އަސަންދަ ނިޒާމުގައި ހުރި މައްސަލަތައް ރަނގަޅަށް ބަލައި ދެނެގަތުމަށް އެ ނިޒާމް އަލުން މުރާޖާކޮށް، އޭގެ ތެރޭގައި ހުރި ހިޔާނާތަށް މަގުފަހިވާ ހުރިހާ ކަންކަން ނިމުމަކަށް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
"އަވަސް"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަމީން ވިދާޅުވީ ސަރުކާރުގެ ތެރެއިން ދޫކުރާ އިންޝުައަރެންސްއެއްގެ ދަށުން ދިވެހިން ބޭސް ފަރުވާ ހޯދަމުން އަންނަތާ އެތަށް އަހަރެއް ވެފައިވާ ކަމަށާއި އެކަމުގައި ލިބިފައި އޮތް ތަޖުރިބާ ބޭނުން ކޮށްގެން އެ ނިޒާމް އިތުރަށް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. އަމާޒަކަށް ވާން ވާނީ އެންމެ ބޭނުންވާ މީހާއަށް އާސަންދަ މެދުވެރިކޮށް ހަރަދު ކުރެވޭނީ ކިހިނެތްތޯ ދެނެގަތުން ކަމަށާއި އަދި އަވަހަށް އެ ހިދުމަތް ދެވޭނެ ގޮތްތަކެއް ވެސް ހޯދަން ޖެހޭ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
އެގޮތުން އާސަންދަ އާއި އެންސްޕާގެ ނިޒާމް އަލުން ބައްޓަން ކުރަން ޖެހޭ ކަމަށް ވެސް އަމީން ވިދާޅިވި އެވެ. އެހެންކަމުން އެ ނިޒާމް އަލުން މުރާޖާކޮށް ބަދަލުތަކެއް ގެންނާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.
ސްރީލަންކާ މެލޭޝިޔާ އަދި އިންޑިޔަގައި ދިރިއުޅޭ ފަރާތްތަކަށް އާސަންދަ ހިދުމަތް ފޯރު ކޮށްދިނުމުގެ ވައުދުގެ ފުރިހަމަ ކޮށް ދިނުމަށް އެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
“ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ މެލޭޝިޔާގައި ވެސް އަސަންދަ ކަވާއެއް ނުކުރޭ އެހެންވެ މެލޭޝިޔަަގެ ކޮން ތަންތަނަކަށްތޯ އާސަންދަ ކަވަރު ކުރެވޭނީ، އެއެއް ބަލާފައި މެލޭޝިޔާއަކީ ވެސް ހިދުމަތް ލިބިދޭ ގޮތެއް ހަދާނަން،” އަމީން ވިދާޅުވި އެވެ. “ރާއްޖެއިން ބޭރުގައި ތިއްބާ ފަރުވާއެއް ކުރަން ޖެހެނީ، އެއީ ރާއްޖެއިން ދެވޭ ކަހަލަ ފަރުވާއެއް ވިޔަސް ބޭރުގައި ހުރުމުން ވެސް ފަރުވާ ލިބޭނެ ގޮތްތަކެއް ހަމަޖައްސާނެ،”