ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތުކުރަން ޗައިނާއާ އެކު ސޮއިކޮށްފި

ރާއްޖޭގެ ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް މަރާމާތު ކުރުމަށް ޗައިނާއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އެ އިމާރާތަކީ ވެސް ޗައިނާގެ އެހީގައި ހަދާފައިވާ އިމާރާތެކެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަހުމަދު ހަލީލް އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު، ޖަންގް ލިޖޮންގް އެވެ.

މި އެއްބަސްވުމުގެ ދަށުން، ފޮރިން މިނިސްޓިރީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކޮށް ދިނުމުގެ ގޮތުން މިނިސްޓްރީ އިތުރަށް ބޮނޑުކޮށް މަރާމާތުކުރުމުގެ ހުރިހާ ހަރަދެއް ކުރާނީ ޗައިނާ އިންނެވެ.

ޗައިނާ އެމްބަސީގެ އިސް ބޭފުޅުން ބައިވެރިވި މިރަސްމިއްޔާތުގައި ހަލީލް ވިދާޅުވީ، ރާއްޖޭގެ ފޮރިން މިނިސްޓިރީ އަކީ ރާއްޖެ އަދި ޗައިނާއާ އެކު އޮތް ބަދަހި ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ. އުއްމީދަކީވެސް ކުރިއަށް އޮތް ތަނުގައި މިގުޅުން ހަމަ މިގޮތުގައި ދެމި އޮތުން ކަމަށް ހަލީލް ވިދާޅުވި އެވެ.