ވިޔަފާރި

ރެކޯޑަކާއެކު 1.3 މިލިއަން ޓޫރިސްޓުން ރާއްޖެ އަށް!

ޓޫރިޒަމްގެ ފަހުގެ ތާރީހުގައި އެންމެ ގިނަ އިން ޓޫރިސްޓުން އައުމުގެ ރެކޯޑަކާއެކު، މި އަހަރު އައި ޓޫރިސްޓުންގެ އަދަދު 1.3 މިލިއަން އަށް ވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި މިދިޔަ މަހުގެ ޓޫރިސްޓު އެރައިވަލް ދައްކާ ގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް 1,333,456 މީހުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރު އައީ 1,246,501 މީހުންނެވެ. މިއީ ހަތް ޕަސެންޓުގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިދިޔަ މަހުގެ ނިޔަލަށް ރަޝިއާއިން 63,783 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 54,364 މީހުންނާ އަޅާ ބަލާއިރު 17.3 ޕަސެންޓް އިތުރުވުމެކެވެ.

ޔޫރަޕުގެ ގައުމުތަކުގެ ތެރެ އިން އެންމެ ގިނައިން ޓޫރިސްޓުން އައި އެއް ގައުމަކީ އިނގިރޭސިވިލާތެވެ. އެ ގައުމުން 103,818 މީހުން ވަނީ އައިސްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 94,258 މީހުންނާ އަޅާބަލާއިރު 10.1 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި އިޓަލީވިލާތުން 87,510 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު އައިސްފައިވަނީ 74,111 މީހުންނެވެ. މިއީ 18 ޕަސެންޓުގެ އިތުރު ވުމެކެވެ. މީގެ އިތުރުން ޖަރުމަނުވިލާތުން 106,660 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 103,067 މީހުންނާ އަޅާބަލާނަމަ 3.5 ޕަސެންޓުގެ އިތުރު ވުމެކެވެ.

މިދިޔަ މަހުގެ ނިޔަލަށް ޗައިނާ އިން އައިސްފައިވަނީ 266,376 މީހުންނެވެ. މިއީ މިދިޔަ އަހަރު އައި 286,612 މީހުންނާ އަޅާބަލާއިރު 7.1 ޕަސެންޓް ދަށްވުމެކެވެ. ނަމަވެސް އިންޑިޔާ އިން އައި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެ ގައުމުން 75,814 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 70,372 މީހުންނާ އަޅާބަލާއިރު 7.7 ޕަސެންޓު އިތުރު ވުމެކެވެ.

ޓޫރިސްޓުން އައި އަދަދު އިތުރުވިއިރު މި މަހަކީ ރާއްޖެއަށް އެންމެ ގިނައިން މީހުން އަންނަ މަހެވެ. އެގޮތުން އާ އަހަރު ފާހަގަ ކުރަން ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނާނެ އެވެ.