ހަބަރު

ތިން މައްސަލައެއްގެ މައުލޫމާތު ކޮމިޝަނާ ހިއްސާކުރަން އެދިއްޖެ

ދެ މަރުގެ މައްސަލައަކާއި، ރިލްވާންގެ މައްސަލައިގެ މައުލޫމާތު ހިއްސާކޮށްދިނުމަށް، ވީނުވީއެއް ނޭނގި ގެއްލިވާލާފައިވާ މީހުންނާއި، މަރުތަކުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ކޮމިޝަނުން އެދިއްޖެ އެވެ.

އެ ކޮމިޝަނުން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ރަހުމް ކުޑަކޮށް އަވަހާރަކޮށްލާފައިވާ ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފުރާޝީމް އަލީ އާއި، ވީނުވީއެއް ނޭގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި، އަނިޔާވެރިގޮތަކަށް މަރާލާފައިވާ ބްލޮގަރު، ޔާމީން ރަޝީދުގެ މައްސަލަތަކުގައި އެ ކޮމިޝަނަށް ބޭނުން ހިފޭނެހެން ހިވާ އެއްވެސް މައުލުމާތެއް ދޭން ބޭނުންވާ ފަރާތެއް ހުރިނަމަ އެ ކޮމިޝަނުންގެ ޓުވިޓާ އެކައުންޓަށް ޑައިރެކްޓް މެސެޖެއް ކޮށްދިނުން އެދޭ ކަމަށެވެ. ނުވަތަ އެ ކޮމިޝަނަށް އީމެއިލް އަކުން އެކަން އަންގާލަ ދިނުމަށް ވެސް ވަނީ އެދިފަ އެވެ.

އެކޮމިޝަނުން އިތުރަށް ބުނީ، އެފަދަ މައުލޫމާތު ހިއްސާ ކުރާ ފަރާތްތަކުގެ ވަނަވަރު ސިއްރުކޮށް، ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ދޭނެ ކަމަށެވެ. އަދި އެކޮމިޝަނަށް ފޮނުވާ މައުލޫމާތު ފޮނުވާއިރު ކާކުކަން ނޭނގޭ ގޮތަށް ފޮނުވުމަށް ބާރު އަޅާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، މިހާތަނަށް އެކޮމިޝަނަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ. މިއަދަކީ އާމުންނަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވާ ދުވަހެވެ. އެ މައްސަލަތަކުގެ ތަފްސީލް އަންނަ އާދީއްތަ ދުވަހު ހާމަ ކުރައްވާނެ ކަމަށްވެސް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.