ދުނިޔެ

އެމެރިކާއާއެކު މަސައްކަތް ކުރަން ތައްޔާރުކަމަށް ޗައިނާއިން ވެސް ބުނެފި

Dec 31, 2018

ބެއިޖިންގް (ޑިސެމްބަރު 30) - އެމެރިކާ އާއި ޗައިނާއިން ކުރަމުންގެންދާ ވިޔަފާރީގެ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، އެކަމުގައި ދާއިމީ ހައްލެއް ހޯދަން އެމެރިކާއާއެކު މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ޗައިނާ އިން ބުނެފި އެވެ.

ދެ ގައުމުން ވެސް އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ޑިއުޓީ ބޮޑު ކުރަމުން އަންނަ އައުން، 90 ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް އެއްބަސްވެފައިވަނީ، މި މަހު ކުރީކޮޅު އާޖެންޓިނާގައި ބޭއްވުނު ޖީ20 ސަމިޓުގެ ހަވާސާގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބޭއްވި ބައްދަލު ވުމެއްގައި އެވެ.

އެކަމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗައިނާ ސަރުކާރުގެ ތަރުޖަމާނު ލޫ ކޭންގް ވަނީ ޖީ20 ގައި ނިންމުނު ކަންކަން ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފަ އެވެ.

ޗައިނާ ސަރުކާރުން މި ގޮތަށް ބުނެފައިވަނީ، ދެ ގައުމުގެ މަޝްވަރާތަކަށް "ބޮޑެތި ކުރިއެރުންތަކެއް" ލިބިފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވިދާޅުވެފައިވަނިކޮށެވެ.

ޗައިނާގެ ރައީސްއާއެކު ހޮނިހިރު ދުވަހު ފޯނުގެ ޒަރިއްޔާއިން ވަރަށް އުއްމީދީ ވާހަކަތަކެއް ދެކެވުނު ކަމަށް ޓްރަމްޕް ވަނީ ހާމަކުރައްވައިފަ އެވެ.

ނަމަވެސް، ދެ ރައީސުންގެ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ތަފްސީލެއް ޓްރަމްޕް ވިދާޅުވެފައެއް ނުވެ އެވެ.

ޓްރަމްޕް ވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ޗައިނާއިން އެތެރެކުރެވޭ 200 ބިލިއަން ޑޮލަރުގެ މުދަލުން ނަގާ ޑިޔުޓީ 25 ޕަސަންޓަށް ބޮޑު ކުރަން ނިންމާފައި ނިންމުން އެ މުއްދަތަށް މަޑުޖައްސާލަން އެއްބަސްވެވަޑައިގެންފަ އެވެ.

އޭގެ ބަދަލުގައި އެމެރިކާއިން އުފައްދާ ގިނަ އަދަދެއްގެ މުދާ ގަންނަން، ޝީ ޖިންޕިން ނިންމަވާފައިވާކަމަށް ވެސް އެމެރިކާ ސަރުކާރުން ބުނެފައިވެ އެވެ.

މިދިޔަ ޖުލައި މަހު އެންމެ ފުރަތަމަ އެމެރިކާ އިން 25 ޕަސަންޓަށް ޓެކްސް ބޮޑުކޮށްފައިވަނީ ޗައިނާ އިން އެތެރެކުރާ 34 ބިލިއަން ޑޮލަރުގެ މުދަލުންނެވެ.

އޭގެ ފަހުން، އޯގަސްޓް މަހު އިތުރު 16 ބިލިއަން ޑޮލަރުގެ މުދަލުން ވެސް ވަނީ ޓެކްސް ބޮޑުކޮށްފަ އެވެ.

ބަދަލުހިފުމުގެ ގޮތުން، ޗައިނާ އިން ޓެކްސް ބޮޑުކޮށްފައިވާ މުދާތަކުގެ ތެރޭގައި، އެމެރިކާއިން ފުޅާދާއިރާ އެއްގައި އެކްސްޕޯޓު ކުރާ އެކި ބާވަތްތަކުގެ މަހާއި، ސޯޔާ ބީންސް، ކާރު ހިމެނެ އެވެ.

މިހާރު ކަނޑައެޅިފައިވާ 90 ދުވަހުގެ ތެރޭގައި ދެ ގައުމުން ވިޔަފާރީގެ އެއްބަސްވުމަށް ނާދެވިއްޖެނަމަ، ސެޕްޓެމްބަރު މަހު 10 ޕަސަންޓަށް ޓެކްސް ބޮޑުކޮށްފައިވާ މުދަލުން، 25 ޕަސަންޓް ޓެކްސް ނަގާނެކަމަށް ވެސް ދެ ގައުމުން ވަނީ ބުނެފަ އެވެ.

ދެ ގައުމުގެ މި ތަޅާފޮޅުމުގެ އަސަރު މުޅި ދުނިޔޭގެ ބާޒާރަށް ކުރާނެކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރުދީފަ އެވެ.