ވޮޝިންގްޓަން (ޑިސެމްބަރު 29) - އެމެރިކާ އާއި ޗައިނާއިން ކުރަމުންގެންދާ ވިޔަފާރީގެ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، އެކަމުގައި އެއްބަސްވުމަކަށް އައުމަށް ކުރަމުންދާ މަޝްވަރާތަކަށް "ބޮޑެތި ކުރިއެރުންތަކެއް" ލިބިފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ދެ ގައުމުން ވެސް އެއް ގައުމުން އަނެއް ގައުމަށް އެތެރުކުރާ މުދަލުން ޑިޔުޓީ ބޮޑު ކުރަމުން އަންނަ އައުން، 90 ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް އެއްބަސްވެފައިވަނީ، މިމަހު ކުރީކޮޅު އާޖެންޓިނާގައި ބޭއްވުނު ޖީ20 ސަމިޓުގެ ހަވާސާގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބޭއްވި ބައްދަލުވުމެއްގައި އެވެ.
އެކަމާއި ގުޅިގެން ދެ ފަރާތުންވެސް މަޝްވަރާތައް ކުރަމުންދާއިރު، ޗައިނާގެ ރައީސްއާއެކު ހޮނިހިރު ދުވަހު ފޯނުގެ ޒަރިއްޔާއިން ވަރަށް އުއްމީދީ ވާހަކަތަކެއް ދެކެވުނު ކަމަށް ޓްރަމްޕް ވަނީ ހާމަކުރައްވައިފަ އެވެ.
ނަމަވެސް، ދެ ރައީސުންގެ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ތަފްސީލެއް ޓްރަމްޕް ވިދާޅުވެފައެއް ނުވެ އެވެ.
ޓްރަމްޕް ވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ޗައިނާއިން އެތެރެކުރެވޭ 200 ބިލިއަން ޑޮލަރުގެ މުދަލުން ނަގާ ޑިޔުޓީ 25 ޕަސަންޓަށް ބޮޑު ކުރަން ނިންމާފައި ނިންމުން އެ މުއްދަތަށް މަޑުޖައްސާލަން އެއްބަސްވެވަޑައިގެންފަ އެވެ.
އޭގެ ބަދަލުގައި އެމެރިކާއިން އުފައްދާ ގިނަ އަދަދެއްގެ މުދާ ގަންނަން، ޝީ ޖިންޕިން ނިންމަވާފައިވާކަމަށް ވެސް އެމެރިކާ ސަރުކާރުން ބުނެފައިވެ އެވެ.
މިދިޔަ ޖުލައި މަހު އެންމެ ފުރަތަމަ އެމެރިކާ އިން 25 ޕަސަންޓަށް ޓެކްސް ބޮޑުކޮށްފައިވަނީ ޗައިނާ އިން އެތެރެކުރާ 34 ބިލިއަން ޑޮލަރުގެ މުދަލުންނެވެ.
އޭގެ ފަހުން، އޯގަސްޓް މަހު އިތުރު 16 ބިލިއަން ޑޮލަރުގެ މުދަލުން ވެސް ވަނީ ޓެކްސް ބޮޑުކޮށްފަ އެވެ.
ބަދަލުހިފުމުގެ ގޮތުން، ޗައިނާ އިން ޓެކްސް ބޮޑުކޮށްފައިވާ މުދާތަކުގެ ތެރޭގައި، އެމެރިކާއިން ފުޅާދާއިރާ އެއްގައި އެކްސްޕޯޓު ކުރާ އެކި ބާވަތްތަކުގެ މަހާއި، ސޯޔާ ބީންސް، ކާރު ހިމެނެ އެވެ.
މިހާރު ކަނޑައެޅިފައިވާ 90 ދުވަހުގެ ތެރޭގައި ދެ ގައުމުން ވިޔަފާރީގެ އެއްބަސްވުމަށް ނާދެވިއްޖެނަމަ، ސެޕްޓެމްބަރު މަހު 10 ޕަސަންޓަށް ޓެކްސް ބޮޑުކޮށްފައިވާ މުދަލުން، 25 ޕަސަންޓް ޓެކްސް ނަގާނެކަމަށް ވެސް ދެ ގައުމުން ވަނީ ބުނެފަ އެވެ.
ދެ ގައުމުގެ މި ތަޅާފޮޅުމުގެ އަސަރު މުޅި ދުނިޔޭގެ ބާޒާރަށް ކުރާނެކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރުދީފަ އެވެ.