ދުނިޔެ

ރަހީނުން ސަލާމަތްކުރަން ޓެރަރިސްޓުންނަށް ފައިސާ ދިނުމުގެ ހުއްދަ އެމެރިކާ އިން ދީފި

Jun 25, 2015

ޓެރަރިސްޓުން ރަހީނުކުރާ އެމެރިކާގެ ރައްޔިތުން ސަލާމަތްކުރުމަށް ޓެރަރިސްޓުން ޑިމާންޑްކުރާ ފައިސާ ދިނުމުގެ ހުއްދަ ރައީސް ބަރަކް އޮބާމާ އިއްޔެ ދެއްވައިފި އެވެ.

ކުރިން އޮންނަ ގޮތުން ޓެރަރިސްޓުންނާ ސީދާ މުއާމަލާތް، އެ މީހުން ހުށަހަޅާ އަގެއް ދީފި ނަމަ، ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ކުށުގައި ދައުވާ ކުރުމުގެ ފުރުސަތު އޮވެ އެވެ. އެމެރިކާ ސަރުކާރުން އެ ގޮތަށް އެއްވެސް އާއިލާއަކާ ދެކޮޅަށް ދައުވާކޮށްފައި ނުވިޔަސް، ޓެރަރިސްޓުން ބުނާ އަގެއް ދައްކާ އާއިލާތަކާ ދެކޮޅަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު އަބަދު ވެސް ދެމުން އައެވެ.

އެހެން ނަމަވެސް، ވައިޓް ހައުސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އޮބާމާ ވަނީ އެކަން އެ ގޮތަށް ނުކުރުމަށް ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކަށް އިއްްޔެ އަންގަވާފަ އެވެ.

ޓެރަރިސްޓުންގެ އަތް ދަށުގައި ތިބި އެމެރިކާގެ ގިނަ ރަހީނުންތަކެއް މިދިޔަ އަހަރު މަރުވި މައްސަލަ އަށް ފަހު ހިންގި ތަފްސީލީ ރިވިއު އަކަށް ފަހު އޮބާމާ އެ ގޮތަށް ނިންމެވީ، ވައުޓް ހައުސްގެ ބަޔާނުގައި އޮބާމާ ވިދާޅުވި ގޮތުގައި ސަރުކާރު މެދުވެރިކޮށް ޓެރަރިސްޓުންނާ މުއާމަލާތްކުރަން ކޮންމެ ފަހަރަކު ޖެހުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެވެ.

"ސަރުކާރުގެ އިދާރާތައް މަސައްކަތް ކުރަންޖެހޭ އެންމެ އެކަށީގެންވާ ގޮތެއްގައި ބައެއް ފަހަރު މަސައްކަތެއް ނުކުރޭ. އެކަމުގެ ސަބަބުން ހުރިހާ ގެއްލުމެއް ކުރިމަތި ވަނީ އާއިލާތަކަށް. އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" އޮބާމާ ވިދާޅުވި ކަމަށް ވައިޓް ހައުސްގެ ބަޔާނުގައިވެ އެވެ.

ވައިޓް ހައުސްގެ އިތުރުން، މި އާ ސިޔާސަތާ ގުޅޭ ގޮތުން ޖަސްޓިސް ޑިޕާޓްމަންޓުން ވެސް އިއްޔެ ވަނީ ވާހަކަދައްކާފަ އެވެ. އެ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ވަނީ ޓެރަރިސްޓުން ޑިމާންޑްކުރާ ފައިސާ ދޭ އާއިލާތަކާ ދެކޮޅަށް ދައުވާ އުފުލާނެ ކަމަށް ކުރިން ދެމުން އައި އިންޒާރުތައް ދިނުން ހުއްޓާލާފައިވާ ކަމުގެ ޔަގީންކަން ދީފަ އެވެ.

އޮބާމާގެ މި ނިންމެވުމާ ވަނީ ފާޑުކިޔުންތަކާ ކުރިމަތިވެފަ އެވެ. ބައެއް އިދިކޮޅު ފަރާތްތަކުން ބުނަނީ އެ ނިންމުމުގެ ސަބަބުން އެމެރިކާގެ ރައްޔިތުން ރަހީނުކުރުމަށް ޓެރަރިސްޓުންނަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށެވެ.