ހަބަރު

ފަނޑިޔާރުގެ އިސްލާހު ކުރުމުގައި އެހީތެރިވެ އެކަމުގައި ދެމި އޮންނާނަން: އެމްޑީޕީ

ފަނޑިޔާރުގެ އިސްލާހު ކުރުމަށް ބޭނުންވާ އެހީތެރިކަންދީ އެ މަސައްކަތުގައި އަަބަދުވެސް ދެމި އޮންނާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގެ ކޯޓުތަކުގެ ހާލަތު ގޯސްވެފައިވާ މިންވަރު އިތުރަށް ހާމަކުރަމުން ދީފައިވާ މަޢުލޫމާތުތަކާއި މެދު އެޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަަމަށެވެ.

އެމްޑީޕީން ބުނީ އެ ކޮމިޝަނުން ހާމަކޮށްފައިވާ މަޢުލޫމާތުގެ ތެރޭގައި، ބައެއް ވިޔަފާރިވެރިންނާއި ގޭންގުތަކުގެ ނުފޫޒު ކްރިމިނަލް ކޯޓަށް ވަރަށް ބޮޑަށް ފޯރާފައިވާކަމާއި، ގޭންގުތަކުން ބޭނުންވާ ފަނޑިޔާރުން ކޯޓަށް އައްޔަނުކޮށްފައި ތިބިކަމަށް ހާމަކޮށްފައިވާ ކަމަށާއި، ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅިގެން މަރުގެ ބައެއް މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުނުކުރުމުގެ ޢަމަލުތައް ހިންގާފައިވާކަށަށެވެ.

ހައްޔަރު ކުރަންޖެހޭ މީހުން ހައްޔަރު ނުކުރުމާއި، ހައްޔަރު ކުރަން ނުޖެހޭ މީހުން ހައްޔަރުކުރުން ފަދަ ޢަމަލުތައް ވެސް ހިންގާފައިވާކަމަށާއި، ފަނޑިޔާރުންގެ ސިކިޔުރިޓީއަށް ގޭންގުތައް ބޭނުންކޮށްފައިވާކަން ވެސް އެކޮމިޝަނުން ފާހަގަކޮށްފައިވާކަން އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ކަންކަމަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އަދުލު އިންސާފު ޤާއިމުކުރުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމަށް އެޕާޓީން ދެކޭ ކަމަށާއި، އެއީ ރާއްޖޭގެ ކޯޓުތަކުގެ ނާއިންސާފުކަމާއި އެ ކޯޓުތަކުން ރައްޔިތުންގެ ހައްގުތަކަށް ފާޅުގައި އަރައިގަންނަމުންދާކަން ރާއްޖޭގެ ގިނަ ރައްޔިތުންނާއި ބައިނަލްއަގުވާމީ ދުނިޔެ އިއްތިފާގުވަމުންދާއިރު، އެކަމުގެ ތެރެއަށް އިތުރުވި ބިރުހުރި މައުލޫމާތުތަކެއް ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ ހައްގު ތައް ދިފާއުކޮށް، ގާނޫނުއަސާސީއާއި ގާނޫނުގެ ބާރުވެރިކަން ނަގަހައްޓައި، ރާއްޖޭގެ ޑިމޮކްރެސީއާއި ހަމަޖެހުން ގާއިމުކުރެވެން އޮތީ، ދިވެހި ރައްޔިތުންނާއި ބައިނަލްއަގުވާމީ ދުނިޔެއިން ތަކުރާރުކޮށް ގޮވާލަމުން ގެންދާ ކަންކަން އިސްލާހްކޮށް، ކޯޓުތަކާއި ޝަރުޢީ ނިޒާމު އެފަދަ ނުރައްކާ ކަންތައްތަކުން ސަލާމަތްކޮށް، މިނިވަންކޮށްގެން ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.