ހަބަރު

އައްޑޫ ޓާޝިއަރީ ހޮސްޕިޓަލް މިއަހަރު ހުޅުވާނެ، އެކަމަކު ބަދަލުތަކާއެކު

އައްޑޫ ސިޓީގެ ހިތަދޫގައި ހަދާ ޓާޝިއަރީ ހޮސްޕިޓަލަށް ބައެއް ބަދަލުތައް ގެނައުމަށް ފަހު މި އަހަރުގެ ތެރޭގައި ހޮސްޕިޓަލް ހުޅުވައި ހިދުމަތަށް ގެންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އަމީން ވިދާޅުވީ އައްޑޫ ޓާޝިއަރީ ހޮސްޕިޓަލް މި އަހަރު ހުޅުވުމުގެ ތާވަލް ކޮށްފައި ވާނެ ކަމަށާއި އޭގެ ކުރިން ބައެއް ކުދި ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. މިނިސްޓަރު އަމީން ވިދާޅުވީ އެތާނގެ ހާލަތު ބެއްލެވިއިރު ބޮޑު ޓާޝިއަރީ ހޮސްޕިޓަލެއްގައި ހުންނަން ޖެހޭ މިންވަރަށް ޕްރައިވެޓް ރޫމް ނެތްކަން ފާހަގަ ކުރެއްވުނު ކަމަށާއި އެކަންކަން ހައްލު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ވަރަށް އަވަހަށް ހޮސްޕިޓަލް ހުޅުވާ، ހިދުމަތް ދޭން ވެސް ފައްޓަވާނެ ކަމަށެވެ.

"100 އެނދުގެ ހޮސްޕިޓަލެއް ގާއިމް ވާއިރު ޕްރައިވެޓް ރޫމްސްގެ ގޮތުގައި ހުރީ ފަސް ވަރަކަށް ރޫމް. އެހެންވެ އަލުން ވިއްސަކަށް ނުވަތަ 25 ކޮޓަރި ބަދަލު ކުރާނެ، މުޅި ހޯލްގައި މީހުން ތިބޭ ވިސްނުން މިހާރު އެހެން ވިސްނުމަކަށް ބަދަލު ކުރަން ޖެހޭނެ، އައްޑޫގެ ރައްޔިތުންނަށް އެ މީހުންގެ ޕްރައިވެސީއާ އެއްކޮށް ސިއްހީ ހިދުމަތް ލިބޭނެ ގޮތެއް ޓާޝިއަރީ ހޮސްޕިޓަލް ތެރެއިން އަންނަން ޖެހޭނެ،" އަމީން ވިދާޅުވި އެވެ.

ސާކް ސަމިޓަށް ހެދި ކޮންވެންޝަން ސެންޓަރުގައި އައްޑޫ ޓާޝިއަރީ ހޮސްޕިޓަލު ހަދާތީ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން އަމާޒުވި އެވެ. ނަމަވެސް މިިނިސްޓަރު އަމީން ވިދާޅުވީ ހޮސްޕީޓަލާބެހޭ ގޮތުން މިހާރު ދެއްކޭނެ މާ ބޮޑު ވާހަކަތެއް ނެތް ކަމަށެވެ. އެކަމަކު މި ސަރުކާރުން އެކަން ފެށި ނަމަ އެތަނުގައި ހޮސްޕިޓަލެއް ނާޅާނެ ކަމަށެވެ.

"ނަމަވެސް މިހާރު އެ މަސައްކަތް އޮތް ގޮތަށް ނިންމާ، ވަރަށް ފުރިހަމައަށް ހިދުމަތް ދެވޭ ގޮތް ހަދާނެ" އަމީން ވިދާޅުވި އެވެ.