މިނިސްޓްރީ އޮފް އެޑިއުކޭޝަން

ރިޔޫސަބަލް ފެންފުޅި ސްކޫލްތަކަށް ހަދިޔާކުރަން ފަށައިފި

ދިރާއީ އާ އަހަރު ފެށޭ އިރު ގްރޭޑް 1 ގައި ކިޔަވާ ހުރިހާ ކުދިންނަށް ރިޔޫސެބުލް ފެންފުޅު ހަވާލުކުުރުމުގެ ގައުމީ މަޝްރޫއު މިއަދު ފަށައިފި އެވެ.

ޔުނިސެފުގެ އެހީތެރިކަމާއެކު ހޯދާފައިވާ ރިޔޫސެބުލް ފެންފުޅި، "ސުޕަފުޅި" ސްކޫލްތަކަށް ބަހަން ފެށީ ކަލާފާނު ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ސްކޫލްގެ ގްރޭޑް އެކެއްގައި ކިޔަވާ ދަރިވަރުން ހިމެނޭ ގޮތުން 16 ސްކޫލަކަށް ވަނީ މިއަދުގެ ރަސްމިއްޔާތުގައި ފުޅިތައް ހަވާލުކޮށްފަ އެވެ. އެ ފުޅިތައް ސްކޫލްތަކާ ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަސީރު އަދި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައިވާ ރެޕްރެޒެންޓެޓިވް މުހައްމަދު މުނީރު ޝަރަފުއްދީން އެވެ.

އެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ދަރިވަރުން ސްކޫލްތަކަށް ގެންދަނީ އެއް ފަހަރު ބޭނުންކޮށް އެއްލައިލާ ޕްލާސްޓިކް ފެންފުޅި ކަމަށް ވުމުން އޭގެ ނޭދެވޭ އަސަރު ތިމާވެއްޓަށް ކުރާ ކަމަށެވެ. މިއަދު ސްކޫލްތަކަށް ތައާރަފް ކުރި، ސުޕަ ފުޅި އަކީ ކޮންމެހެންވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ފުޅި ތައްޔާރުކޮށްފައި ވަނީ، ދަރިވަރުންނަށް ސިއްހީ އެއްވެސް މައްސަލައެއް ދިމާނުވާނެ ފަދަ މާއްދާތައް ހިމަނައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސްކޫލްތަށް ޕްލާސްޓިކް އިން ދުރު ކުރުމަށް، މި ފެށި މަސައްކަތް ދާއިމަށް ދެމެހެއްޓުމަށް ބެލެނިވެރިންގެ މަސައްކަތް ވަރަށް މުހިންމު،" މިނިސްޓަރު ވިދާޅުވި އެވެ.

އެންޔަރުމެންޓް މިނިސްޓިރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނާސިރު ރަސްމިއްޔާތުގައި ވިދާޅުވީ، ސުޕަފުޅި ހާއްސަވާ ސަބަބަކީ އެހެން ޕްލާސްޓިކް ފުޅި ތަކުގައި ހުންނަ ސިއްހަތަށް ގެއްލުންދޭ ބީޕީއޭ ކެމިކަލް މި ފުޅީގައި ހިމެނިފައި ނުވުމެވެ. ބީޕީއޭ އަކީ ކެންސަރު ޖެހުމަށް މަގު ފަހިކޮށްދީ މީހާގެ ދަރިފަނި ހަލާކު ކުރުމުގެ ގާބިލްކަންވެސް ލިބިގެންވާ ކެމިކަލް އެކެވެ.