ދުނިޔެ

އިންޑިއާގެ ކޯލް މައިނެެއްގައި ތާށިވި މީހުން ސަލާމަތް ކުރަނީ

Dec 30, 2018

ނިއުދިއްލީ (ޑިސެމްބަރު 29) - އިންޑިއާގެ ކޯލް މައިނެއްގައި ތާށިވެފައިތިބި 15 މީހުން ހޯދުމުގެ މަސައްކަތުގައި އެގައުމުގެ ކަނޑުގެ ސިފައިންގެ ޑައިވަރުންގެ ޓީމެއް ހަރަކާތްތެރިވާން ފަށައިފި އެވެ.

އިންޑިއާގެ އިރު ދެކުނުން އޮންނަ މެގަލާޔާ ސްޓޭޓުގައި، މަައިންކުރުން މަނާކޮށްފައިވާ 112 މީޓަރު ފުން މައިނަށް ފައިބާފައިވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އެ 15 މީހުން ތާށިވީ، މައިން ކައިރީގައި އޮންނަ ކޯރެއް ފުރިގެން، ފެންގަނޑު މައިންތެރެއަށް އެޅުމުން ކަމުގައި ކަމާބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފަ އެވެ.

ބޮޑެތި ޕަމްޕުތަކާއެކު، ޑައިވަރުން ހަރަކާތްތެރިވަމުންދާއިރު، މައިން ތެރޭގައި ތާށިވެފައިތިބި މީހުން ދިރިތިބި ކަމެއް ވެސް އަދި ކަށަވަރުވާގޮތް ވަނީ ނުވެފަ އެވެ.

އެ މީހުން ހޯދުމުގެ މަސައްކަތް ކުރެވެމުންދާއިރު، މިހާތަނަށް ފެނިފައިވަނީ ތިން ހެލްމެޓް ކަމަށްވެސް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.