ހެލްތް މިނިސްޓްރީން ކޮވިޑް-19 އާއި ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ވަރަށް ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައި ވެއެެވެ. ހާއްސަކޮށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް 75 ވެންޓިލޭޓަރު ހޯދުމަށް ހަވާލު ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެފައި ވެއެވެ. އެގޮތުން އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލްކަން ބަލާފައި ނެތުމާއި މި މަސައްކަތް ހަވާލު ކޮށްފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާ ގޮތަށް މިނިސްޓްރީގެ ލިޔެކިޔުންތަކުގައި ބަޔާން ކޮށްފައިވީ ނަމަވެސް އެއީ އެ ޖަމިއްޔާގެ ރިކޮމެންޑެޑް ކުންފުންޏެއް ނޫން ކަމަށް ވަނީ ބުނެފައެވެ.
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ ޑަބްލިއުއެޗްއޯއާއެކު އެއްވެސް މުއާމަލާތެއް ކޮށްފައިވާ ކުންފުންޏެއް ނޫން ކަމަށާއި އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ނުވާއިރު ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް އެ ޖަމާއަތުން ހެލްތް މިނިސްޓްރީއާއި ހިއްސާކޮށްފައި ވެސް ނުވާކަމަށް ޑަބްލިއުއެޗްއޯއިން މައުލޫމާތު ދީފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވެއެވެ.
ޕާފޯމަންސް ގެރެންޓީ ބަހައްޓާފައި ނުވުމާއި އެޑްވާންސްގެ ގޮތުގައި އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތަ ފައިސާ ދޫކޮށްފައިވާއިރު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއްވެސް ބަހައްޓާފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ. މިފަދަ އެތައް މައްސަލަތަކެކެވެ. ނަމަވެސް ހެލްތުން އެގޮތަށް އަމަލު ކޮށްފައިވާ ސަބަބުތަކާއި އެކަމާއި ގުޅިގެން މިނިސްޓްރީން އެ އޮފީހާއި ހިއްސާކޮށްފައިވާ އެއްވެސް މައުލޫމާތެއް އޮޑިޓް ރިޕޯޓްގައި ހިމަނާފައެއް ނުވެއެވެ.
ބަލައި ހޯދި މައުލޫމާތުތަކުން އެނގުނު ގޮތުގައި ހެލްތު މިނިސްޓްރީން ވަނީ ގިނަ މައުލޫމާތުތަކެއް އޮޑިޓަރު ޖެނެރަލްގެ އޮފީހާއި ހިއްސާ ކޮށްފަ އެވެ. އަދި އެ މުއާމަލާތް ހިނގުމުގެ ކުރިން ދައުލަތުގެ އެހެން އިދާރާތަކުން ހޯދާފައިވާ ހުއްދަތަކާއި އެހެނިހެން މައުލޫމާތުތައް ވެސް ހިއްސާ ކޮށްފައި ވެއެވެ.
ފިނޭންސްގެ ހުއްދަ ހޯދި
ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏާއި ހަވާލު ކުރުމުގެ ކުރިން އެކަމުގެ ހުއްދަ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހެލްތް މިނިސްޓްރީން ވަނީ ހޯދާފަ އެވެ.
އެގޮތުން އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކޮށް އެކަމުގެ މައްސަލައެއް ނެތް ކަމަށް ބަޔާންކޮށް ހެލްތަށް ސިޓީއަކުން އެކަން ވަނީ އަންގާފަ އެވެ.
އެ ސިޓީގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރައީސް އޮފީހުގެ ޕޮލިސީ ގުރޫޕްގެ މެންބަރުންނާއެެކު މާޗް މަހުގެ 15 ވަނަ ދުވަހު ބޭއްވި ބައްދަލްވުމުގައި މަޝްވަރާކޮށް ނިމިފައިވާ ކަންތަކުގެ ތެރޭގައި އިމަޖަންސީ އައިސީޔޫ ފެސިލިޓީއަށް ބޭނުންވާ 200 އެނދާއި 200 ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް އަވަސް ކަމެއްގެ ގޮތުގައި ކުރުމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑް19 އާއި ގުޅިގެން އައިސީޔޫ ވެންޓިލޭޓަރު ހޯދުން ވަަރަށް ދަތިވެފައިވާތީ އާއި މުޅި ދުނިޔޭގައިވެސް އައިސީޔޫ ވެންޓިލޭޓަރު މެނިފެކްޗާކުރާ ކުންފުނިތައް ލިމިޓްކުރުމާއި ގުޅިގެން އެތަކެތި ހޯދުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެފައިވާތީ އެތަކެތި ހޯދުމަށް ހެލްތް މިނިސްޓްރީން ކުރި މަސައްކަތުން ވެންޓިލޭޓަރު ސަޕްލައިކުރާ ދުބާއީގެ ކުންފުންޏަކުން އަގު ހޯދާފައިވާތީ އަދި އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން އެ އިދާރާއިން އިމަޖަންސީ ޕްރިޕެއާޑްނެސްގެ ދަށުން ތަކެތި ސަޕްލައިކުރުމަށް އެކަށީގެންވާ ކުންފުންޏެއް ކަމަށް ބުނެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
"އިސްވެ ދެންނެވުނު އިމާޖަންސީ އައިސީޔޫ ފެސިލިޓީއަކަށް ބޭނުންވާ 200 ވެންޓިލޭޓަރު ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހޯއްދެވުމުގައި މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތިޔަ ސާވިސްގެ ބިޑް އިވެލުއޭޝަން ކޮމެޓީން ވަކި ގޮތެއް ނިންމަވައިގެން ކުރިއަށް ގެންދެވުން އެންމެ ރަނގަޅު ކަމުގައި ދެންނެވީމެވެ،" މިނިސްޓަރު އަމީނަށް އެޑްރެސްކޮށް ފިނޭންސްއިން ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވެއެވެ.
އެޑްވާންސް ފައިސާ ދެއްކުން
އަވަސްއިން ހޯދި މައުލޫމާތުތަކުން ދުބާއީ ކުންފުންޏަށް އެޑްވާސް ފައިސާ ދިނުމުގައިވެސް ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އުސޫލުތަކުގެ ތެރެއިންނެވެ. އެގޮތުން އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ހެލްތް މިނިސްޓްރީގެ ފައިނޭންޝިއަލް އެގްޒެކްޓިވް އަހުމަދު އަސްލަމް ސޮއިކޮށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ވަނީ ސިޓީއަކުން އެކަމުގެ ހުއްދައަށް އެދިފައެވެ.
އެގޮތުން އެކްސެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ލިބިދާނެ ކަމަށް އެ ކުންފުނިން އަންގާފައިވާތީ އެ ވެންޓިލޭޓަރުތަކުގެ އަގުތައް ވަނީ ފިނޭންސްއާ ހިއްސާކޮށްފައެވެ. އެގޮތުން 65 ވެންޓިލޭޓަރުގެ އަގަކީ އެއްޗެއް 32،500 ޑޮލަރުގެ ރޭޓުން 2،112،500 ޑޮލަރު ކަމަށާ އަނެއް 10 ވެންޓިލޭޓަރުގެ އަގަކީ އެއްޗެއް 12،500 ޑޮލަރުގެ ރޭޓުން 125،000 ޑޮލަރު ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ހެލްތްގެ ފައިނޭންޝިއަލް އެގްޒެކްޓިވްގެ ސިޓީގައި 75 ވެންޓިލޭޓަރުގެ އަގުގެ 75 ޕަސެންޓާވާ 1،678،125 ޑޮލަރު އެޑްވާންސްކޮށް އެ ކުންފުންޏަށް ދައްކަން ޖެހޭތީ އެ ފައިސާ ދެއްކުމުގެ ހާއްސަ ހުއްދައެއް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ވަނީ އެދިފައެވެ.
ހެލްތް މިނިސްޓްރީގެ އެ ސިޓީއަށް ހަމަ އެ ތާރީހުގައި މިނިސްޓަރު އަމީރު ވަނީ ޖަވާބު ދެއްވާފައެވެ. މިނިސްޓަރު އަމީނަށް އެޑްރެސްކޮށް ފިނޭންސްއިން ފޮނުވާފައިވާ ސިޓީގައި އެޑްވާންސް ފައިސާ އެ ކުންފުންޏަށް ދެއްކުމަކީ އެންމެ ރަނގަޅު ކަމެއްގައި އަންގާފައިވެއެވެ.
އޭޖީގެ ލަފާ ހޯދުން
ހެލްތް މިނިސްޓްރީން ވަނީ ދުބާއީގެ އެކްސެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު އެއްބަސްވުން އެކުލަވާލުމުގެ ކުރިން އެކަމުގައި އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފަޔަށްވެސް ވަނީ އެދިފައެވެ. އެކަމާއި ގުޅޭ ލިޔެކިޔުންތަކާ ބެހޭ މައުލޫމާތުވެސް އަވަސްއަށް ލިބިފައިވެއެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލާ ޝަލްވާ ހަބީބު ސޮއިކުރައްވާ މިނިސްޓަރު އަމީނަށް ފޮނުއްވެވި ސިޓީގައި އެފަދަ އެއްބަސްވުމެއް ގާއިމްކުރުމުގެ ކުރިން ފުރިހަަމަ ކުރަންޖެހޭ ކަންކަން ވަނީ ސަމާލު ކަމަށް ގެނެސްފައެވެ. އެގޮތުން މަސައްކަތުގެ އަގަކީ 2،237،500 އެމެރިކާ ޑޮލަރުކަމަށްވާތީ 2،500،000 ދިވެހި ރުފިޔާއަށްވުރެ ބޮޑު އަގުގެ މަސައްކަތެއްނަމަ އެ މަސައްކަތެއް ހަވާލުކުރެވޭނީ ނޭޝަނަލް ޓެންޑަރު ބޯޑަށް ހުށައަޅައި އެ ބޯޑުން ހުއްދަ ދިނުމުން ކަމަށާ އަދި އެޑްވާންސް ފައިސާގެ ގޮތުގައި އެއްބަސްވުމުގެ 75 އިންސައްތަ ދައްކަންޖެހޭތީ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް ދައުލަތުގެ އޮފީސްތަކާއި މުއައްސަަސާތަކަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގައި އަދި މަސައްކަތް ކުރުވުމުގައި ގަވާއިދަށް އަމަލުކުރުން ލާޒިމްނުވާ ހާލަތްތަކެއް ބަޔާންކޮށްފައިވާ ކަމަށާ އެގޮތުން ގައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމާއި ދައުލަތުގެ މުހިންމު މަސްލަހަތެއް ހިފެހެއްޓުމަށާއި ދައުލަތަށް ނުވަތަ ރައްޔިތުންނަށް ދުރުރާސްތާގައި ލިބިދާނެ ގެއްލުމެއް ކުޑަ ކުރުމަށް ނުވަތަ ދުރުރާސްތާގައި ލިބިދާނެ ފައިސާ އިތުރުކުރުމަށްޓަކައި އެ ފަހަރަކު ބޭނުންވާ މިންވަރަށް ފިނޭންސް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން، ދައުލަތުގެ ފައިސާ ހަރަދުކުރެވިދާނެ ކަމުގައި ބަޔާންކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އެހެން ކަމުން ކުރިން ބުނި އިޖުރާއަތުތައް ފުރިހަމަ ކުރަން ލާޒިމުވާނެ ކަމަށް ނުފެންނަ ކަމަށް އޭޖީގެ ލަފާގައިވެއެވެ.
"... ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.3 ވަނަ މާއްދާގެ ދަށުން މިނިސްޓަރު އޮފް ފިނޭންސް އަންގާ ގޮތުގެ މަތިން މި މަސައްކަތް އެކްސެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށް މި އެއްބަސްވުމުގައި ސޮއިކުރުމާމެދު ގާނޫނީ ގޮތުން އިއުތިރާޒުކުރާނެ ތަނެއް އޮތް ކަމަށް ނުފެންނަ ވާހަކަ ދަންނަވަން،" އޭޕްރީލް މަހުގެ ދެވަނަ ދުވަހު އޭޖީ ދެއްވާފައިވާ ގާނޫނީ ލަފާގައިވެއެވެ.
ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ކުންފުންޏެއް ކަމަށް ބުނުން
ހެލްތް މިނިސްޓްރީން ކޮވިޑް-19 އާއި ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓްގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް މައްސަލައަކީ ދުބާއީގެ އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ކުންފުންޏެއް ކަމަށް ހެލްތުގެ ލިޔެކިޔުންތަކުން ފެންނަން އޮތް ނަމަވެސް އެކަން ޑަބްލިއުއެޗްއޯއިން ދޮގުކޮށްފައިވުމެވެ. ދުބާއީ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑެއް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރައްޔިތުންގެ މަޖިލީހުގައިވެސް ވިދާޅުވެފައެވެ.
އެ މިނިސްޓްރީން އެގޮތަށް މައުލޫމާތު ހާމަކުރި ސަބަބުތަކާއި މިނިސްޓަރު އަމީން އެހެން ވިދާޅުވި ސަބަބުތައްވެސް އޮޑިޓަރު ޖެނެރަލްގެ ސަމާލުކަމަށް އެ މިނިސްޓްރީން ވަނީ ގެނެސްފައެވެ. އަދި އެކަން ލިޔުމުން އޮޑިޓަރު ޖެނެރަލްގެ އޮފީހާއި ހިއްސާކޮށްފައިވާ ކަމަށްވެސް އަވަސް އަށް އެނގިފައިވެއެވެ.
ހެލްތް މިނިސްޓްރީން އޮޑިޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައުލޫމާތުތަކުގައި ދުބާއީގެ އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ކުންފުންޏެއް ކަމަށް ބުނެފައިވަނީ އެވަގުތަށް ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބެލިގެން ކަން ވަނީ ބުނެފައެވެ. އަދި ދުބާއީ ކުންފުނީގެ މައުލޫމާތު ލިބިފައިވަނީވެސް އެ ޖަމިއްޔާ މެދުވެރިކޮށް ކަމަށާ ޑަބްލިއުއެޗްއޯގެ މުވައްޒިފަކާއި ދެ ފަހަރެއްގެ މަތިން ބައްދަލުކޮށް ކުރެވުނު މަސައްކަތުން އެ ޖަމިއްޔާ މެދުވެރިވެ ތަކެތި ސަޕްލައިކުރާ ކުންފުންޏެއް މެދުވެރިކޮށް ތަކެތި ގެނައުމުގައި ދަތިތަކެއް ހުރިކަން އެ މުވައްޒިފު މެދުވެރިކޮށް އަންގާފައިވާ ކަމަށްވެސް ހެލްތުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދުބާއީ ކުންފުނީގެ މައުލޫމާތު ހިއްސާކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ އެހީތެރިކަމުގައި ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވަނީ އެ ޖަމިއްޔާގެ ރެޕްރެޒެންޓޭޓިވްގެ މަޝްވަރާއާއެކު އެ މައުލޫމާތު އެ މިނިސްޓްރީއާއި ހިއްސާކުރުމުން ކަމަށާ އަދި ދުބާއީ ކުންފުނިން ވެންޓިލޭޓަރު ސަޕްލައިކޮށްދޭނެ އަގު ހޯދާފައިވަނީވެސް ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް ކަމަށްވެސް ލިޔުމުން އޮޑިޓަރު ޖެނެރަލްގެ އޮފީހަށް ވަނީ އަންގާފައެވެ. އެނގިފައިވާ ގޮތުގައި ޑަބްލިއުއެޗްއޯއިން ދުބާއީގެ ކުންފުނި މެދުވެރިކޮށް އަގުތައް ހޯދުމަށްފަހު ފޮނުވާފައިވާ އީމެއިލް އެ އިދާރާއިން ހެލްތް މިނިސްޓްރީއަށް ވަނީ ހިއްސާކޮށްފައެވެ. އަދި އެ އީމެއިލްގައި އެ ކުންފުނިން ލިބެންހުރި ވެންޓިލޭޓަރުތަކުގެ އަގު ހިމެނޭ ގޮތަށް ވެންޓިލޭޓަރުތަކުގެ ބްރައުޝަންވެސް ވަނީ ފޮނުވާފައެވެ.
ހެލްތުން ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރުގެ ކޯޓޭޝަން ހޯދުމަށް އީމެއިލް ކުރީ އޭގެ ފަހުންނެވެ.
އަދި އެގްޒެކިއުޓާށް ޖެނެރަލް ޓްރޭޑިންއާއި ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަތުމަށް ގޮތެއް ނިންމުމަށް ބޭއްވުނު ބިޑް ކޮމެޓީގެ ޔައުމިއްޔާގައި ދުބާއީ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ކުންފުންޏެއް ކަމަށް ބުނެފައިވަނީ ކޮމެޓީ ބައްދަލްވުމުގައި ކޮމެޓީގެ މެންބަރުން ޑަބްލިއުއެޗްއޯގެ މުވައްޒިފަކާއި ގުޅާ އެ މުވައްޒިފު އެ ގޮތަށް މައުލޫމާތު ދިނުމުން ކަމަށް ބިޑް ކޮމެޓީން ވަނީ އޮޑިޓަރު ޖެނެރަލަށް މައުލޫމާތު ދީފައެވެ.
ޕާފޯމަންސް ގެރެންޓީ ނުނެގުން
މިއީވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ބޮޑު މައްސަލައެކެވެ. އެގޮތުން ދުބާއީ ކުންފުންޏަށް ޖުމްލަ އަގުގެ 90 އިންސައްތަ ފައިސާ ދޫކޮށްފައިވާތީ އެކަން ބެލުމަށް އޮޑިޓަރު ޖެނެރަލް ވަނީ އަންގަވާފައެވެ.
އަވަސް އެނގިފައިވާ ގޮތުގައި އޮޑިޓްގެ ތެރޭގައި ހެލްތް މިނިސްޓްރީން ވަނީ އެކަން ހިނގާދިޔަގޮތް އޮޑިޓަރު ޖެނެރަލްއަށް ސާފުކޮށްދީފައެވެ. އަދި އެކަން ލިޔުމުންވެސް އެ އިދާރާއަށް ހުށައަޅާފައެވެ.
އެ ލިޔެކިޔުންތަކުގައި ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައި ނުރައްކާ ހާލަތަކަށްގޮސް ގިނަ ބައެއްގެ ފުރާނަ ނުރައްކަލަށް ކުރިމަތިވެދާނެ ހާލަތެއް އޮތް ކަމަށް ގަބޫލުކުރެވުމުން އަދި ކޮވިޑް ރޯގާގެ ފަރުވާއަށް އެންމެ މުހިންމު އެއް ވަސީލަތަކީ ވެންޓިލޭޓަރު ކަމަށް ޑޮކްޓަރުން ވިދާޅުވާތީ އަދި ވެންޓިލޭޓަރު ލިބުމުގައި ދަތިވެފައިވުމުން އަވަހަށް ވެންޓިލޭޓަރު ލިބެން އޮތް މަގަކީ އެގޮތް ކަމަށްވުމެވެ.
އަދި އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދުމަށް ވަގުތު ނަގާތީ ވަކި މުއްދަތެއްގެ ތެރޭގައި ވެންޓިލޭޓަރުތައް ރިޒާވް ނުކޮށްފިނަމަ ތަކެތި ނުލިބިދާނެ ކަމަށާ އަދި ކޮންމެ ދުވަހަކު ވެއާ ހައުސް ޗާޖްގެ ގޮތުގައި ފަންސަވީސް ހާސް ޑޮލަރު ދުބާއީ ކުންފުނިން ދައްކަނޖެހޭ ކަމަށް އެ ކުންފުނިން ތަކުރާރުކޮށް އަންގާފައިވާތީ ކަމަށްވެސް ހެލްތުން ވަނީ އޮޑިޓަރު ޖެނެރަލްއަށް މައުލޫމާތު ދީފައެވެ.
އަދި ޕޯޓަބަލް ވެންޓިލޭޓަރު ހޯދާފައިވަނީ ކަނޑުމަގުން ކުރާ ދަތުރުތަކުގައިވެސް އެ ވެންޓިލޭޓަރުތައް ބޭނުން ކުރެވޭނެތީ ކަމަށްވެސް ހެލްތުން ވަނީ އަންގާފައެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ދުބާއީ ކުންފުނިން ގެނެސްފައިވަނީ އެގްރީމަންޓްގައި ބަޔާންކޮށްފައިވާ ބްރޭންޑްގެ ވެންޓިލޭޓަރުތަކެއް ނޫންކަން ބުނެފައިވެއެވެ. އަދި އެއީ މަކަރާ ހީލަތުގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. ނަމަވެސް އެ ކުންފުނިން ފޮނުވި 11 ވެންޓިލޭޓަރު ހެލްތް މިނިސްޓްރީއަށް ލިބުމުން އެތަކެތި ޗެކްކުރިއިރު އެއީ އެއްބަސްވެފައިވާ ބްރޭންޑަށް ނުވާތީ އެކަން އެކުންފުންޏަށް ވަގުތުން ވަނީ އަންގާފައެވެ. އަދި އެކަން ރަނގަޅު ކުރުމަށް އަންގާފައިވެއެވެ. އެކަން ހެލްތް މިނިސްޓްރީގެ ލިޔެކިޔުންތަކުން އެނގެއެވެ.
ނަމަވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތަށް ވެންޓިލޭޓަރު ގަތުމަށް ދުބާއީ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މާކެޓްގައި އެ ތަކެތި ލިބެންހުރި އަގަށްވުރެ ބޮޑުކޮށްކަން ހެލްތުންވެސް ގަބޫލުކުރާ ކަމަށް އޮޑިޓަރު ޖެނެރަލަށް ފޮނުވާފައިވާ ލިޔެކިޔުންތަކުގައި ބުނެފައިވެއެވެ. ނަމަވެސް އެކަން އެގޮތަށް ކޮށްފައިވަނީ ރޯގާގެ ހާލަތު ނުރައްކާ މިންވަރަކަށް އިތުރުވެއްޖެނަމަ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވެދާނެތީ އެންމެ އަވަހަށް ވެންޓިލޭޓަރު ލިބެން އޮތް ގޮތަކީ އެއީ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ހެލްތުން އަންގާފައިވެއެވެ.
މިކަންކަން މިހެން އޮތްނަމަވެސް ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި އެއިން އެއްވެސް ކަމެއް ފާހަގަކޮށްފައިނުވަނީ ކީއްވެ ހެއްޔެވެ. އޮޑިޓެއްގެ ބޭނުމަކީ ކަން ހިނގާފައިވާ ގޮތް ހާމަކުރުމާއެކު ހަގީގަތް ބުނެދިނުމެވެ. އެއް ފަރާތަށް ވިސްނޭ ވާހަކަތައް އެކަނި ބުނެދިނުމެއް ނޫނެވެ.