ވިޔަފާރި

އާހަރާ ދިމާކޮށް އެއާޕޯޓަށް ބާރު ބޮޑުވެ، ރިސޯޓުތައް ފުލްވެއްޖެ

އާ އަހަރާ ދިމާކޮށް އެއް ފަހަރާ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަން ފެށުމާއެކު، ރާއްޖޭގެ މައި އެއާޕޯޓަށް އާދަޔާ ހިލާފަށް ބާރުވެ، ޓޫރިސްޓުންނަށް ހިދުމަތް ދޭ ގިނަ ތަންތަން ފުލްވެއްޖެ އެވެ. ރާއްޖޭގެ މައި ވައިގެ ބަނދަރު ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު އިއްޔެ ވިދާޅުވީ މި ދުވަސްވަރު އެއާޕޯޓަށް އާދަޔާ ހިލާފަށް ބާރު ބޮޑު ދުވަސްވަރެއް ކަމަށެވެ.

ރާއްޖޭގެ މައި ވައިގެ ބަނދަރު ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު އިއްޔެ ވިދާޅުވީ މި ދުވަސްވަރު އެއާޕޯޓަށް އާދަޔާ ހިލާފަށް ބާރު ބޮޑު ދުވަސްވަރެއް ކަމަށެވެ.

މީގެ މައިގަނޑު ސަބަބަކީ ގިނަ ތަންތަން ހުޅުވަމުން ދިއުމާއެކު ޓޫރިސްޓުން އަންނަ އަދަދު އިތުރުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ޓޫރިޒަމް ޑިވެލޮޕްމަންޓް މި އުޅެނީ ހަތް ޕަސެންޓުގައި. ޑޮމެސްޓިކް ހަމައެކަނި ވެސް 7000 ގުނަ އިތުރުވެގެން ހިނގައްޖެ. މި މަހުގެ 25 ވަނަ ދުވަސް ވެސް މިދިޔައީ ރެކޯޑް ބްރޭކިން ދުވަހެއްގެ ގޮތުގައި،" ސޯލިހު ވިދާޅުވި އެވެ.

އެއާޕޯޓުގައި ދަތިތަކެއް!

ރިސޯޓުތަކަށް ޓޫރިސްޓުން ގެންދަން އެއާޕޯޓުގައި މަސައްކަތް ކުރާ އެއާޕޯޓް ރެޕުން ބުނާ ގޮތުގައި އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ޓޫރިސްޓުން އެއްފަހަރާ އަންނަން ފެށުމާއެކު އެއާޕޯޓުގެ ހިދުމަތްތަކަށް ވެސް ދަތިވެފައިވާ ކަމަށެވެ. މި މައްސަލަ ދިމާވާ އެއް ސަބަބަކީ އެއާޕޯޓު ތަރައްގީކޮށް އެއްކޮށް ނުނިމުމާއެކު، އެންމެ ރަންވޭއެއް އޮތުމެވެ.

އެއާޕޯޓުގައި މަސައްކަތް ކުރާ ބައެއް ޕެމުން ބުނި ގޮތުގައި އެންމެ ބޮޑު ދައްޗެއް ދިމާވަނީ ފްލައިޓް ޖައްސަން ރަންވޭ އިން ތަން ނުލިބުމުގެ ސަބަބުން ފްލައިޓް ލަސްވުމުން ފަދަ ކަންކަމުން ކަމަށް އެ މީހުން ބުނެ އެވެ.

"މިއަދު ވެސް ނުވައެއް ޖަހާއިރު ޖައްސަން އޮތް އީކޭ ފްލައިޓް ޖެއްސޭ ވަރުވީ 11 ޖަހަން އުޅެނިކޮށް. ގާތްގަނޑަކަށް 17 ބުރު މަތީގައި ޖަހާފައި ޖެއްސީ،" މަޝްހޫރު ރިސޯޓެއްގެ ރެޕެއް ނަން ނުޖެހުމަށް އެދި މިއަދު ބުންޏެވެ.

އޮކިއުޕެންސީ 90 ޕަސެންޓުން މަތީގައި

ރާއްޖޭގެ މައި އެއާޕޯޓަށް އާދަޔާ ހިލާފަށް ބާރު ބޮޑުވެގެން ދިޔައިރު، އެކަމަށް ތައްޔާރުވުމުގެ ގޮތުން ބައެއްކައުންޓަރުތައް ވެސް އެމްއޭސީއެލް އިން ވަނީ އިތުރުކޮށްފަ އެވެ. ނަމަވެސް ޓޫރިޒަމް ފުޅާވެގެން ދިއުމާއެކު އާދަޔާ ހިލާފު ލޯޑެއް ވަނީ ފޯރާފަ އެވެ. މި އަހަރުގެ މިހާތަނަށް 1.3 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މިހާރު ގިނަ ރިސޯޓުތަކާއި ބައެއް ގެސްޓްހައުސްތަކުގެ އޮކިއުޕެންސީވެސް ވަނީ 90 ޕަސެންޓާއި 100 ޕަސެންޓުގަ އެވެ.

މި އަހަރުގެ ސީޒަން މިދިޔަ ތިން އަހަރާ އަޅާބަލާއިރު ރަނގަޅުކަން ބައެއް ޓްރާ އޮޕަރޭޓް ކުންފުނިތަކުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ދެ ރިސޯޓު ކަމަށްވާ ޕެރަޑައިސް އައިލެންޑާއި ސަން އައިލެންޑް ހިންގާ ވިލާ ހޮޓެލްސްގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ މުޅިރާއްޖެ ވެސް ގާތްގަނޑަކަށް ފުލްވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

"ހަމަ ގައިމުވެސް ސަން އައިލެންޑާއި ޕެރެޑައިސް މާދަމާ 100 ޕަސެންޓް ފުލްވާނެ. މިދިޔަ އަހަރާ އަޅާބަލާއިރު ބުނެވޭނީ ވަރަށް ރަނގަޅޭ އޮކިއުޕެންސީވެސް،" ގައިސަރު ވިދާޅުވި އެވެ.

ޔޫރަޕު މާކެޓުން ޓޫރިސްޓުން އަންނަ ރިސޯޓެއް ކަމަށްވާ ބަރޮސް އައިލެންޑް ރިސޯޓުގެ ޖީއެމް އަހުމަދު ޖިހާދު ވިދާޅުވީ އެ ރިސޯޓުވެސް ގާތްގަނޑަކަށް ފުލްވެފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް ރިސޯޓު ފުލްވެފައިވަނީ. މިދިޔަ އަހަރާ އަޅާ ބަލާއިރުވެސް ވަަރަށް ރަނގަޅުކޮށް އޮކިއުޕެންސީ،" ޖިހާދު ވިދާޅުވި އެވެ.

އެތެރޭގެ އުދުހުންތައް: ނޭވާ ހިފަހައްޓާލައިގެން

މާލެ އަތޮޅުގެ އިތުރުން މާލެއާ ދުރު ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ ވެސް އޮތީ ގާތްގަނޑަކަށް 90 ޕަސެންޓުގަ އެވެ. މިބަދަލާއެކު ޑޮމެސްޓިކް ޓްރެވަލް އޮޕަރޭޝަންއަށް ވެސް ބާރު ބޮޑެވެ. ހާއްސަކޮށް ގައުމީ އެއާލައިންސް އާއި ސީޕްލޭންގެ ހިދުމަތްދޭ ޓީއެމްއޭއަށް ބާރު ބޮޑުވެގެން ގޮސްފައިވެ އެވެ.

ގައުމީ އެއާލައިންގެ އެމްޑީ މުހައްމަދު ރިޒްވީ ވިދާޅުވީ މިހާރު ހިދުމަތް ދެމުން ގެންދަނީ ނޭވާ ހިފައްޓާލައިގެން ކަމަށެވެ.

"މައްސަލައެއް ނުޖެހި ހިދުމަތް ދެވެނީ ހަމަ ކިރިޔާ. ޓޫރިސްޓު ލޯޑާއެކު ބަލި މީހުން ފްލައިޓް ޗާޓަރު ހިދުމަތް ވެސް ދެން. އެހެންވެ އާދަޔާ ހިލާފު ލޯޑެއްގައި މިދަނީ،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލައިޓްތަކަށް ބާރު ބޮޑުވުމުގެ ސަބަބުން ދަންވަރުވެސް ގިނަ ފްލައިޓްތަކެއް އަޅަން ޖެހޭ ކަމަށެވެ.

"މިހާރު އެބަޖެހޭ އެމްއޭސީއެލްއާ ވާހަކަ ދައްކައިގެން ދަންވަރުންވެސް ފްލައިޓް އަޅަން. ވަރަށް ލޯޑު ބޮޑު،" ރިޒްވީ ވިދާޅުވި އެވެ.