ރިޕޯޓް

އަމީން ބޭނުމީ އަތޮޅުތަކުގެ ސިއްހީ ހިދުމަތް އިންގިލާބެއް!

ނިމިގެން މިދިޔައީ ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައި އަހަރުތަކެކެވެ. ވަކިން ހާއްސަކޮށް މާލެ ސަރަހައްދުގެ ސިއްހީ ނިޒާމަށް ކުރީގެ ސަރުކާރުން ވަނީ ބޮޑެތި ހަރަދުތަކެއްކޮށް، އިންގިލާބީ ބަދަލެއް ގެނެސްފަ އެވެ. އެންމެންގެ ޝަކުވާތައް ބޮޑު އައިޖީއެމްއެޗް ހޮސްޕިޓަލަކީ ރައްޔިތުންނަށް ހިދުމަތް ހޯދަން ފަސޭހަތަނެކެވެ. ސަރައްދީ ފެންވަރުގެ ޓާޝިއަރީ ހޮސްޕިޓަލެއް ހުޅުމާލޭގައި ވަނީ އަޅައިފަ އެވެ. ސިއްހީ ހުރިހާ ހިދުމަތެއް އެއް ތަނަކުން ލިބޭ 25 ބުރީގެ އިމަރާތެއްގެ މަސައްކަތް ފަށައިގެން ނިންމަނީ އެވެ.

ހަގީގަތަކީ އެ ހުރހާ ބޮޑެތި އިންވެސްޓްމަންޓުތަކެއް ހުރީ މާލެ ސަރަހައްދަށް އެކަންޏެވެ. އައްޑޫ ކޮންވެންޝަން ސެންޓަރު ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމާއި ކޮންމެ ރަށެއްގައި ކުޑަ ބޭސް ފިހާރައެއް އަޅައި ދިނުން ނޫން ސިއްހީ ދާއިރާގެ ބޮޑު އެއްވެސް މަޝްރޫއެއް އަތޮޅުތަކު ތެރެއަށް ނާދެ އެވެ. ބޭސްފަރުވާ ހޯދަން ރާއްޖޭ އެންމެން އަދިވެސް ޖަމާވާން ޖެހެނީ މާލެއަށެވެ. އެ އުނދަގުލާއި ކަންބޮޑުވުންތަކަށް ހައްލެއް ނާދެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުން ހެލްތު މިނިސްޓަރުކަން ހަވާލު ކުރެއްވި އަބްދުﷲ އަމީންގެ ވިސްނުން ހުރީ އެކަން އެގޮތަށް ބާއްވާކަށް ނޫނެވެ. މިދިޔަ ފަސް އަހަރު ސިއްހީ ދާއިރާއިން މާލެ ސަރަހައްދަށް އިންވެސްޓު ކުރި މިންވަރަށް އަތޮޅުތަކަށް އިންވެސްޓު ކުރާން އޭނާ ވަނީ އަމާޒު ހިފައިފަ އެވެ. އެވެ.

"ބޭސްފަރުވާއަށް އެންމެން މާލެ ޖަމާވާ އާދަކާދައަށް ބަދަލު ގެންނަ ވަގުތު ޖެހިއްޖެ، ރާއްޖޭގެ ޖަޒީރާ ހުރިހާ ރަށްތަކުންވެސް އެންމެ މަތީ ފެންވަރުގެ ބޭސްފަރުވާ ލިބެން އެބަ ޖެހޭ،"
އަމީން

ރާއްޖެތެރެ ބާކީކޮށްލާފައި!

"އަވަސް"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަމީން ވިދާޅުވީ ހެލްތު މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވީ ގިނަ ވައުދުތަކަކާއި ތަސައްވަރުތަކެއް ހިފައިގެންނެވެ. ނަމަވެސް އޭނާއަށް ޖެހިވަޑައިގަތީ ވައުދުތަކަށް ވުރެ ބޮޑަށް އޭގެ ބޭރުން ހުރި ގިނަ އެހެން ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ފައްޓާށެވެ. ސަބަބަކީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އަތޮޅުތައް ވަރަށް ބޮޑަށް ބާކީކޮށްލާފައި ކަމަށް އަމީން ވިދާޅުވި އެވެ.

"މީހަކު ހުރި ރަށަކުން ފަރުވާ ނުދެވި ހޮސްޕިޓަލެއް ހުރި ހިސާބަލަށް އެ މީހަކު ދާން ކުރަން ޖެހިފައިވާ މަސައްކަތާއި ހޮސްޕިޓަލެއް ހުރި އެ މީހާގެ ރަށް ނޫން އެހެން ރަށަކަށް ގޮސްގެން އެތަނުން އެ މީހެއްގެ ހުރުމާއި އެ ހިދުމަތް ހޯދުމަށް ދިމާވާ ގޮންޖެހުންތައް އެބަހުރޭ، ސްޕެޝަލިސްޓަކަށް ދައްކަން ކުރަން ޖެހޭ މަސައްކަތްތަކާއި އޭގައި އޭނަ އެއްތަނުން އަނެއް ތަނަށް ކުރަން ޖެހޭ ދަތުރުތައް، މި މުޅި ހިދުމަތް ހޯދުމުގައި މީހުންނަށް ހުރި ތަކުލީފުގެ ބޮޑުކަން އަޅުގަނޑަށް ފާހަގަވި،" އަމީން ވިދާޅުވި އެވެ.

ދުވަހުން ދުވަހަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއްހުރި ކަމަށް އަމީން ފާހަގަ ކުރި އެވެ. އެގޮތުން ކުރީ ސަރުކާރުން މާލޭ ސަރަހައްދުގެ އައިޖީއެމްއެޗް އާއި އެހެން ހޮސްޕިޓަލުތަކަށް ބޮޑެތި އަދަދުތަކުން އިންވެސްޓުކޮށްފައިވީ އިރު އަތޮޅުތަކަށް ދީފައި ވަނީ ބައެއް ބޭހާއި ކޮންމެހެން ވެސް ދޭން ޖެހޭ ބައެއް ތަކެއްޗެވެ. ނަމަވެސް ބޭސް ފިހާރަތަކުން ހަމައަށް ބޭސްތައް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. ގިނަ ހޮސްޕިޓަލުތަކުގެ ހަލަތު ވަރަށް ގޯސްވެފައިވާ އިރު އިންތިހާބާ ދިމާކޮށް މަސައްކަތު ވަގުތު ކުއްލިއަކަށް އިތުރުކޮށްލާފައިވާތީ، އަތޮޅުތަކު ތެރޭ ސިއްހީ ހިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެއްވެސް ވަރަކަށް އެކަން ކަމަށް ބަލާ، ހައްލެއް ހޯދަން މަސައްކަތްކޮށްފައި ނުވާ ކަމަށް އަމީން ވިދާޅުވި އެވެ.

އަތޮޅުތަކު ތެރެއިން އަންނަ ޝަކުވާތައް ހުށަހެޅުމަށް ހެލްތު މިނިސްޓްރީ ތެރޭ އޮންނަ ނިޒާމް ރަނގަޅަށް ނުހިނގާ ކަމަށް އަމީން ވިދާޅުވި އެވެ. ހެލްތު މިނިސްޓްރީގެ ތެރޭގައި މަސައްކަތްތައް ރާވާފައި ހުރި ގޮތުން އަތޮޅުތަކަށް އެހާ ބޮޑަށް އަޅާ ނުލާ އޮތުމުން އެތަންތަނުން އަންނަ ޝަކުވާތަކާއި މައްސަލަތަކަށް އެޓެންޑު ކުރުމަށް ގޮންޖެހުންތަކެއް ހުރެ އެވެ. އަތޮޅުތަކުގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ޔުނިޓެއް މިނިސްޓްރީގައި ގާއިމްކޮށްފައި ހުރި ނަމަވެސް ހުރިހާ މައްސަލަތަކެއް އެތަނުން ބެލުމުގައި ވެސް ލަސްތަކެއް ހުންނަ ކަމަށާއި އެކަންކަން ހައްލު ކުރުމަށް މިނިސްޓްރީގެ އޮނިގަނޑަށް ވެސް ބަދަލު ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"އެހެންވެ މިނިސްޓްރީގައި އަތޮޅުތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ، އެހެންވެ އަޅުގަނޑު މިނިސްޓްރީގެ އޮނިގަނޑަށް ވެސް ބަދަލުއެބަ ގެންނަން، އޭގެ ތެރޭގައި އިސްކަމެއް ދެވޭނެ އަތޮޅުތަކުގެ ސިއްހީ ހިދުމަތްތައް މޮނިޓާ ކުރުން، މިހާރު މިނިސްޓްރީގައި ވެސް އިންތިޒާމް ކުރެވިފައި ހުރި ގޮތުން އިސްކަން ދެވިފައެއް ނެތް މޮނިޓާ ކުރުމަށް،" އަމީން ވިދާޅުވި އެވެ.

ސިއްހީ ހިދުމަތް ބަލި މީހުން ގާތަށް!

ކުރިޔަށް މި އޮތް ފަސް އަހަރު ނިމޭއިރު ބަލި މީހާ ބޭސްފަރުވާ ހޯދުމަށް ދިގު ދަތުރުތަކެއްކޮށް، މާލޭގެ ކުދިކުދި ކޮޓަރިތައް ބޮޑު އަގުގައި ހިފައިގެން ތިބޭކަށް ނުޖެހޭނެ ކަމަށް އަމީން ވިދާޅުވި އެވެ. ރާއްޖޭގެ އެކި ކަންކޮޅުގައި ޓާޝިއަރީ ހޮސްޕީޓަލްތައް ގާއިމްކޮށް، ސިއްހީ ހިދުމަތްތައް އެންމެ މަތީ ފެންވަރުގައި ފަސޭހައިން ލިބޭ ގޮތް ހަމަޖައްސާނެ ކަމަށް އަމީން ވިދާޅުވި އެވެ. އެގޮތުން އެންމެ ބޮޑު މަސައްކަތެއްގެ ގޮތުން ބޮޑެތި ރަށްތަކެއްގައި ޓާޝިއަރީ ހޮސްޕިޓަލްތައް ގާއިމް ކުރުން ކަމަށް އަމީން ވިދާޅުވި އެވެ. އޭގެ ތެރޭގައި ލ. އަތޮޅާއި ހުވަދު އަތޮޅާއި ހދ. ކުޅުދުއްފުށި އަދި އުތުރުގެ ބައެއް ރަށްރަށުގައި ވެސް ޓާޝިއަރީ ހޮސްޕިޓަލެއް ގާއިމް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިއްހީ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުން އެއީ އަޅުގަނޑުމެންގެ ތަސައްވަރަކީ، އެހެންވެ އެދެވޭ ހެޔޮ ބަދަލެއް އަންނާނެ މި ފަސް އަހަރުގެ ތެރޭގައި ސިއްހީ ހިދުމަތްތަކަށް،" އަމީން ވިދާޅުވި އެވެ. "ހައްލު ވާނެ، ނަތީޖާ ނެރެވޭނެ، ސިއްހީ ދާއިރާގައި ނަތީޖާ ނެރެވޭނެ ވަރުގެ ވިސްނުމާއި ފަންނީ ގާބިލްކަން އެބަހުރި، ވަސީލަތާއި ނަތިޖާ ނެރުމަށް ހިތްވަރާ އެކު ތެދުވުން އެކަނި ބޭނުން ވަނީ، އަޅުގަނޑު މި ހުރީ އެ ނަތީޖާ ނެރުމަށް ސާބިތުކަމާއެކު މަސައްކަތް ކުރަން، ސަރުކާރުން ސިޔާސީ ގޮތުންނާއި ސަރުކާރުގެ ތެރެއިން އެ ސަޕޯޓު ލިބިއްޖެ ނަމަ އެ ނަތީޖާ ނެރެވޭނެ"

އެންމެ އިސްކަމެއް ދެއްވައިގެން ދެން ކުރައްވާނެ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވީ ވީހާވެސް އަވަހަށް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. އެގޮތުން އެކި ސަރަހައްދުތަކުގައި ގާއިމް ކުރަ މައި ޓާޝިއަރީ ހޮސްޕިޓަލުތަކުން އެހެން ކުދި ކުދިން ސަރަހައްދުތަކަށް ސްޕެޝަލިސްޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ތާރައްފް ކުރަައްވާނެ ކަމަށާއި ލެބޯރީ ހިދުމަތްތަކާއި ރާއްޖެއިން އެންމެ ގިނަ ބަލިތަކަށް ފަރުވާ ދެވޭނެ ނިޒާމަކަށް އިންވެސްޓު ކުރުން ވެސް ހިމެނޭ ކަމަށް އަމީން ވިދާޅުވި އެވެ.

"ޑޮކްޓަރެއް ހުންނަ ތަނަށް ރަށްރަށުން ފުރައިގެން ބަލި މީހުންތައް އައިސް، އެ ކުރާ ކުރުމަށް ވުރެ ބަލި މީހުން ގިނަ ތަނުގައި ޑޮކްޓަރެއް ދެވެން އެބަ ޖެހޭ، ދާއިމީ ގޮތެއްގައި ޑޮކްޓަރެއް ނުހުންނަ ކަމަށްވަންޏާ ވީކްލީކޮށް ނަމަވެސް ނުވަތަ ކޮންމެވެސް އިންތިޒާމެއްގެ ދަށުން ސްޕެޝަލިސްޓް ޑޮކްޓަރުން ލިބެން އޮންނަ އިންތިޒާމެއް ހަމަޖެހެން އެބަ ޖެހޭ، މުޅި ރާއްޖެއަށް ބަހާލެވޭ އިންތިޒާމެއްގެ ތެރެއިން އަޅުގަނޑުމެން އެ ހިދުމަތް ވެސް ފޯރުކޮށްދޭނަން،" އަމީން ވިދާޅުވި އެވެ.

މިދިޔަ ދުވަސްތަކުގައި ރަށްރަށުގައި ހުރި އެމްބިއުލެންސްތައް ހަލާކުވެ ގާޑިޔާތަކާއި ޕިކަޕުތަކުގައި މީހުން އުފުލާ ހެދި އެވެ. އެ މައްސަލަތައް ބޮޑުވެ، ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެ އެވެ. އަމީން ވިދާޅުވީ އެކަން ހައްލު ކުރަން އިސްކަމެއް ދެއްވާނެ ކަމަށްވެ. އެގޮތުން މުޅި ރާއްޖޭގަައި ނޭޝަނަލް އެމްބިއުލެންސް ސާވިސްއެއް ގާއިމް ކުރުުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ. އެ ހިދުމަތަކީ ހަމައެކަނި ކުއްލިއަކަށް އެމަޖަންސީގައި ފަރުވާ ހޯދަން ބޭނުން މީހުން ގޮވައިގެން ހޮސްޕިޓަލަށް ލާދިނުމުގެ އިތުރުން ރަށްރަށުގައި ހޮސްޕިޓަލްތަކަށް ދިޔުމަށް ދަތިވާ ކޮންމެ މީހަކަށް ވެސް ހޮސްޕިޓަލަށް ގެންގޮސްދޭ ފަދަ ހިދުމަތަކަށް ހަދަން ޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ.

ކުރީ ސަރުކާރުން އެޅި 25 ބުރިގެ ދަރުމަވަންތަ ހޮސްޕީޓަލު ހިންގަން ކުރި ހަރަދުން މުޅި ރާއްޖޭގެ ސިއްހީ ނިޒާމް ބަދަލުކޮށްލެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ފުރިހަމަ އެހީ ބޭސްފަރުވާ ބޭނުންވާ އެންމެނަށް އޮންނާނެ ކަމަށް އަމީން ވިދާޅުވި އެވެ. އަދި އިންގިލާބެއް ގެންނާނެ ކަމަށް އޭނަ ވިދާޅުވި އެވެ.