ސިފައިންނާއި ބައްދަލުކުރެއްވުމަށް އެ ގައުމަށް ވަޑައިގެން ޓްރަމްޕް ވިދާޅުވީ، ކިތަންމެ ދުވަހެއް ވަންދެން ސަރުކާރު ހުއްޓިފައި ބާއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ބަޖެޓު ފާސްކުރުމަށް ސެނެޓުގައި އެންމެ ފަހުން ބޭއްވުނު ދެ ޖަލްސާގައި ވެސް އެ މައްސަލައަށް ހައްލެއް ނުލިބި ނިންމާލައިފައިވާއިރު، އެމެރިކާގެ ފެޑެރަލް ސަރުކާރުގެ މުހިންމު މުއައްސަސާތަކެއް ހުއްޓިފައި އޮންނަތާ މިހާރު ވަނީ ފަސް ދުވަސްވެފަ އެވެ.

ބޮޑު ފާރަށް ބޭނުންވާ ފައިސާ ނުހިމަނައި، ދެ ފަރާތުގެ ސެނެޓުގެ މެމްބަރުން ހުށަހެޅި ވަގުތީ ބަޖެޓު ޓްރަމްޕް ވަނީ ބަލައިގަންނަވަން ދެކޮޅު ހައްދަވައިފަ އެވެ.

ބަޖެޓު ފާސްނުވުމުގެ ސަބަބުން، އެމެރިކާގެ ޑިފެންސް، ލޭބާ، ހެލްތު، ހޯމްލޭންޑް ސެކިޔުރިޓީ، އެގްރިކަލްޗާ އަދި ޖަސްޓިސް ޑިޕާޓަމަންޓްތަކުގެ ބޮޑުބައެއް ވަނީ ހުކުރު ދުވަހުން ފެށިގެން ހުއްޓުމަކަށް އައިސްފަ އެވެ.

އެއާއެކު، ގައުމީ ސަލާމަތް ރައްކާތެރިކޮށް ކަށަވަރުކުރަން ކޮންމެހެން ބޭނުންވާ ވަރަށް މުވައްޒަފުންގެ އަދަދު މަދުކުރަން އެ ޑިޕާޓްމަންޓުތަކަށް ވަނީ މަޖުބޫރުވެފަ އެވެ.

މެކްސިކޯއާއި އެމެރިކާއާއި ދެމެދު، ހުރަސް ނުކުރެވޭ ފަދަ ފާރެއް ލުމުގެ މަސައްކަތް ކުރުމަށް އަމުރުކުރައްވައި ޓްރަމްޕް ވަނީ ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. މެކްސިކޯއާއި އެމެރިކާއާއި ދެމެދު 2000 މޭލުގެ ފާރެއް ލުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ.