އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ "ފައިސާގެ ކަޅު ދަބަސްތައް" އެފްއޭއެމްގެ އެތެރެއިން ނެރުނު ވާހަކަ ފީފާ އާއި އޭއެފްސީގެ ވަފުދަށް ހުށަހަޅާނެ ކަމަށް ޔޫތު ސްޕޯޓްސް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި، މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޔޫތު ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މިނިސްޓަރު ވަނީ، އެފްއޭއެމްއާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފީފާ އާއި އޭއެފްސީގެ ޓީމަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އެގޮތުން އެފްއޭއެމްގައި ކުރީގެ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ކެމްޕޭން އޮފީހެއް ހުޅުވުމުގެ ހުއްދަ އެފްއޭއެމްއިން ދިން މައްސަލަވެސް ފީފާ އަށް ހުށަހަޅާނެ ކަމަށެވެ.
"މި ރާއްޖޭގައި ހިންގި އެންމެ ބޮޑު ސްކެންޑަލް [ހިޔާނާތް] ރައްޔިތުން އެންމެ ކަންބޮޑުވި ކަންތަކުގެ (ފައިސާ ގެ) ކަޅު ދަބަސްތައް އެފްއޭއެމުން ނެރުނު،" ތުހުމަތުތަކާއެކު މިނިސްޓަރު ވިދާޅުވި އެވެ. "ފީފާގެ ސްޓަޗިއުޓް [ގަވާއިދު] ގެ ކޮން މާއްދާއެއްގައި ތޯ މިކަން އޮތީ، މި ގައުމުގެ ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތުގެ ކަޅު ދަބަސްތައް އެފްއޭއެމުން ނެރުނުކަން އެންމެނަން އެނގޭނެ."
އެފްއޭއެމް އާއި ރާއްޖޭގެ ކުލަބުތަކާ މެދު އުފެދިފައިވާ ހިލާފުތަކާ ގުޅިގެން މިހާރު އުފެދިފައިވާ ހާލަތު ދެނެގަތުމަށް، ފީފާ އާއި އޭއެފްސީގެ ވަފުދެއް މާދަމާ މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ. ތިން މެންބަރުންގެ ވަފުދުން އެފްއޭއެމް އާއި ކުލަބުތަކާއި، ސްޕޯޓްސް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރު އަލީ އާ ބައްދަލު ކުރަން ބޭނުންވާ ކަން ފީފާއިން ވަނީ އަންގާފަ އެވެ.
މިނިސްޓަރު ވިދާޅުވީ، ކޮރަޕްޝަންގެ ކަޅު ދަބަސްތައް އެފްއޭއެމުން ނެރުނު މައްސަލައިގެ އިތުރުން އެފްއޭއެމްގައި ކެމްޕޭން އޮފީހެއް ހިންގުމުގެ ހުއްދަ ދިން ވާހަކަވެސް ފީފާ އާއި އޭއެފްސީގެ ވަފުދާއެކު ބާއްވާ ބައްދަލު ވުމުގައި ހުށަހަޅާނެ ކަމަށެވެ.
"ދުނިޔޭގެ އެއްވެސް ތަނެއްގައި ފުޓްބޯޅަ އިދާރާގެ ތެރޭގައި ސިޔާސީ އޮފީހެއް ނުހަދާނެ، އެއީ ސެކަންޑް ޕާޓީ، ތާޑް ޕާޓީ، ފޯތު ޕާޓީ ވިޔަސް އެހެން ނުހެދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ސާފު ކުރާނަން ފީފާގެ ސްޓަޗިއުޓްސްގެ ކޮން މާއްދާއަކުން ތޯ އެފްއޭއެމްގެ އެތޭރެގައި ސިޔާސީ އޮފީހެއް އެފްއޭއެމުން ހެދީ."
ކަޅު ދަބަސްތަކުގައި އެފްއޭއެމުން ފައިސާ ނެރުނުކަން ސާބިތު ކޮށްދެވޭނެތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ، ފުލުހުން އެފްއޭއެމްއަށް ވަދެ ކަޅު ދަބަސްތަކެއް ގެންދިޔަ ކަން ރާއްޖޭގެ އެންމެންނަށް އެނގޭނެ ކަމަށެވެ.
"އަޅުގަނޑު ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ނޫންކަން ތިބޭފުޅުންނަށް އެނގިވަޑައިގަންނަ ވާނެ ފުލުސް އޮފީހުން ސާފު ކުރައްވާ ފުލުހުން ތަހްގީގަށް އެފްއޭއެމްއަށް ނުވަދޭތޯ ފުލުހުންގެ ކިބައިން ސާފު ކުރައްވާ،" އަލީ ޖަވާބު ދެއްވި އެވެ. "އަޅުގަނޑު ހުރި ރާއްޖެއިން ބޭރުގައި، އަޅުގަނޑުވެސް ނޫހުން ކީން ވަރަށް ސާފުކޮށް އެނގޭ އެފްއޭއެމްއަށް ފުލުހުން ވަން ތި ފިނިފެންމާ ލޯންޗު ގޮވުމުގެ ހާދިސާއަށް ފަހުގައިވެސް."
އޭނާ ވިދާޅުވީ ފީފާގެ ޓީމާ އެކަން ހިއްސާ ކުރުމަކީ ޑިޕްލޮމެޓިކް ގޮތެއް ނޫން ކަމަށް އޭނާ ނުދެކޭ ކަމަށެވެ.
"ކިހިނެއްވެގެންތޯ ޑިޕްލޮމެޓިކް ވާހަކައަކަށް ނުވާނީ ވައްކަން ކުރާ ވާހަކަ، ބޮޑު ސަރުކާރެއް މި ބަދަލު ކުރީ ތި ކަޅު ދަބަސްތަކަކާ ހެދި،" އަލީ ވާހަކަ ދެއްކި އެވެ. "ދެން އެއަށް ވުރެ ވަކި ޑިޕްލޮމެޓިކް ވާހަކަ އެއް ކޮބައިތޯ، ފީފާއަށް މިކަން އެނގެން ޖެހޭނެ،"
އޭނާ ވިދާޅުވީ، ޔޫތު ސްޕޯޓްސް މިނިސްޓްރީން ދެކޭ ހައްލު ފީފާއަށް ހުށަހަޅޭނެ ކަމަށެވެ. ހައްލަކީ ސީޔާސީ ނުކޮށް އިތުބާރު ނެތްކަމުގެ ވޯޓަށް ފުރުސަތު ދީ އިތުބާރު ހޯދަން މަސައްކަތް ކުރުން ކަމަށް އަލީ ވިދާޅުވި އެވެ.