ދުނިޔެ

ދަބަސްތަކެއްގައި ޚާޝުގްޖީގެ ހަށިގަނޑު ނެރޭ ވީޑިއޯއެއް އާންމުވެއްޖެ

Dec 31, 2018

އިސްޓަންބުލް (ޑިސެމްބަރު 30) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ ކަރުގައި ހިފައިގެން މަރާލުމަށްފަހު، ހަށިގަނޑު ކޮށާލައި، ދަބަސްތަކެއްގައި ކޮންސިއުލޭޓު ތެރެއިން ނެރެނިކޮށްކަމަށް ބެލެވޭ ވީޑިއޯއެއް އާންމުކޮށްފި އެވެ.

ތުރުކީގެ މީޑިއާތަކުން އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި، ޚާޝުގްޖީ އާއި ސުވާލުކުރުމަށް ކަމަށް ބުނެ ސައުދީން އައި ޓީމުގެ ބައެއް މެމްބަރުން ކޮންސިޔުލޭޓުން ނުކުމެގެން، ތުރުކީގައި ހުންނަ ސައުދީ ސަފީރުގެ ގެކޮޅަށް ދަބަސްތަކެއް ހިފައިގެން ވަންނަ މަންޒަރު ފެނެ އެވެ.

މީޑިއާތަކުން ތުހުމަތުކުރާ ގޮތުގައި، އެ ދަބަސްތަކުގައި ނެރުނީ ނޫސްވެރިޔާގެ ހަށިގަނޑުގެ ބައިތަކެވެ.

ތުރުކީ ސަރުކާރުން ގަބޫލުކުރާ ގޮތުގައި، އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް އޮކްޓޯބަރު 2 ވަނަ ދުވަހު ޚާޝުގްޖީ ވަނުމާ އެކު ކަރުގައި ހިފައިގެން އޭނާ މަރާލާފައިވާ ކަމަށެވެ.

ސައުދީ ޝާހީއާއިލާއާ ކުރިން ގާތް ގުޅުމެއް އޮތުމަަށް ފަހު، ފަހުން އެއާއިލާއަށް ވަރަށްް ބޮޑަށް ފާޑުކިޔަމުން ދިޔަ ޚަޝޫގްޖީ ވީތަނެއް ނޭނގޭކަމަށް ބުނުމަށްފަހު، ނޫސްވެރިޔާ މަރުވެފައިވަނީ އޭނާ އާއި ސުވާލުކުރި ސައުދީ އޮފިޝަލުންތަކަކާއި ދެމެދު ހިނގި "މާރާމާރީއެއްގައި" ކަމަށް ފަހުން ވަނީ ބުނެފަ އެވެ.