ހަބަރު

ފެނާއި ނަރުދަމާ ނެތުމުން ގެސްޓް ހައުސްތައް ޕްރޮމޯޓްކުރަން ހުރަހަކަށްވޭ: ތޮއްޔިބު

ގެސްޓް ހައުސްތައް ކިތަންމެ ރަނގަޅަށް މާކެޓް ކުރި ނަމަވެސް، އޭގެ ބޭނުން ހިފޭނީ ފެނާއި ނަރުދަމާފަދަ ހިދުމަތްތަށް ރަށްރަށުގައި ގާއިމް ކުރެވިގެން ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ގެސްޓްހައުސް ސިމްޕޯސިއަމް ނިންމުމަށް ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތޮއްޔިބު ވިދާޅުވީ، ގެސްޓް ހައުސް ވިޔަފާރި ކިތަންމެ ވަރަކަށް މާކެޓް ކުރިކަމުގައިވިނަމަވެސް، އޭގެ ބޭނުން ހިފޭނީ ފުރިހަމަ ކުރަންޖެހޭ އިތުރު ކަންކަން ރަށްރަށުގައި ފުރިހަމަކޮށްގެން ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާ ނިޒާމްތަށް ގާއިމް ކުރަން ޖެހޭ ކަމަށާއި، ފެނުގައި މައްސަލަ ހުރެގެން ތުލުސްދޫ ފަދަ ރަށްރަށުގެ ގެސްޓްހައުސްތަކުގައި ގޯސް ރިވިއުތަކެއް އެބަ ހުރި ކަމަށެވެ.

ތޮއްޔިބު ވިދާޅުވީ، ކުރިޔަށް އޮތް އަހަރު ރާއްޖޭގެ 11 ސަރަހައްދެއްގައި މާކެޓިންސް ސެމިނާތަކެއް ފެށޭނެ ކަމަށާއި، ރާއްޖެ މާކެޓް ކުރުމަށް ޓްރެވެލް ރައިޓާސް ކޮންފަރެންސެއް ރާއްޖޭގައި ބާއްވާނެ ކަމަށެވެ. އަދި ނިިމިގެންދިޔަ ސިމްޕޯޒިއަމްއިން ވަރަށް ބައިވަރު މައުލޫމާތު ލިބުނުކަމަށާއި، ސްޓޭކްހޯލްޑަރުން ބޭނުންވާ ކަންކަން އެނގިގެން ދިޔަ ކަމަށެވެ.

އަންނަ އަހަރުގެ މާޗު މަހު އައިޓީބީ ފެއާގައި ބޮޑުމަސް ފެނިގެންދާނެ ކަމަށާއި، ކަލްޗަރަލް ޓުއަރިޒަމްގެ އިވެންޓްތަކެއްގެ ގޮތުގައި ބޮޑު އީދާއި ދިމާކޮށް، ހާއްސަ އިވެންޓްތަކެއް ކުރިޔަށް ގެންދަން މަސައްްކަތް ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދުނިޔޭގެ ބޮޑެތި އެއާލައިންތަކާއި ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމަށް ވާހަކަ ދެކެވި، އެއާ އޭޝިއާގެ ފަރާތުން މެލޭޝިއާ އާއި ސިންގަޕޯގައި ބޮޑު އިވެންޓެއް ބާއްވަދޭން ހަމަ ޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ތޮއްޔިބު ވިދާޅުވީ، ޒަމާނުއްސުރެ މާކެޓިން އަށް ގެންގުޅޭ ޓެކްނިކްސްތަކުގައި ތިބޭނީތޯ ނުނީ އޮންލައިންކޮށް ގެންދާނީތޯ ބަލާފައިވާ ކަމަށެވެ. އަަދި އޮންލައިންކޮށް ހުރި މީޑިއަމް ތަކުގެ ޒަރީއާއި މާ ކުރީގައި އުޅޭ ކަމަށާއި، އެހެން ނަމަވެސް އެއީ ބަހުސް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެތައް މިލިއަން ރުފިޔާއެއް މާކެޓިންއަށް ހަރަދު ކުރާ އިރު އޭގެ އައުޓްކަމް ރައްޔިތުންނަށް އެގެންޖެހޭ ކަމަށްވެސް ތޮއްޔިބު ވަނީ ވިދާޅުވެފަ އެވެ.