ކުޅިވަރު

ފައިސަލްއަށް އެވޯޑް ނުލިބެންވީ ކީއްވެ؟ ހައިރާން ވެއްޖެ!

މިއަހަރުގެ އެފްއޭއެމް މޯލްޑިވްސް ފުޓްބޯލް އެވޯޑްގައި، އެންމެ ހައިރާން ކުރުވަނިވި އެވޯޑަކަށްވީ، އެފްއޭއެމްއިން ހޮވި އަހަރުގެ މޮޅު ކީޕަރުގެ އެވޯޑެވެ. އެވޯޑަށް ވާދަ ކުރީ، ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް އާއި ޓީސީ އާއި އީގަލްސްއަށް ކުޅެމުންދާ، ނެޕާލާއި ޝްރީލަންގެ ގައުމީ ޓީމުގެ ކީޕަރެވެ.

އެވޯޑް ހަފުލާ ޓީވީން ބަލަމުން ދިޔައިރު ކޮންމެ އެއެވޯޑެއްގައިވެސް އެ އެވޯޑެއް ލިބޭނެ ފަރާތަކީ ކޮބައިކަން ސާފުކޮށް އެންމެންނަށް އެނގެ އެވެ. އަޅުގަނޑަށާއި ދެން ތިބި މީހުންނަށްވެސް ހައިރާކަން ލިބުނީ، މޮޅު ކީޕަރުގެ އެވޯޑާމެދު ވީގޮތުންނެވެ. ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއްވި އެކަކީ ގޯލްކީޕަރު މުހައްމަދު ފައިސަލް އެވެ. މުބާރާތުގައި، ވާދަ ކުރި ކީޕަރުންގެ ތެރެއިން، އެންމެ ގިނަ ސޭވް ކުރި ކީޕަރަކީ ފައިސަލެވެ.

ރާއްޖޭގެ ކީޕަރު، ފައިސަލް ވަނީ ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ. އެއީ ކީޕަރަކަށް ހޯދަން އުނދަގޫ އަދި ކީޕަރަކަށް ލިބުން ނާދިރު މަގާމެކެވެ. ސާފް ޗެމްޕިއަންޝިޕްގެ ތާރީހްގައި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ކީޕަރުންނަށް ލިބުނީވެސް އެންމެ ތިން ފަހަރު އެވެ.

ފީފާ އާއި ޔޫއެފާގައިވެސް ވަކި ކެޓަގަރީއަކުން އެވޯޑް ދޭއިރު އެ ކުޅުންތެރިޔެއް ޑޮމެސްޓިކް ސީޒަނަށް ވުރެ އިންޓަނޭޝަނަލް ލެވަލްގައި ދައްކާފައިވާ ކުޅުމަށް ބަލައި މާކުސް އިތުރުވެއެވެ. އެ އޫސޫލުން ބަލާއިރުވެސް މޮޅު ކީޕަރުގެ އެވޯޑް ފައިސަލްއަށް ނުލިބުމުން ހައިރާން ވެއެވެ.

މުޅި ސީޒަނަށް ބަލާއިރުވެސް ފައިސަލް ވަނީ، ނުރައްކާތެރި ހަމަލާތަކުން އޭނާގެ ގޯލް ސަލާމަތް ކޮށްފަ އެވެ. ވަންޓު ވަން ޑައިރެކްޓް ހަމަލާތަކުގައިވެސް ފައިސަލް ފެނުނީ ވަރަށް ހުށިޔާރު ކަމާއެކު ޓީމު ސަލާމަތް ކޮށްދިންތަނެވެ. ހާއްސަކޮށް ގައުމީ ޓީމުގަ އެވެ. އެއަށް ފަހު ނިއު ރޭޑިއަންޓްގައިވެސް މޮޅު ސޭވްތަކެއް އޭނާ ކުރި އެވެ. އިންޓަނޭޝަނަލް ލެވަލް އާއި ޑޮމެސްޓިކް ސީޒަންގައި އެފަދަ ނުރައްކާތެރި ހަމަލާތަކުން ޓީމު ސަމާލަތްކޮށްދިން ދެވަނަ އެހެން ކީޕަރެއް ރާއްޖޭގައި މިދިޔަ އަހަރު ރާއްޖޭގައި ކުޅެފައެއް ނެތެވެ. އެހެންނަމަވެސް ފައިސަލްއަށް ނުލިބުނީ، އޭނާ އާއި އަހަރެމެން، އޭނާއަށް ލިބޭނެކަމަށް އުންމީދު ކޮށްގެންތިބި އަހަރުގެ އެންމެ މޮޅު ކީޕަރުގެ އެވޯޑެވެ.

އެވޯޑް ހަފުލާއިން ދެން އެންމެ ފާހަގަ ކުރެވުނު އެއް ކެޓަގަރީއަކީ، މޮޅު ކޯޗުގެ އެވޯޑްގެ ފައިނަލް ނޮމިނޭޝަން އެވެ. މިއަހަރުގެ މާލޭ ލީގް ނިއު ރޭޑިއަންޓަށް ހޯދައިދިން ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރަސް މޮޅު ކޯޗުގެ އެވޯޑްގެ ފައިނަލު ނޮމިނޭޝަނަކަށް ނުހޮވުނެވެ.