ދިވެހި ސިނަމާ

މޯލްޑިވްސް ފިލްމްު އެސޯސިއޭޝަންގެ ބޯޑު ހޮވައިފި

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)ގެ އެގްޒެކެޓިވް ބޯޑުގެ ޗެއާޕާސަންއަކަށް ޝިވާޒް އަބްދުﷲ (މާސްކޭ) އަދި، ވައިސް ޗެއާ އަކަށް ފިލްމީ ތަރި ނިއުމާ މުހައްމަދު ހޮވިއްޖެ އެވެ.

އެމްއެފްއޭގެ އެގްޒެކެޓިވް ބޯޑު ހޮވުމަށް އޮލިމްޕަހުގައި ރޭ ބޭއްވި އިންތިހާބީ ޖަލްސާގައި، ޗެއާއަކަށް މާސްކޭ ހޮވުނީ ފިލްމީ ތަރި އަލީ ސީޒަންއާ ވާދަކޮށް ދިހަ ވޯޓުގެ ތަފާތުންނެވެ. މާސްކޭއަށް 32 ވޯޓު ލިބުންއިރު، ސީޒަންއަށް ލިބުނީ 22 ވޯޓެވެ. ވައިސް ޗެއާ އަކަށް ނިއުމާ މުހައްމަދު ހޮވުނީ ފިލްމީ ތަރި އަބްދުﷲ މުއާޒުއާ ވާދަކޮށް ބޮޑު ތަފާތަކުންނެވެ. ނިއުމާއަށް 51 ވޯޓު ލިބުނުއިރު، މުއާޒަށް ލިބުނީ ހަތަރު ވޯޓެވެ.

މި ބޯޑުގެ އެސްޖީގެ މަގާމަށް ހޮވުނީ، ކެންޑިޑޭޓް ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. އެސްޖީގެ މަގާމަށް އެއްވެސް ފަރާތަކުން ކުރިމަތި ނުލުމުން، ޔޫއްޕެ ކުރިމަތިލާފައި ވަނީ އެމްއެފްއޭ އިން ހުޅުވާލި ދެވަނަ ފުރުސަތުގަ އެވެ. އަދި، ބޯޑުގެ ހަޒާންދާރަށް ހޮވުނީ ފެޝަން ޑިޒައިނާ އަދި ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު) އެވެ. ޖާދުއަށް 40 ވޯޓު ލިބުނުއިރު، އެ މަގާމަށް ވާދަކުރި އިބްރާހިމް ރިޒާއަށް ލިބުނީ 13 ވޯޓެވެ.

އެމްއެފްއޭ ބޯޑު މެމްބަރުންގެ ގޮތުގައި ތިން ފަރާތެއް ވަނީ ހޮވާފަ އެވެ. ބޯޑު މެމްބަރުންގެ ގޮތުގައި އިންތިހާބުވީ، ފިލްމީތައި މުހައްމަދު މަނިކު އާއި އަހުމަދު ޒިޔާގެ އިތުރުން އަލީ ޝާނީޒެވެ.

ފިލްމު އެސޯސިއޭޝަންގެ އަންނަ އަހަރުގެ ބޯޑަށް މިފަހަރުވެސް ހޮވުނީ ފިލްމީ ދާއިރާގައި ގިނަދުވަހު މަސައްކަތްކޮށްފައިވާ މީހުންނެވެ.