ރާއްޖޭގެ ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު، ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެން އޭނާގެ ޝަރަފުގައި ކުޅޭ ހާއްސަ މެޗްގައި ވާދަކުރާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ ޓީމުގެ ކޯޗުކަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ގައުމީ ޓީމާއި ނިއުރޭޑިއަންޓްގެ މެނޭޖަރުކަން ކުރައްވާފައިވާ އަލީ ވަހީދު ކޯޗުކޮށް ދެއްވާ ޓީމުގައި މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝުމައިކަލް އާއި ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ހިމެނެ އެވެ. އަދި ރާއްޖޭގެ ކުރީގެ މަޝްހޫރު ދެ ކުޅުންތެރިއަކު ވެސް ޓީމުގައި ހިމެނެ އެވެ.
އަލީ ވަހީދު ސިޔާސީ ސަބަބުތަކަށްޓަކައި 2015 ވަނަ އަހަރު ދިރިއުޅުން އިނގިރޭސިވިލާތަށް ބަދަލު ކުރައްވައި ވަޒީފާއެއްގެ ގޮތުގައި ނޮން-ލީގް ފުޓްބޯޅަ ކްލަބެއް ކަމަށްވާ ސައުންލަންޑަން ފުޓްބޯލް ނެޓްވާކް އެފްސީ، އެސްއެލްއެފްއެންގެ ކޯޗުގެ މަގާމު އަދާކުރައްވާފައިވެ އެވެ.
އަލީ ވަހީދުގެ ކޯޗް ކަމުގައި އެ ކްލަބް ވަނީ ވިންބަލްޑަން ޑިސްޓްރިކް ލީގާއި ސައުތާން ސަންޑޭ ލީގްގައި ވާދަކޮށްފަ އެވެ. އަލީ ވަހީދު މިހާރު ތައްޔާރުވަމުން ދަނީ ޔޫއީއެފްއޭ ބީ ލައިސެންސް ހޯދެއްވުމަށެވެ.
އިމްރާންގެ ހާއްސަ މެޗް އޮންނާނީ މިރޭ އެވެ. އެފްއޭއެމްގެ ޓީމާ ދެކޮޅަށް ނުކުންނާނީ އިމްރާންގެ ހާއްސަ ޓީމެވެ. އެ ޓީމުގައި މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު، ދަގަނޑޭ އާއި ކުރީގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ އަލީ އުމަރާއި އަލީ ޝިހާމް ކުޅޭނެ އެވެ. ޓީމްގެ ކޯޗުކަން ކުރާނީ ނިއުރޭޑިއަންޓުގެ ކުރީގެ ކޯޗު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފެވެ.
ގައުމީ ޓީމަށް އިމްރާން ކުޅުން ހުއްޓާލީ އޭޝީއަން ކަޕުގެ ކޮލިފައިން ބުރަށް ރާއްޖެ ގެންގޮސް ދިނުމަށް ފަހު 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލިިރު އޭނާ ވަނީ 100 އާ ގާތް ކުރާ އަދަދަކަށް ގައުމީ ޓީމަށް މެޗު ކުޅެފަ އެވެ.
އިމްރާން ގައުމީ ޓީމަށް ކުޅެން ފެށީ، 2000 ވަނަ އަހަރު އެވެ. ގައުމީ ޓީމުގައި އޭނާގެ ފުރަތަމަ މުބާރަތަކީ، ރާއްޖޭގެ ފުޓްބޯޅައަށް 50 އަހަރު ފުރިގެން ބޭއްވި ގޯލްޑަން ޖުބްލީ ފުޓްބޯޅަ މުބާރާޓުގައެވެ. ގައުމީ ޓީމު ހަތަރު މުބާރާތެއްގެ ފައިނަލަށް ގެންގޮސް ދިނުމުގައި އިމްރާން ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.