ކުޅިވަރު

މޮޅު ކުޅުންތެރިޔާގެ އެވޯޑް ދަގަނޑޭ އާއި ފަދުވާއަށް

އެފްއޭމް އާއި މޯލްޑިވްސް ފުޓްބޯލް ގުޅިގެން ބާއްވާ މި އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، ޓީސީ އާއި ނިއު ރޭޑިއަންޓަށް އަހަރުގެ ދެ މުބާރާތް ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި، އަލީ އަޝްފާގް 'ދަގަނޑޭ' ހޯދައިފި އެވެ.

މީގެ އިތުރުން، މިދިޔަ ސީޒަންގައި 42 ލަނޑު ޖަހައިގެން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް ދޭ، ރަން ބޫޓް އެވޯޑް ވެސް ހާސިލު ކުރީ އަޝްފާގު އެވެ. މޮޅު ކުޅުންތެރިޔާގެ އެވޯޑްގައި، އޭނާ އާ ވާދަ ކުރީ، ޓީސީގެ ފޯވަޑް އިބްރާހިމް މަހްދީ ހުސައިން 'ހަބޭސް އިއްބެ' އާއި އީގަލްސްގައި މޮޅު ކުޅުމެއް ދެއްކި، އަހްމަދު ރިޒްވާން 'ރިޒޭ' އެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާއަކީ، ގައުމީ އަންހެން ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރެވެ. މިއަހަރު ބޭއްވި އޮލިމްޕިކް ކޮލިފިކޭޝަންގައި ފަދުވާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މިއަހަރު އޭނާގެ އެންމެ ހާއްސަ ކާމިޔާބަކީ ސިންގަޕޫރުގައި ބޭއްވި ސިންގަޕޫރު އިންޓަނޭޝަނަލް ކުއަޑަ ރެންގިއުލާ މުބާރާތުގެ ލޯ މެޑަލް ރާއްޖޭގެ ޓީމަށް ހޯދައިދިނުމުގައި އެހީތެރި ވުމެވެ.

މި އަހަރުގެ އެންމެ މޮޅު ކޯޗަކީ، ދިވެހި ޕްރިމިއާ ލީގް ޓީސީއަށް ހޯދައިދިން މުހައްމަދު ނިޒާމެވެ. މިއީ މޮޅު ކޯޗުގެ އެވޯޑް އޭނާ ހޯދި ދެ ވަނަ ފަހަރެވެ. ދެހާސް ސޯޅަ ވަނަ އަހަރުވެސް އޭނާ ވަނީ އެވޯޑް ހޯދާފަ އެވެ. އެންމެ އުންމީދީ ފިރިހެން ކުޅުންތެރިޔާގެ އެވޯޑް ހޯދީ މިދިޔަ ސީޒަންގައި ށ. ފޯކައިދޫގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު ޖައިލަމެވެ. އެންމެ އުންމީދީ އަންހެން ކުޅުންތެރިޔާއަކީ ގައުމީ އަންހެން ޓީމުގެ ޒުވާން މިޑްފީލްޑަރު އައިޝަތު ފިރުޝާ އެވެ.

އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދީ، ޓީސީގެ ކީޕަރު ނޭޕާލްގެ ކިރަން ކުމާރު ލިމްބޫ އެވެ. މިދިޔަ އަހަރު ވެސް ޓީސީއަށް ކުޅުނު ލިމްބޫ ޓީސީއާ އަލުން ގުޅުނީ ސީޒަންގެ މެދުތެރޭގައެވެ. އޭނާ ވަނީ މިއަހަރުގެ ދިވެހި ލީގްގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދާފަ އެވެ. މި އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑް ހޯދީ މާޒިޔާގެ ކޯނޭލިއަސް ސްޓްވާޓް 'ކޯނޭ' އެވެ.

ދިވެހި ގައުމީ ޓީމަށް އެންމެ ފުރަތަމަ ލަނޑެއް ޖެހި ކުޅުންތެރިޔާ މަރުހޫމް އަބުދުﷲ ރަޝީދު (ޖޫލޭ) ގެ ނަމަށް ހާއްސަކޮށްދޭ މޮޅުގެ ގޯލްގެ އެވޯޑް 'ޖޫލޭ އެވޯޑް' ހޯދީ، ނިއު ރޭޑިއަންޓްގެ ހަމްޒާ މުހައްމަދު 'ހަމްޕް' އެވެ. އެއީ ދިވެހި ޕްރިމިއާ ލީގްގައި ނިލަންދޫ ކޮޅަށް އޭނާ އެ ޓީމުގެ ހަތަރު ކުޅުންތެރިން ކަޓުވާލުމަށް ފަހު ޖެހި ލަނޑެވެ.

އެވޯޑް ރަސްމިއްޔާތުގެ އެންމެ ޝަރަފުވެރި އިނާމު ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބިލައްވާފައި ވަނީ ރާއްޖޭގެ ކުރީގެ ފީފާ ރެފްރީ މައްލާ ޅަހުއްތުއަށެވެ. މި ރަސްމިއްޔާތުގައި ވަނީ، ސާފް ޗެމްޕިއަންޝިޕް ފުރަތަމަ ކާމިޔާބު ކުރި ޓީމާއި މި އަހަރު ކާމިޔާބު ކުރި ޓީމުގައި ހިމެނުނު ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަގުވަޒަން ކުރުމުގެ އެވޯޑެއް ދީފަ އެވެ. އަދި މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދުމުން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލްއަށްވެސް އެވޯޑް ދީފައި ވެއެވެ.

މި އަހަރު އެވޯޑް ނުދޭ ކެޓަގަރީއަކީ، ބެސްޓް ސަޕޯޓޯސް އެވޯޑެވެ. އެ އެވޯޑް މިދިޔަ އަހަރު ކާމިޔާބު ކުރީ، މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރި އއ. މާޅޮސްގެ ޓީމެވެ. މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރު ދެ ދާއިރާއަކުން އިނާމު ދިނުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އިއުލާން ކޮށްފަ އެވެ. އެއީ ގްރާސް ރޫޓް އެވޯޑާއި އެންމެ ރަނގަޅު ކަވަރޭޖެއް ދޭ މީޑިއާއަކަށް ދޭ އެވޯޑެވެ.