ހަބަރު

400 ބައިވެރިންނާއެކު ގެސްޓްހައުސް މަހާސިންތާ ފަށައިފި

400 އަށް ވުރެ ގިނަ ބައިވެރިންނާއެކު ގެސްޓް ހައުސް މަހާސިންތާ މިއަދު ފަށައިފި އެވެ. ގެސްޓްހައުސް ދާއިރާއާ ގުޅޭ މަހާސިންތާއެއް ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ފުއްދުމަށް ހަމަޖެހިފައިވާ ވައުދެކެވެ.

ދަރުބާރުގޭގައި ކުރިޔަށް ދާ އެ މަހާސިންތާ ފައްޓަވާ ދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ. މިނިސްޓަރުގެ ވާހަކަ ވަރަށް ކުރުކޮށްލަމުން ވިދާޅުވީ އެ ބައްދަލުވުމުގައި ހުރިހާ ފަރާތްތަކުގެ ކަންބޮޑުވުންތައް ވެސް ފާޅު ކުރުމަށް އެދޭ ކަމަށެވެ. އަލީ އާއި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާ ރަސްމީ ހަފްލާ އޮންނާނީ މަހާސިންތާ ނިންމާލުމުގެ ގޮތުން މިރޭ ބާއްވާ ހަފްލާގަ އެވެ.

މަހާސިންތާގައި ގެސްޓްހައުސްތައް ހިންގުމާ ގުޅޭ ގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވައިދުތަކާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅާނެ އެވެ. އަދި ގެސްޓްހައުސްތަކުގެ ލިބޭ އިގްތިސާދީ އަދި އިޖްތިމާއީ ފައިދާތަކާއި އެކަމާ ގުޅިގެން ތާރީހާއި ސަގާފަތް ކުރިއެރުވުމާއި މެދުފަންތީގެ ވިޔަފާރިތަކުން ލިބޭ ފައިދާއާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ އެވެ. ގެސްޓްހައުސް ޕްރޮމޯޓު ކުރުމާއި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ ތަޖުރިބާ ހިމެނޭ ޕްރެޒެންޓޭޝަންތައް ވެސް ހުށަހެޅުމަށް ވަނީ ތާވަލުކޮށްފަ އެވެ.