މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއާރުޑީސީ)ގައި މަސައަކަތް ކުރި މުވައްޒަފުންނަށް ވަޒީފާގެ ޔަގީންކަން ކަށަވަރުކޮށްދޭން ސަރުކާރުން މަސައްކަތް ކުރަމުންގެންދާ ކަމަށް ޕްލޭނިންމ މިނިސްޓްރީއިން މިއަދު ބުނެފި އެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި، އެމްއާރްޑީސީގައި މަސައްކަތް ކުރި ގިނަ މުވައްޒަފުން މަގުމަތިކޮށްލީ ކުރީގެ ސަރުކާރުން ކަމަށާއި، މި ސަރުކާރުން ހަވާލުވިއިރު އެ މުވައްޒަފުންނާއި ބެހޭގޮތުން އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަމަށެވެ.
މިއަދާއި ހަމައަށް އެމްއާރްޑީސީގައި މަސައްކަތްކުރި މުވައްޒަފުންތިބީ ވަޒީފާގެ ބިރުހީވެފައި ކަމަށާއި، އެމުވައްޒަފުންގެ ޝަކުވާތަކާ ގުޅިގެން ރައީސް އަބުދުﷲ ޔާމިންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީން ނެރުނު މެމޯއަކީ މުވައްޒަފުންނަށް އޮޅުވާލުމަށް ނެރުނު މެމޯއެއްކަމަށެވެ. އަދި އެ މުވައްޒަފުންގެ ވަޒީފާ ދާއިމީ ކޮށްދިނުމުގެ އެއްވެސް އަމަލީ މަސައްކަތެއް ސަރުކާރުން ކޮށްފައިނުވާ ކަމަށާއި، އެއީ އެ މުވައްޒަފުންނަށް ވީ ބޮޑު އަނިޔާއެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން އަކުރަމް ވިދާޅުވީ، އެމްއާރުޑީސީގައި މަސައްކަތް ކުރި މުވައްޒަފުންނަށް ވަޒީފާގެ ޔަގީންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން ހުރިހާ މުވައްޒަފުންނަށް ގޮތެއް ހޯދައި ނުދެވުނު ނަމަވެސް ދިވެހި މުވައްޒަފުންނަށް ކޮންމެވެސް ގޮތެއް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހު އެމްއާރުޑީސީ އުވާލާ، ޕަބްލިކް ވޯކްސް ސެކްޝަންގެ ދަށަށް އެމްއާރްޑީސީގައި މަސައްކަތް ކުރި 700 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބަދަލުކޮށްފަ އެވެ. އޭގެތެރޭގައި 400 އަށްވުރެ ގިނަ ދިވެހި މުވައްޒަފުންނާއި ދުއިސައްތައަށްވުރެ ގިނަ ބިދޭސީ މުވައްޒަފުން ހިމެނޭކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.